ދުބާއީ އިން ރާއްޖެ އައި މީހެއްގެ އަތުން 12 މިލިއަނުގެ ޑްރަގް އަތުލައިގެންފި
ދުބާއީ އިން ރާއްޖެ އައި މީހެއްގެ އަތުން 12 މިލިއަނުގެ ޑްރަގް އަތުލައިގެންފި

ވައިގެ މަގުން ދުބާއީ އިން ރާއްޖެ އަށް އައި ޕާކިސްތާނު މީހެއްގެ އަތުން 12 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ މި މަހުގެ އެއްވަނަ ދުވަހު ރާއްޖެ އައި 48 އަހަރުގެ ޕާކިސްތާނުގެ ފިރިހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް ޝައްކުކުރެވިގެން ބަލައިފާސްކުރިއިރު އޭގެ ތެރެއިން 10 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އެ ތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިނަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭނާގެ ދަބަހުން ފެނުނު ޑްރަގުގެ މަގުމަތީ އަގު 12 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އޭނާގެ އަތުން ފެނިފައިވާ މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.