ސައުދީ އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ސައުދީ އަތުން ވެސް ރާއްޖެ ބަލިވެއްޖެ

އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި، ސައުދީ އަރަބިއާ އަތުން 9-0 ން ރާއްޖެ ބަލި ވެއްޖެ އެވެ.

ރާއްޖެ އާއި ސައުދީ އަރަބިއާ ހިމެނޭ ގުރޫޕްގެ މެޗުތައް ކުރިއަށް ދަނީ އެ ގައުމުގަ އެވެ. ގުރޫޕް ޑީ ގައި ދެން ހިމެނެނީ އިންޑިއާ އާއި ކުވައިތު އަދި މިޔަންމާ އެވެ.

ސައުދީގެ ޚޯބާރް ސިޓީގެ ސައުދު ބިން ޖަލާވީ ސްޓޭޑީއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ރަމްޒުލް އަތުރީ ހެޓްރިކް ހެދި އެވެ. އޭނާ ފުރަތަމަ ލަނޑު 36 ވަނަ މިނެޓްގައި ޖެހި އެވެ. އޭގެ ދެ މިނެޓް ފަހުން އޭނާގެ ދެވަނަ ލަނޑު ވެސް ޖެހި އެވެ. ހެޓްރިކް ހެދީ 55 ވަނަ މިނެޓްގައި ވައްދާލި ލަނޑުންނެވެ.

އެ ޓީމުގެ ނަވާފް އަލްޖަނާހީ ދެ ލަނޑު ޖެހި އެވެ. އޭނާ ލަނޑުތައް ޖެހީ 29 އަދި 81 ވަނަ މިނެޓްގަ އެވެ. ސައުދީގެ ފުރަތަމަ ލަނޑު ތޮލާލް ހާޖީ ޖެހީ މެޗުގެ 22 ވަނަ މިނެޓްގަ އެވެ.

އެޓީމުގެ އަނެއް ތިން ލަނޑު ޖެހީ ޖަތުބު އަލް ދަފީރީ އާއި ޒިޔާދު ހިބާހް އަދި ފާރިސް ޔޫސުފް އެވެ.

މިހާރު މި ގުރޫޕްގެ އެއްވަނައިގައި އޮތީ ސައުދީ އެވެ. ކުރިން އެއްވަނައިގައި އޮތް ކުވައިތުގެ މައްޗަށް 3-0 ން ކާމިޔާބު ހޯދައި އިންޑިއާއިން ވަނީ ގުރޫޕްގެ ދެވަނަ އަށް ޖެހިލާފަ އެވެ.

ރޭ ގެ މެޗުގައި އިންޑިއާގެ ގަންގްޓީ ދެ ލަނޑު ޖެހި އެވެ. އަނެއް ލަނޑު ޖެހީ ކޯރޫ ސިންހް އެވެ.

ރާއްޖެ އަށް ބާކީ ދެން އޮތީ މިޔަންމާ އާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ގަ އެވެ.