ބީޗް ފްރަންޓުން އެންމެ ބޮޑު އަގަކަށް ހުށަހެޅީ އަކަފޫޓަކަށް 8،252ރ.
ބީޗް ފްރަންޓުން އެންމެ ބޮޑު އަގަކަށް ހުށަހެޅީ އަކަފޫޓަކަށް 8،252ރ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން ވިއްކަން އިއުލާންކުރި 22 ގޯއްޗަށް ހުށަހެޅި ބީލަންތަކުގެ ތެރެއިން އެންމެ ބޮޑު އަގަކަށް އަކަފޫޓެއް 8،251ރ. އަށް ގަންނަން ހުށަހަޅައިފި އެވެ. އެއީ މިހާރު ވިއްކަން ނިންމާފައިވާ ގޯތިތަކަށް ބަލާއިރު، ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ އެވެ.

މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ހުޅުމާލެއިން 77 ގޯތި ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލި އެވެ. އޭގެ ތެރެއިން ބީޗް ފްރޮންޓުން ހާއްސަކުރި 22 ގޯތި ގަންނަން 18 ފަރާތަކުން ބީލަން ހުށަހެޅި އެވެ.

އެ ބީލަންތައް ކެނޑުން އިއްޔެ މެންދުރު ކުރިއަށް ގެންގޮސްފައިވާއިރު ގޯތި ގަންނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އަކަފޫޓަކަށް އެންމެ ބޮޑު އަގެއް ހުށަހެޅީ ހަސީނާ އިބްރާހިމް އެވެ. އޭނާ، އަކަފޫޓެއް ގަތުމަށް ޖަހާފައި ވަނީ 8،251ރ. އެވެ.

ހަސީނާ އިބްރާހިމްއާ އެންމެ ގާތުން ދެން ހުށަހެޅީ އާދަމް ނަޒީރު ހުސެއިން އެވެ. އޭނާ ހުށަހަޅާފައި ވަނީ 8،141ރ. އެވެ. ތިން ވަނައަށް އެންމެ ބޮޑު އަގެއް ހުށަހެޅި ފަރިޔާލް ގާސިމް ހުށަހަޅާފައި ވަނީ އަކަފޫޓެއް 7،852ރ. އަށް ގަތުމަށެވެ.

ބީޗް ފްރަންޓުން ދެން ގޯތި ގަންނަން ހުށަހެޅި މީހުން އަކަފޫޓަކަށް ޖަހާފައި ވަނީ 6،500-75،00ރ. އާ ދެމެދުގެ އަގެކެވެ.

އެޗްޑީސީން މިފަހަރު ވިއްކާ ބިންތަކަކީ 1،095.05 އަކަފޫޓާއި 2،588.14 އަކަފޫޓާ ދެމެދުގެ ބޮޑުމިނުގެ ގޯތިތަކެކެވެ.

މިފަހަރު ބީޗް ސައިޑުން 55 ބިމެއް ދޫކުރަން ނިންމާފައިވާއިރު އެ ގޯތިތަކަށް ބީލަން ހުށަހެޅުން އޮންނާނީ މިއަދު އެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް އެޗްޑީސީން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ފްރަންޓުން 26 ބިމަކާއި ބީޗް ސައިޑުން 34 ބިން ވިއްކައިފަ އެވެ. އެފަހަރު ބީޗް ފްރޮންޓުގެ 26 ބިމަށް 211 ބީލަން ހުށަހެޅި އެވެ. އަދި އެފަހަރު ބީޗް ފްރަންޓުން ބިން ގަންނަން އެންމެ ބޮޑު އަގަކަށް ހުށަހަޅާފައި ވަނީ އަކަފޫޓަކަށް 10،220ރ. އެވެ. ބީޗް ސައިޑުން އެންމެ ބޮޑު އަގަކަށް ހުށަހެޅީ 9،001ރ. އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ހިއްކި އެވެ. މިއީ އެތަނުން ބިން ވިއްކާ ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެތަނުން ބިން ވިއްކީ 2017 ގައި ޔާމީންގެ ވެރިކަމުގަ އެވެ.