05 އޮކްޓޯބަރ 2022 - 08:58

ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ބައެއް ބިންތަކުގައި ތިބި ރަޝިޔާ ސިފައިންނާ ދެކޮޅަށް، ޔޫކްރޭންގެ ސިފައިން ވަރުގަދަ ރައްދު ހަމަލާތަކެއް ދީ، އޭގެ ތެރެއިން ބައެއް ބިންތައް އިއްޔެ މިނިވަންކޮށްފި އެވެ.
ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އެ ގައުމުގެ ސިފައިން މިދިޔަ ދެ ދުވަހު، ރަޝިޔާ ސިފައިންނާ ދެކޮޅަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދިނެވެ. ޔޫކްރޭންގެ ދެކުނު ސަރަހައްދުން ރަޝިޔާ ސިފައިން ހިފައިގެން ތިބި ބިންތަކުގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި، ރަޝިޔާ ސިފައިން ފަހަތަށް ޖެހެން ފެށީ، އިއްޔެ މެންދުރުން ފެށިގެންނެވެ.
ޔޫކްރޭން ސިފައިން އެއްގަމު މަގުން ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން، ޔޫކްރޭންގެ ދެކުނުން އޮންނަ ޚެރްސޯން ސަހަރުގެ ބައެއް އަވަށްތަކުން ރަޝިޔާ ސިފައިން ވަނީ ފައިބައިފަ އެވެ. ރަޝިޔާ ސިފައިން އެ އަވަށްތަކުން ފޭބުމާއެކު ޔޫކްރޭން ސިފައިން އެ އަވަށްތަކަށް ވަދެ، މުހިންމު ސަރަހައްދުތަކުގައި ވަނީ ޔޫކްރޭންގެ ދިދަ ނަގައިފަ އެވެ.
ޔޫކްރޭންގެ ދެކުނުގައި އޮންނަ ޚެރްސޯން އަކީ، މިދިޔަ މަހުގެ ފަހުކޮޅު ނެގި އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ފަހު، ރަޝިޔާއާ ގުޅުމަށް ނިންމާފައިވާ ސަރަހައްދެކެވެ. އެ ނިންމުމާ ގުޅިގެން އެ ސަރަހައްދަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ، މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ކަނޑައަޅުއްވައިފަ އެވެ.
ޔޫކްރޭންގެ ދިފާއީ ހަމަލާތައް ވަރުގަދަ ވުމުގެ ސަބަބުން، ރަޝިޔާ ސިފައިން ވަނީ، ޔޫކްރޭންގެ އިރުއުތުރު ސަރަހައްދުގެ ބައެއް އަވަށްތަކުން ވެސް ފައިބައިފަ އެވެ. ރަޝިޔާއާ އެއްކޮށްލި ބިންތަކުގެ ބައެއް އަވަށްތައް، ޔޫކްރޭން ސިފައިން އަލުން ހިފަމުން ދާއިރު، ރަޝިޔާ ސިފައިންގެ ތެރޭގައި ބައިބައިވުން އުފެދި އަމުރަށް ނުކިޔަމަންތެރިވުމުގެ އޮއިވަރެއް ވެސް ވަނީ އުފެދިފަ އެވެ.
ހުޅަނގުގެ އަސްކަރީ އޮފިޝަލުން ވިދާޅުވާ ގޮތުގައި ޔޫކްރޭންގެ ދެކުނު ސަރަހައްދުގައި ހަނގުރާމަ ކުރަމުން ދިޔަ ސިފައިންތަކެއް ވަނީ، އެމީހުންގެ ކޮމާންޑަރުންގެ ގޮތުގައި ތިބި ޖެނެރަލުންގެ އަމުރަށް ނުކިޔަމަންތެރިވެ، ހަނގުރާމައިގެ މައިދާން ދޫކޮށް ފަހަތަށް ޖެހިފަ އެވެ. ރަޝިޔާ ސިފައިން ފަހަތަށް ޖެހުނީ، ރަޝިޔާގެ ބައެއްގެ ގޮތުގައި އޮގަސްޓް 30 ވަނަ ދުވަހު ރައީސް ޕުޓިން ހަމަޖެއްސެވި ހަތަރު ސަރަހައްދުގެ ތެރެއިން ލުހާންސް އާއި ޑޮނެޓްސްކް ސަރަހައްދާ ކައިރީގައި އޮންނަ ލީމާން ސަރަހައްދުންނެވެ.
ޔޫކްރޭނަށް އަރައި ތިބި ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ޔޫކްރޭންގެ ބިންތައް މިނިވަންކުރުމާ ބެހޭ ގޮތުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވަނީ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާތަކުގައި ރައީސް ބައިޑެން ވިދާޅުވީ ޔޫކްރޭންގެ ބިންތައް ރަޝިޔާއާ ގުޅައިލި ޣައިރު ގާނޫނީ އަމަލު އެމެރިކާ އިން ގަބޫލު ނުކުރާނެ ކަމަށެވެ.
އޭގެ އިތުރުން، ރަޝިޔާ ސިފައިންނާ ދެކޮޅަށް ބޭނުންކުރުމަށް އިތުރު އަސްކަރީ ސާމާނު ފޮނުވުމަށް ވެސް ޖޯ ބައިޑެން ވައުދުވެވަޑައިގެންނެވި އެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި 625 މިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު އެމެރިކާ އިން ޔޫކްރޭނަށް ފޮނުވާނެ އެވެ. އޭގެ ތެރޭގައި، ރަޝިޔާ ސިފައިންނަށް މިހާރު އެންމެ ބޮޑު ނުރައްކަލަކަށް ވެފައިވާ، ހިމާޒް މަރުކާގެ ރޮކެޓް ހިމެނެ އެވެ.