ސާރާ މިފަހަރު އުޅެނީ ލޯބި ހޯދާކަށް ނޫން، މިނިވަންކަމަށް
ސާރާ މިފަހަރު އުޅެނީ ލޯބި ހޯދާކަށް ނޫން، މިނިވަންކަމަށް

ބޮލީވުޑްގެ ޒުވާން ތަރި، ސާރާ އަލީ ޚާންގެ ކުރިއަށް އޮތް ފިލްމު، "އޭ ވަތަން މެރެ ވަތަން" އިއުލާންކޮށްފި އެވެ.

ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރަން ހަމަޖެހިފައިވާ އެ މަސައްކަތް އިއުލާންކުރީ ޒުވާން ތަރި، ވަރުން ދާވަން އެވެ. އޭނާ ސޯޝަލް މީޑިއާގައި އެކަން އިއުލާންކުރީ "ސާރާގެ ސްޓައިލް" ގަ އެވެ. އެއީ އާންމުކޮށް ސާރާ ސޯޝަލް މީޑިއާގައި ޕޯސްޓުތައް އާންމުކުރާ ގޮތަށް، ވްލޮގިން ސްޓައިލްގަ އެވެ.

ދަރަބް ފާރޫގީ އާއި ކަންނަން އިޔާ ލިޔެފައިވާ އެ ފިލްމަކީ ތުރިލާ އެކެވެ. ފިލްމު ޕްރޮޑިއުސްކުރަނީ ކަރަން ޖޯހަރާއި އަޕޫރްވާ މެހެތާ އަދި ސޮމެން މިޝްރާ އެވެ.

ފިލްމުގައި ސާރާ ފެންނަނީ އޭނާ މީގެ ކުރިން ކުޅެފައިވާ ފިލްމުތަކާ މުޅިން ތަފާތު ރޯލަކުންނެވެ. ކުރިން ލޯބީގެ ރޯލުތަކުން ސާރާ ބޮޑަށް ފެނިފައި ވިޔަސް މި ފިލްމުގައި އޭނާ ފެންނާނީ މިނިވަންކަމަށް ވަކާލާތުކުރާ މީހެއްގެ ރޯލުންނެވެ. އެއީ 1942 ގައި އިނގިރޭސިންގެ ދަށުން އިންޑިއާ މިނިވަންކުރުމަށް ކުރިއަށް ގެންދިޔަ "ކުއިޓް އިންޑިއާ" މޫވްމަންޓާ ގުޅޭ ފިލްމެއް ކަމަށްވެ އެވެ.

ސާރާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ވިކީ ކޯޝަލްއާ އެކު ކުޅޭ ފިލްމަކާއި ވަރުން ދާވަންއާ އެކު އޭނާ ކުޅޭ ފިލްމެއް ވެސް އެބަ އޮތެވެ.