އެންމެ ބޮޑު އަގަކަށް ބިގްބޮސް ކުޅެނީ "އިމިލީ" ގެ ތަރި ސުމްބުލް
އެންމެ ބޮޑު އަގަކަށް ބިގްބޮސް ކުޅެނީ "އިމިލީ" ގެ ތަރި ސުމްބުލް

"ބިގްބޮސް" ގެ 16 ވަނަ ސީޒަން މި ހަފްތާގައި ފަށާފައިވާއިރު ޝޯގެ ފައިނަލިސްޓުންގެ ތެރޭގައި ޓީވީ ތަރި، ސުމްބުލް ތައުގީރު ހިމެނޭނެ ކަމަށް މިހާ އަވަހަށް ގިނަ ބަޔަކު ތިބީ ގަބޫލުކޮށްގެންނެވެ.

އުމުރުން 19 އަހަރުގެ ސުމްބުލްއަކީ ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ، "އިމިލީ" ގައި އިމިލީގެ ރޯލުން ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދި ތަރިއެކެވެ. އޭނާ ޝޯ ދޫކޮށްލިތާ މާގިނަ ދުވަހެއް ނުވެ ބިގްބޮސް އިން އޭނާއަށް ފުރުސަތު ލިބުނު އިރު ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރު އެ ޝޯއަށް ގެންގޮސްފައިވާ އެންމެ އަގު ބޮޑު ތަރިއަކީ ވެސް އެއީ އެވެ.

ސުމްބުލް ޝޯއަށް ނަގާ ފީއަކީ ކޮންމެ ހަފްތާއަކަށް 12 ލައްކަ ރުޕީސް އެވެ. އެވަރުގެ ބޮޑު އަދަދެއް މިފަހަރު އިތުރު ބައިވަރިއަކަށް ހުށައެއް ނާޅަ އެވެ. އަދި އެ އަދަދަކީ މިދިޔަ އަހަރުގެ ސީޒަންގައި ވެސް އެއްވެސް ބައިވެރިއަކަށް ހުށަނާޅާވަރުގެ ބޮޑު އަދަދެކެވެ.

މިދިޔަ ސީޒަންގައި އެންމެ ބޮޑު ފީއެއް ހުށަހެޅީ ތެޖަސްވީ ޕްރަކާޝް އަށެވެ. އޭނާއަށް ވެސް ލިބިފައި ވަނީ ހަފްތާއަކު 10 ލައްކަ ރުޕީސް އެވެ.

އެހެންވެ ބިގޮބޮސްގެ ތާރީހުގައި ވެސް އެންމެ ބޮޑު ފީއަކާ އެކު އެ ގެއަށް ގެންގޮސްފައިވާ ތަރިއަކަށް ސުމްބުލް ވަނީ ވެފަ އެވެ.

މީގެ ކުރިން ޝޯ އިން ފެނުނު މަޝްހޫރު މޫނުތަކަށް ބަލާއިރު ކަރަން ކުންދުރާ ގެންދިޔައީ ހަފްތާއަކަށް 8 ލައްކަ ރުޕީސް އަށެވެ. އަދި ޓީވީ ތަރި ޖޭ ބަނުޝާލީއަށް ހަފްތާއަކު 11 ލައްކަ ރުޕީސްގެ ފީއެއް ދިންއިރު ޝަމީތާ ޝެޓީއަށް ދީފައި ވަނީ ހަފްތާއަކަށް 9 ލައްކަ ރުޕީސްގެ ފީއެކެވެ.

ސަލްމާން ޚާން ހުށަހަޅާ ގޮތަށް ކަލާސް ޓީވީން ދައްކާ މަޝްހޫރު ޝޯ، "ބިގްބޮސް" އަކީ ގެއެއްގެ ތެރޭގައި ބައިވަރު ތަރިންތަކެއް ބަންދުކޮށްގެން ކުރިއަށް ގެންދާ ޝޯއެކެވެ.