ފަރްހާންއާ ގުޅުމެއް ނެތް: ޝްރައްދާ
ފަރްހާންއާ ގުޅުމެއް ނެތް: ޝްރައްދާ

"ރޮކް އޮން 2" ކުޅެން ފެށީންސުރެ، އެ ފިލްމުގައި ލީޑް ރޯލު އަދާކުރާ ފަރްހާން އަޚްތަރާއި ޝްރައްދާ ކަޕޫރުގެ ލޯބީގެ ވާހަކަތައް މީޑިއާ އިން ދިޔައީ ފަތުރަމުންނެވެ. މިހާރު އެ ފިލްމު ރިލީޒްވެފައި ވިޔަސް މި ވާހަކަތަކަށް އަދިވެސް ހުއްޓުމެއް ނާދެ އެވެ.

ޝްރައްދާ ފަރްހާނުގެ ގޭގައި ދިރިއުޅެން ފެށި ޚަބަރަކާއި އެކަމާ ރުޅިގަދަވެގެން އޭނާގެ ބައްޕަ ޝަކްތީ ކަޕޫރާއި ބޮޑުދައިތަ ޕަދްމިނީ ކޮލާޕޫރީ ފަރްހާންގެ ގެއަށް ގޮސް ޝްރައްދާ ގަދަކަމުން ގެއަށް ގެންދިޔަ ވާހަކަ އެއް ވެސް މިދޭތެރެއިން އިންޑިއާގެ ނޫސްތަކުގައި ލިޔެފައިވެ އެވެ. ނަމަވެސް ޝަކްތީ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

އިންޑިއާ ޓުޑޭ އަށް ދީފައިވާ އިންޓަވިއުއެއްގައި ޝްރައްދާ ވެސް އެ ވާހަކަތައް ދޮގުކުރި އެވެ. ފަރްހާންއާ ލޯބީގެ ގުޅުމެއް ނުބާއްވާކަމަށް ޝްރައްދާ ކަނޑައެޅިގެން ބުންޏެވެ. އަދި މިފަހަރު ނޫސްވެރިން ހައްދުފަހަނަޅައި ގޮސް މުޅީން ދޮގު ވާހަކަތަކެއް ހަދައިގެން ލިޔެފައިވާ ކަމަށް ޝްރައްދާ ބުންޏެވެ. އަދި އެފަދަ ޚަބަރުތައް ލިޔަން ޖެހޭނީ ކޮންމެވެސް ވަރަކަށް ބަލާލައިގެން ކަމަށް އޭނާ ބުންޏެވެ.

ޝްރައްދާ ބޮޑަށް ރުޅިއައީ އޭނާގެ ބައްޕަ އާއި ބޮޑުދައިތަގެ ނަން ވެސް އެ ޚަބަރުތަކުގައި ގެނެސްފައި ވާތީ އެވެ. އޭނާ ބުނީ މީހުންނާ އަޅުވާ ކިޔަސް އޭނާއަށް އެކަމުން މާ ބޮޑު އަސަރެއް ނުކުރާ ކަމަށެވެ. ނަމަވެސް އާއިލާގެ މީހުންނާ ބެހޭ ގޮތުން ދޮގު ވާހަކަތައް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ.

"އާޝިގީ 2" ކުޅުނު ދުވަސްވަރު ޝްރައްދާ އާއި އަދިތުޔާ ރޯއި ކަޕޫރު ރައްޓެހިވި ވާހަކަ ވެސް ދެކެވުނެވެ. ނަމަވެސް އަދިތުޔާ އާއި ކެޓުރީނާ ކައިފް އެކުގައި "ފިތޫރު" ކުޅުނު ފަހުން މިހާރު ވާހަކަ ދެކެވެނީ ކެޓުރީނާ އާއި އަދިތުޔާ ރައްޓެހިވީ ވާހަކަ އެވެ. ޝްރައްދާއާ ބެހޭ ގޮތުން އަދިވެސް ދެކެވެނީ ފަރްހާން އާ ރައްޓެހިވެގެން އުޅޭ ކަމަށެވެ.

ޝްރައްދާ ބުނީ މީހުންނާ އޮންނަ ލޯބީގެ ގުޅުމާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ނޫސްތަކުގައި ލިޔެގެން މަޝްހޫރުވާން ނޫޅެ އޭނާ ކުރާ މަސައްކަތް ބަލައިގަތުމަށެވެ.