އިންޑިއާ އައުޓް ހުއްޓުވުމުގެ ގަރާރު ބާތިލްކުރަން ހުށަހެޅި މައްސަލަ އަވަސްކޮށްދޭން އެދިއްޖެ
އިންޑިއާ އައުޓް ހުއްޓުވުމުގެ ގަރާރު ބާތިލްކުރަން ހުށަހެޅި މައްސަލަ އަވަސްކޮށްދޭން އެދިއްޖެ

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރު ބާތިލްކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަވަސްކޮށްދޭން އެދިއްޖެ އެވެ.

އިންޑިއާ އައުޓް ހުއްޓުވުމުގެ ގަރާރު ބާތިލްކުރަން ހުށަހެޅި މައްސަލަ އަވަސްކޮށްދޭން އެދިއްޖެ
އިންޑިއާ އައުޓް ހުއްޓުވުމުގެ ގަރާރު ބާތިލްކުރަން ހުށަހެޅި މައްސަލަ އަވަސްކޮށްދޭން އެދިއްޖެ

އެ ގަރާރަކީ ގާނޫނުއަސާސީއާ ޚިލާފު ގަރާރެއް ކަމަށް ކަނޑައަޅައިދޭން ކޯޓަށް މައްސަލަ ހުށަހެޅީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީންނެވެ. މި މައްސަލަ އަވަސްކޮށްދޭން އެދި އެ ކޯލިޝަންގެ އިސް ބޭފުޅުންތަކެއް މިއަދު ވަނީ ސިވިލް ކޯޓުގެ ރަޖިސްޓްރާއާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ނެރުއްވި ގަރާރުން، ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިގަނެވޭ ކަމަށެވެ. އެގޮތަށް ގަރާރު ނެރުއްވައި ހައްގުތައް ހިފަހައްޓައިގެން ނުތިބެވޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާއާ ދެކޮޅަށް ޕީޕީއެމުން މާލެ އާއި ރަށްރަށުގައި ވެސް މުޒާހަރާތަކެއް ކުރި އެވެ. އެ ހަރަކާތް މެދުކަނޑާލާފައި ވަނީ ގަރާރާ ހެދި ކަަމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ސިވިލް ކޯޓުގައި ގަރާރުގެ މައްސަލަ މަޑުޖެހިފައިވާ ކަމުގެ ކަންބޮޑުވުން އިދިކޮޅުން މިއަދު ފާޅުކުރި އެވެ. އެކަމަކު މި މައްސަލަ ކުރިން ކޯޓަށް ހުށަހެޅުމަށް ފަހު ވަކީލުން ކޯޓަށް ހާޒިރުނުވެގެން ކޯޓުން މައްސަލަ ބޭރުކޮށްލީ އެވެ.

"ކޯޓުތަކުން ޖެހޭނެ މިކަހަލަ މައްސަލަތައް އަވަހަށް ނިންމައިދޭން، މިއީކީ ދިގުދެންމޭނެ މައްސަލަތަކެއް ނޫން، އަޅުގަނޑު ގަބޫލުކުރަނީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކާ މި މައްސަލައާ ގުޅުން އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ނެރުއްވި ގަރާރާ ހެދި މަގުމައްޗަށް ނުކުމެ ހިޔާލުފާޅުކުރުމުގެ ހައްގެއް ރައްޔިތުންނަކަށް ނެތެވެ. މިނިވަންކަމަށް ޖާގަ ދެއްވާނެ ކަަމަށް ވިދާޅުވެފައި ވިޔަސް އިންޑިއާ ސަރުކާރުން ބޭނުން ނުވާ ކަމެއް މިގައުމުގައި ނުކުރެވޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ގައުމުގައި ނުފޫޒުގަދައީ، އޭނާ ތުހުމަތުކުރެއްވި ގޮތުގައި، އިންޑިއާގެ ޑިޕްލޮމޭޓުންގެ އެވެ.

އިދިކޮޅުގެ އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ރައީސް ނެރުއްވި ގަރާރުގައި ވަނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށެވެ. ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ އެފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާކަން ވެސް ގަރާރުގައި ފާހަގަކުރައްވާފައިވެ އެވެ.

''....ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން ބަޔާންވެދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި މިކަން މި ގޮތުގެ މަތިން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި މި ގަރާރު އެކަށައެެޅީމެވެ.'' ރައީސް ނެރުއްވި ގަރާރުގައިވެ އެވެ.

އިދިކޮޅު ކޯލިޝަނުން ރައީސްގެ ގަރާރު ބާތިލު ކުރަން ކޯޓަށް ހުށަހެޅީ، އެ ގަރާރާ ގުޅިގެން ގާނޫނީ ބައެއް ބޭފުޅުން ވެސް ފާޑުވިދާޅުވެފައި ވަނިކޮށެވެ. ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަަވަރުކޮށްދީފައިވާ ހައްގުތައް ގަރާރަކުން ހަނިކުރުން ގޯސްކަމަށް ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.