06 އޮކްޓޯބަރ 2022 - 12:32

އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕުގެ ހުރިހާ މެޗެއް ޕީއެސްއެމުން ދައްކާނެ ކަމަށާއި އެކަމަކު އެކަމަށް އިތުރު އަގެއް ދައްކަން ޖެހިދާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ވޯލްޑް ކަޕްގެ މި ސަރަހައްދުގެ ބްރޯޑްކާސްޓިން ރައިޓްސް ނަގާފައި ވަނީ އިންޑިއާގެ 'ވަޔާކޮމް18' އިންނެވެ. ރާއްޖޭގެ މީޑިއާނެޓުން ވަނީ އެއް މިލިއަން ޑޮލަރުގެ އަގަކަށް ރާއްޖޭގެ ރީބްރޯޑްކާސްޓިން ރައިޓްސް އެ ކުންފުނި އަތުން ގަނެފަ އެވެ. މީޑިއާނެޓުން ނިންމާފައި އޮތީ ގިނަ ވެގެން ތިން ޗެނަލަކަށް ރައިޓްސް ވިއްކާލާށެވެ. އެގޮތުން މީޑިއާނެޓުން ހިންގާ އައިސްޓީވީ އަދި ރާއްޖެޓީވީން އިން ރައިޓްސް ގަނެ، މެޗުތައް ދައްކާނެކަން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.
އެއާ އެކު އާއްމުންގެ ހިތުގައި އުފެދުނު ސުވާލަކީ، މުބާރާތް 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދައްކަމުން އަންނަ ޕީއެސްއެމްގެ ޗެނަލަކުން މެޗުތައް ފެންނާނެތޯ އެވެ؟
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު 'މިހާރު' އަށް ވިދާޅުވީ، މީޑިއާނެޓާ ބައިވެރިވާ ތިން ވަނަ ޗެނަލެއްގެ ގޮތުން ޕީއެސްއެމްގެ ޔެސްޓީވީން މެޗުތައް ދައްކާނެ ކަމަށެވެ. އެކަމަކު މީޑިއާނެޓަށް ދައްކަން ޖެހޭ ފައިސާ އަދި ހަމަނުޖެހޭތީވެ، އެކަން އިއުލާންނުކުރަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވަގުތު ދޭން އޮތް ޖަވާބަކީ ޕީއެސްއެމް އިން މެޗުތައް ފެންނާނެޔޭ،" އަލީ ވިދާޅުވި އެވެ.
މީޑިއާނެޓަށް ޕީއެސްއެމް އިން ދައްކަން ޖެހެނީ 333،000 ޑޮލަރު (5.4 މިލިއަން ރުފިޔާ) އެވެ. އެ ފައިސާ ދޭނީ ސަރުކާރުގެ ބަޖެޓުންތޯ ނުވަތަ ހޯދާނީ ސްޕޮންސަރުންގެ އަތުން ކަމެއް ނޭނގެ އެވެ. އަލީ ވިދާޅުވީ އެ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ފައިސާ ހޯދަން ވިސްނައިފައި އޮތީ ދެގޮތަކަށް ކަމަށެވެ.
"މީގެކުރިން އެ ފައިސާ ހޯދާފައި ހުރީ ސްޕޮންސާ ވިއްކައިގެންނާއި ޑިކޯޑަރު ވިއްކައިގެން. އެކަމަކު މިހާރު އަޅުގަނޑުމެންގެ ޑިކޯޑަރެއް ނުހުންނާނެ. އެހެންވެ، ދެން އޮތް ގޮތަކީ ވަކި ޗެނަލެއް ވިއްކުން،" އޭނާ ވިދާޅުވި އެވެ.
"އެހެންވިއްޔާ ވޯލްޑްކަޕް ބަލަން އިތުރު އަގެއް ދައްކަން ޖެހޭނެ."
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެސްއެމް އިން މީޑިއާނެޓާ ބައިވެރިވުމުން، އިތުރު ޕެކޭޖެއް ނުވިއްކާ މެޗުތައް ދެއްކުން މީޑިއާނެޓަށް ފީޒިބަލްވާނެ އެވެ. އެކަމަކު ޕީއެސްއެމް އިން ހޭދަކުރާ ފައިސާ ރިކަވާކުރުމަށްޓަކައި، ޕެކޭޖެއް ވިއްކަން އެ ކުންފުނިން މީޑިއާނެޓަށް ބާރުއެޅުމުގެ ފުރުސަތު އެބައޮތެވެ. އަގެއް ނަގަން ޖެހިދާނެ ކަމަށް އަލީ އެ އިޝާރާތްކުރެއްވީ އެކަމަށެވެ.
އެނގިފައިވާ ގޮތުގައި ޕީއެސްއެމް އިން ވަނީ 'ވަޔާކޮމް18' އަތުން ވަކިން ރައިޓްސް ގަންނަން ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު އެ ކުންފުނިން ކީ 2 މިލިއަން ޑޮލަރުގެ އަގު މާބޮޑުވީ އެވެ. އެހެންވެ ރާއްޖޭގެ ތިން ކުންފުންޏެއް ގުޅިގެން ދައްކާ ގޮތަށް އެއްބަސްވީ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން ވޯލްޑް ކަޕްގެ މެޗުތައް [ކޮން މެޗުތަކެއް ކަމެއް ގާނޫނުގައި ބުނެފައެއް ނެތް] ގައުމީ ޓީވީން ހިލޭ ދައްކައިދޭން ޖެހެ އެވެ. އެކަމަކު އަލީ ވިދާޅުވީ، ގާނޫނުގައި ބުނެފައި ވަނީ ވޯލްޑް ކަޕް އޯޕަނިން ސެރަމަނީ އާއި ހުޅުވާ މެޗު ހިލޭ ދައްކަން ޖެހޭ ވާހަކަ ކަމަށެވެ.
މި އަހަރުގެ ވޯލްޑް ކަޕް އޮންނާނީ ނޮވެމްބަރު 20 އިން ޑިސެމްބަރު 18 އަށް ގަތަރުގަ އެވެ.