ވޯލްޑް ކަޕް ފޯރިގަދަކޮށްލަން މިފަހަރު ނޯރާގެ ލަވައެއް ފެންނާނެ
ވޯލްޑް ކަޕް ފޯރިގަދަކޮށްލަން މިފަހަރު ނޯރާގެ ލަވައެއް ފެންނާނެ

ގަތަރުގައި އަންނަ މަހު ފަށާ ވޯލްޑް ކަޕްގެ ލަވައެއްގައި ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. އެހެން ވެއްޖެ ނަމަ ނޯރާ ވާނީ ވޯލްޑް ކަޕްގެ ސްޓޭޖުގައި އިންޑިއާ އަދި ސައުތު އީސްޓް އޭޝިއާ ތަމްސީލުކުރާ ފުރަތަމަ ތަރިއަށެވެ.

ވޯލްޑް ކަޕާ ދިމާކޮށް ކޮންމެ ފަހަރަކު ވެސް ހާއްސަ ލަވައެއް ނެރެމުން އަންނައިރު މީގެ ކުރިން ޝަކީރާ އާއި ޖެނީފާ ލޮޕޭޒް ކަހަލަ ތަރިންގެ ހުށަހެޅުންތައް ފެނުނެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ފީފާގެ ކުރިއަށް އޮތް ލަވައިގައި ނޯރާ ފަތޭހީ ފެންނާނެ އެވެ. އެ ލަވަ ކިޔާނީ ވެސް އޭނާ ކަމަށްވެ އެވެ.

ބެލީ ޑާންސްގައި މަޝްހޫރު ނޯރާގެ ލަވަ ޕްރޮޑިިއުސްކުރަނީ ދުނިޔޭގެ އެންމެ ވަރުގަދަ ރިކޯޑް ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ރެޑްވަން އިންނެވެ. އޭނާއަކީ ވޯލްޑް ކަޕަށް މީގެ ކުރިން އެންމެ މަޝްހޫރުވި "ވައްކާ ވައްކާ" އާއި "ލާ ލާ ލާ" ވެސް ޕްރޮޑިއުސްކުރި ފަރާތެވެ.

އިންޑިއާގެ އިތުރުން އެކި ކަންކޮޅުތަކުން މީހުންގެ މެދުގައި ނޯރާ މަގްބޫލުވީ 2018 ގައި ނެރުނު "ދިލްބަރު" އިންނެވެ. އޭގެ ފަހުން އޭނާގެ "ގަރްމީ" އާއި "އޯ ސާކީ ސާކީ" ކަހަލަ ހުރިހާ ލަވަތަކަކީ ވެސް ހިޓެވެ. އެންމެ ފަހުން އޭނާ ފެނިގެންދިޔައީ "މަނިކޭ" ގެ ހިންދީ ވާޝަން އިންނެވެ. ދެ ހަފްތާގެ ތެރޭގައި އެ ލަވައަށް 70 މިލިއަން ވިއުސް ލިބިފައިވެ އެވެ.

ނޯރާ ދެން އެންމެ އަވަހަށް ފެންނާނީ އަޖޭ ދޭވްގަން އާއި ސިދާތު މަލްހޯތުރާ އާއެކު "ތޭންކް ގޯޑް" އިންނެެވެ.