05 އޮކްޓޯބަރ 2022 - 11:20

އެލިއާ އިންވެސްމެންޓްސް އަދި ޔަމަހާ ޖަޕާންގެ ޓެކްނިކަލް އެކަޑަމީއާ ގުޅިގެން ކުރިއަށް ގެންދިޔަ ވައިޓީޓީ ޔަމަހާ ޓެކްނިކަލް ޓްރެއިނިން ޕްރޮގްރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

އެ ޓްރެއިނިން ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެލިއާގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އެވެ. އެ ރަސްމިއްޔާތުގައި އަލާއު ވަނީ އެ ފަދަ ޕްރޮގްރާމެއް ބޭއްވުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، އެކަހަލަ އިތުރު ޕްރޮގްރާމުތައް ބޭއްވުމަށް އެ ކުންފުނިން އިންވެސްޓް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިންނަށް ޔަމަހާގެ އެކި ވައްތަރުގެ އިންޖީނުތަކާ ބެހޭ ބޭސިކް ހުރިހާ މައުލޫމާތެއް ހިއްސާކޮށްފަ އެވެ. އަދި އިންޖީނުގެ އެކި ކަހަލަ ކްލިއަރެންސް ދިނުމުގައި ބަލަން ޖެހޭ ކަންތައްތަކާއި، އިންޖީނު ސާވިސް ކުރަން ޖެހޭ ގޮތާއި އެޑްވާންސް ލެވަލުގައި ވެސް ބައެއް ކަންތައްތައް ވަނީ ދަސްކޮށްދީފަ އެވެ.
އެ ޓްރެއިނިން ޕްރޮގްރާމުގައި އެންމެ ފަހުގެ ޔަމަހާ މޮޑެލުގެ އިންޖީނަށް ދިމާވާ މައްސަލަތައް ހައްލު ކުރާނެ ގޮތާއި އެ އިންޖީނާ ބެހޭ މުހިންމު މައުލޫމާތުތަކެއް ވެސް ވަނީ ހިއްސާ ކޮށްފަ އެވެ. އެލިއާއިން އެންމެ ފަހުން ތައާރަފު ކުރި މޮޑެލްގެ އައުޓްބޯޑު އިންޖީނަކީ އާ ޓެކްނޮލޮޖީއެއްގައި އުފައްދާފައިވާ އިންޖީނެކެވެ. އެހެންކަމުން އެ ޓްރެއިނިންގައި އެ އިންޖީނުގައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީ އަށް އަހުުވެރިކުރުވުމަށް ގިނަ މައުލޫމާތުތަކެއް ވަނީ ހިއްސާ ކޮށްފަ އެވެ.
އެލިއާއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ޔަމަހާ އިންޖީނަށް މައްސަލައެއް ދިމާވެއްޖެ ނަމަ ހައްލު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުން ކަމަށެވެ.
އެލިއާ އިން ބުނީ އެ ޕްރޮގްރާމަކީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން ލިމިޓެޑް ސްލޮޓްތަކެއްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. ދިވެހި އިންޖިނިއަރުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 18 އިންޖީނިއަރަކު ވަނީ ބައިވެރިވެފަ އެވެ.
އެ ޓްރެއިނިން ޕްރޮގްރާމްގެ ސެޝަންތައް ނަގައިދީފައި ވަނީ އެލިއާގެ ސިނިއާ މެކޭނިކުންގެ މަގާމުގައި ތިބި ޔަމަހާ ޓެކްނިކަލް އެކަޑަމީގެ ސެޓިފައިޑް ޓްރެއިނަރުންނެވެ.