ހިތް
ހިތް

އާދިއްތަ ދުވަހާ ގުޅޭ

"މެސެޖު ނުކުރޭ!" ނަޒްދާ ފުރަތަމަ ފަހަރަށް ޖަވާބު ފޮނުވިއެވެ.

އޭނަގެ މެސެޖުތައް އެ ހިސާބުން ހުއްޓުނެވެ. އެހެނަސް ފާރަލުމެއް ނުހުއްޓެއެވެ. ނަޒްދާ ދާ ކޮންމެ ތާކަށް އޭނަ ދެއެވެ. ނަޒްދާއަށް އެ ކަން ނޭނގެނީއެވެ. އޭނައަށް ނޭނގޭ ކަމެއް ވެސް އެބަ އޮތެވެ. ނަޒްދާ ދާ ކޮންމެ ތާކަށް "އޭނަގެ" ހަނދާންތައް ނަޒްދާއަށް ގެންދެވެއެވެ.

"ތީ ދެވަނައެއް ނުވާ ހަނދެކެވެ. ހިތުން ނުފިލާ ހުވަނދެކެވެ. ސިއްރު ނޭނގޭ ކަނޑެކެވެ. ހިތަށް އަނިޔާކުރާ ތަދެކެވެ."

އެ ލަފުޒުތައް ނަޒްދާ ހަނދާނެއް ނުނެތެއެވެ. މެސެޖެއް އަންނަ އިރަށް އެއީ އޭނަގެ މެސެޖެއްކަމަށް ނަޒްދާއަށް ހީކުރެވެއެވެ. މީހަކު ބަލަން ހުއްޓަސް، މީހަކު ފޯނާކުޅެން ހުންނަ ތަން ފެނުނަސް، އެއީ އޭނަބާއޭ ހިތަށްއަރައެވެ. ނަޒްދާއަށް ސިފަކުރެވެނީ ކުރީ ދުވަހެއްގައި ނަޒްދާގެ ސައިކަލު ނެރެން އެހީވި ޒުވާނާއެވެ. އޭނައަކީ ރީތި މީހެކެވެ. ހީކުރާ މީހާއަށް ނުވުން އެކަށީގެންވެއެވެ. ހިތާމައަކީ، ޝައްކުކުރާނެ އެހެން މޫނެއް ވެސް ނެތްކަމެވެ.

ދިވެހި ދުވަސް ފާހަގަކުރި ދުވަހެވެ. އަޒާންގެ އިސްކޫލުގެ ދޮރު ހުރީ، ބެލެނިވެރިންނަށް ހުޅުވާލައިފައެވެ. އެ ކަހަލަ ތަންތަނަށް އަންނަން މުޖުތަބާއަކަށް ވަގުތެއް ނެތެވެ. ކޮންމެ ފަހަރަކު ވެސް ދަނީ ނަޒްދާ އެކަންޏެވެ. އިސްކޫލުގެ ގޯތިތެރެ އޮތީ ފުރިފައެވެ. އިހުޒަމާނުގައި ދިވެހިންގެ ބަދިގެ ހުރި ގޮތާއި، ގިފިލި ހުރި ގޮތާއި، ހޮޅުއަށި ވެސް ހަދާފައި ހުއްޓެވެ. ކޮންމެ ބެލެނިވެރިޔަކު ވެސް އުޅެނީ ފޯނުން ފޮޓޯއެއް ނެގޭތޯއެވެ. "އޭނަ" ވެސް އެ ތަނުގައި ހުއްޓެވެ. އޭނަ ފޮޓޯ ނެގީ ނަޒްދާއެވެ.

މެންދުރުފަހު ނަޒްދާ އިންނަނީ ފޮތްފިހާރައެއްގައެވެ. މޫމިނާ ވެސް އެ ތަނުގައި ވަޒީފާއަދާކުރެއެވެ. ދިވެހި ދުވަސް ފާހަގަކުރި ދުވަހުގެ މެންދުރުފަހު ޓިއުޝަން ކިލާސް ބަންދެވެ. އެހެންކަމުން ނަޒްދާ ފޮތްފިހާރައަށް ދިޔައީ އަޒާން ގޮވައިގެންނެވެ. އަޒާން ގޮނޑިއެއްގައި ބައިންދައިފައި ފޮތެއް ދިނުމުން ދެން އެ ހިފައިގެން އިނދެއެވެ. އެ ގޮތުން ވަރަށް ފަސޭހައެވެ. އެ ދުވަހު ވިޔަފާރި ވަރަށް ދަށެވެ. މީހަކު ނުވަދެއެވެ. ފިހާރައިގައި އެހީތެރިވާން އިންނަ ބިދޭސީ މީހާ ބަލިވެގެން ނާދެއެވެ. ވަރަށް ވެސް ފޫހި ދުވަހެކެވެ. ނަޒްދާ އިނީ ގަޑިއަށް ބަލައިލަބަލައިލައެވެ. ފިހާރައަށް އަންހެނަކު ވަނެވެ. ވަން ގޮތަށް އޭނަ ދިޔައީ އެތެރެއަށެވެ. ތަނުގައި ކެމެރާ ނުހުންނާތީ، ނަޒްދާ ތެދުވެގެން އޭނަ ފަހަތުން ދިޔައެވެ. އޭނަ ބޭނުންވީ އެ ތަނުގައި ހުރި ދިވެހި ވާހަކަ ސީރީޒެކެވެ. އޭގައި ފަންސަވީސް ފޮތް އޮވެއެވެ. ފޮތްތައް ހަމަކުރަމުން ގޮސް ހަތްވަނަ ފޮތް ފެންނަ ގޮތެއް ނުވިއެވެ. ނަޒްދާ ފޮތް ހޯދަން ފެށިއެވެ. ދުވަހުގެ ވިޔަފާރި ދަށްކަމުން އެ ފޮތް ސެޓު ވިއްކާލަން ނަޒްދާ ބޭނުމެވެ. ހަތްވަނަ ފޮތް ފެނުނީ ތިރީހަކަށް މިނެޓު ފަހުންނެވެ. ފޮތްތައް ހިފައިގެން އައިސް، ފައިސާ ކަނޑައި، ފޮތްތައް ކޮތަޅަކަށް ލާފައި ދިނުމާއެކު އެ މީހާ ނިކަން އަވަހަށް ނުކުތެވެ. ބާކީ ދިން ވަރު ހަމަތޯ ވެސް ނުބަލައެވެ. ނަޒްދާ ގޮނޑީގައި ހަމަޖެހިލިއެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ، ކުރިން އެ ތަނުގައި ނެތް، ކުޑަ ވަރެއްގެ ސިޓީއުރައެކެވެ. ސިޓީއުރަ ހިފައިގެން ނަޒްދާ އަވަސްއަވަހަށް ނުކުތެވެ. އަންހެންމީހާ ފެންނާކަށް ނެތެވެ. ސިޓީއުރަ ހިފައިގެން ނަޒްދާ އެތެރެއަށް ވަނެވެ. ސިޓީއުރައިގެ އަނެއް ފުށް ބަލައިލިއެވެ. ނަޒްދާއަށް ލިބުނީ ސިހުމެކެވެ. ނަޒްދާގެ ނަން ޖަހާފައި އޮތީމައެވެ. އެއީ އަންހެންމީހާ ގެނައި އެއްޗެއްކަމެއް ނުވަތަ އޭނައަށް ފޮތްތައް ހަމަކޮށްދޭން އުޅުނު ވަގުތު އެހެން މީހަކު އައިސް ބޭއްވި އެއްޗެއްކަމެއް ނޭނގުނެވެ.

"ދަރިފުޅާ! މަންމަ އެ ކޮޅަށް ދިޔަ ވަގުތު މީހަކު ވަންތަ؟" ނަޒްދާ ސުވާލުކުރިއެވެ.

"އާނ!" އަޒާން އިނގެރޭސިން ބުންޏެވެ. އަދި ނަޒްދާ އަތުގައި އޮތް ސިޓީއުރައަށް އިޝާރާތްކޮށްލިއެވެ. "ތި ސިޓީއުރަ ބާއްވާފަ އޭނަ ދިޔައީ. އަހަންނަށް ހީ ވެސް ލި."

އެއީ ކާކު ހެއްޔެވެ؟ ނަޒްދާއަށް މެސެޖު ފޮނުވި މީހާ ހެއްޔެވެ؟ ސިޓީއުރަ ތެރޭގައި އެއްޗެއް އޮތެވެ. ނަޒްދާ އެ އުރަ ކުނިވަށިގަނޑަށް ވައްޓައިލިއެވެ. އެ ވަގުތު ފިހާރައަށް މީހަކު ވަނުމުން ދެން ސަމާލުކަން ދެވުނީ އެ މީހާއަށެވެ. އޭނަ ދިޔުމުން ވެސް ނަޒްދާ އުޅުނީ ސިޓީއުރަ މަތިން ހަނދާން ނައްތައިލާށެވެ. އެ ކަން ވިޔަ ނުދިނީ ނަޒްދާގެ އަމިއްލަ ހިތެވެ. ހިތް ބުންޏެވެ. އެއީ ކޯޗެއްތޯ ބަލައެއް ނުލާނަން ހެއްޔެވެ؟ އެތައް އިރަކު ހިތާ ހަނގުރާމަކުރުމަށް ފަހު ހިތް ކާމިޔާބުކުރިއެވެ. ނަޒްދާ އެ ސިޓީއުރަ ނަގައިފައި ކަނޑައިލިއެވެ. އޭގައި ހުރީ ނަޒްދާގެ ފޮޓޯއެވެ. ދިވެހި ދުވަހު އަޒާންގެ އިސްކޫލުގައި ނަޒްދާ އުޅެނިކޮށެވެ. އެއްވެސް މީހަކު ނަޒްދާގެ ފޮޓޯނެގިކަމެއް ނަޒްދާ ނުދެނަހުއްޓެވެ. ކުރި މީހަކު އެ ކަން ކުރީ ވަރަށް މޮޅަށެވެ.

ފޮޓޯތައް ވީދާލާކަށް ނަޒްދާއަކަށް ނުކެރުނެވެ. ރީތިކަމުންނެވެ. ނަޒްދާ ފޮޓޯތައް ރައްކާކުރީ އަލަމާރީގެ އެންމެ އަޑީގައެވެ. ޔަގީނުން ވެސް މުޖުތަބާ ނަހާވާނެ ތަނެއްގައެވެ. ރޭގަނޑު މުޖުތަބާ ގެއަށް އައެވެ. ޑިއުޓީ އޮންނަ ގޮތުން ބައެއް ދުވަސްދުވަހު ރޭގަނޑު މުޖުތަބާ ފިހާރަޔަށް ދާކަށް ނުޖެހެއެވެ. އެއީ ވަރަށް ފަހުން އައި ބަދަލެކެވެ.

"އަޒާންގެ އިންޓަވަލް ހުސްވެއްޖެ!" ނަޒްދާ ބުންޏެވެ. "ދޭބަލަ އެއްކަލަ ކަހަލަ ކުދި ޖޫސްޕެކެޓު ކޮޅެއް ހިފައިގެން އަންނަން."

"ހަމަ ގެއަށް ވަންނަ އިރަށް ކޮންމެވެސް ކަމަކުކިޔާނެ،" ޝަކުވާގެ ރާގެއްގައި މުޖުތަބާ ބުންޏެވެ. "އެއްކަލަ ކަހަލަ ޖޫސްޕަކެޓޭ ބުނީމަ އަހަންނަށް އެނގޭތަ އެއީ ކޮން ކަހަލަ ޖޫސްޕެކެޓެއްކަމެއް؟ ނަޒްދާ ގޮސް ގަނެލައިގެން އަންނަންވީނު؟"

"އަހަންނަށް ވެސް ހީވަނީ ތި ގޮތް މާ ރަނގަޅުވާނެހެން،" ސައިކަލުގެ ތަޅުދަނޑި ނަގަމުން ނަޒްދާ ބުންޏެވެ. "ދޭ ކާން. ހުންނާނެ ދޮންބިސް ރިހަ ހަދާފަ. މުޖޫއަށް މާ މީރު އެއްޗެއްނު އެއީ."

ނަޒްދާ ބޭރަށް ނުކުތެވެ. ގޭގެ ގޯޅިން ގޮސް މަޖީދީމަގަށް ނުކުތެވެ. އެ ހިސާބުން ނަޒްދާގެ މޯހިރަށް ސައިކަލެއް ވަނެވެ. މަގުމަތީގައި އިންތިހާއަށް މީހުން ގިނަ ނަމަވެސް، އަބަދު ވެސް ދިހަ ވަރަކަށް ފޫޓު ދުރުމިނެއްގައި އޮވެވޭތޯ އޭނަ މަސައްކަތްކުރިއެވެ. ފިހާރަޔަކަށް ނަޒްދާ ހުއްޓައިފިއްޔާ އޭނަ ވެސް ހުއްޓައެވެ. އަޒާންއަށް މީރީ ޓިޕްކޯގެ އޮރެންޖު ޖޫހެވެ. އެއްވެސް ތަނަކުން އެ ލިބޭ ގޮތެއް ނުވިއެވެ. އެހެން ހުރިހާ ރަހަތަކެއް ހުރެއެވެ. އެއް ފަހަރަކު ނަޒްދާ ތަންކޮޅެއް ލަސްވެގެން "އޭނަ" ފިހާރައަށް ވަނެވެ. އެއްޗެއް ގަންނަކަމަށް ހެދިގެން ނަޒްދާޔާ ވަރަށް ކައިރީގައި ހުއްޓެވެ. ބޭނުންވާ އެތި ނުފެނިގެން ނަޒްދާ އުޅޭ ތަން އޭނައަށް ފެނެއެވެ. އެހެނަސް އެއީ ކޯޗެއްކަމެއް ނޭނގެއެވެ. ނަސީބަކުން ނަޒްދާ މީހަކަށް ގޮވައިލިއެވެ.

"މީގެ އޮރެންޖު ނެތްތަ؟" ނަޒްދާ އެހިއެވެ.

އެ ތާކު ވެސް އޮރެންޖެއް ނެތެވެ. ނަޒްދާއަށް ވުރެ ކުރިން "އޭނަ" ނުކުތެވެ. ސައިކަލަށް އަރައިގެން އޮރެންޖު ޖޫސް ހޯދަން އަތްފުނާއަޅަން ފެށިއެވެ. އިސާހިތަކު އޭނައަށް އެ ބުނާ އޮރެންޖު ޖޫހެއް ފެނުނެވެ. ދިހަ ޕެކެޓު ގަތެވެ. ޕެކެޓުތައް ހިފައިގެން ނަޒްދާގެ ގެ ފެންނަ ހިސާބުގައި، އަނދިރީގައި މަޑުކޮށްލިއެވެ. އޭރު ނަޒްދާ ގެއަށް އައިކަމެއް ނުވަތަ ނާންނަކަމެއް ވެސް އޭނައަކަށް ނޭނގެއެވެ. އެތައް އިރަކު މަޑުކުރުމަށް ފަހު އޭނަ ނިންމީ ނަޒްދާ ގެއަށް ވަނީކަމުގައެވެ. އެހެންވެ، ޖޫސްޕަކެޓުތައް ހިފައިގެން ގެއަށް ވަނުމަށް އޭނަ ތައްޔާރުވިއެވެ. ލިބުނު ދަނޑިވަޅެއްގައި އެތެރެއަށް ދެމިގަތެވެ. ނަޒްދާގެ އެޕާޓުމަންޓު ވެސް އޭނައަށް އެނގެއެވެ. ދޮރުގައި ކޮތަޅު އަޅުވައިލުމަށް ފަހު އޭނަ ސިޑިން ތިރިއަށް ހިނގައިގަތެވެ. ދެވަނަ ބައިގެ ސިޑިން ދަނިކޮށް، ނަޒްދާ މައްޗަށް އަރާ ތަން ފެނުނެވެ. އަތުގައި އޮތް ކޮތަޅު ހުޅުވައިގެން އެއަށް ބަލަހައްޓައިގެން ނަޒްދާ އަރާތީ، މަތިން ތިރިއަށް ފޭބި މީހާއަކަށް ނަޒްދާ ނުބަލައެވެ. އެހެނަސް، މީހަކު ފައިބާތީ ނަޒްދާ އޭނައަށް ތަންދެއްކިއެވެ. އޭނަ ދިޔުމުން ނަޒްދާ މައްޗަށް އެރިއެވެ. ކޮތަޅު ފެނުނީ އެޕާޓުމަންޓު ހުންނަ ބަޔަށް އަރަނިކޮށެވެ. ހައިރާންވެގެން ގޮސް ނަޒްދާ ބަލައިލި އިރު އޭގައި ހުރީ އޮރެންޖު ޖޫސްޕެކެޓުތަކެކެވެ. ނަޒްދާއަށް ވިސްނަން ހުރެވުނީއެވެ. ޔަގީނުން ވެސް އެއީ މުޖުތަބާ ގަތް އެއްޗަކަށް ނުވާނެއެވެ. އޭނަ ހުރީ ގޭގައެވެ. އެކަމަކު އެ ކަހަލަ ޖޫސް ނަޒްދާ ބޭނުންވެގެން އުޅޭކަމެއް މީހަކަށް އެނގެންވީ ކީއްވެގެން ހެއްޔެވެ؟ ނަޒްދާގެ ހިތް ބުންޏެވެ. ފޮޓޯ ފޮނުވި މީހާއާއި، ޖޫސް ފޮނުވި މީހާއާއި، މެސެޖު ފޮނުވި މީހާއަކީ އެކަކެވެ. އެ މީހަކު އެ ވަރަށް ނަޒްދާގެ ބޯކޮޅުބަލަނީ ކީއްވެގެން ހެއްޔެވެ؟ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ނަޒްދާ ދެކޭ ގޮތުގައި ނަޒްދާއަކީ، އެހައި ވަރުން މީހަކު އަޅައިގަންނަހާ ރީތި މީހެއް ނޫނެވެ.

އެއް ފޮޓޯގައި ނަޒްދާ ހުރީ ކުޑަކޮށް ހިނިތުންވެފައެވެ. އަނެއް ފޮޓޯގައި ފިކުރެއްގައެވެ. އިސްތަށިގަނޑު ވަޔާ ވިހުރެނިކޮށް ނެގިފައިވާ ފޮޓޯއެއް ވެސް އޮތެވެ. މީހަކު ފޯނުން އެ ފޮޓޯތައް ބަލާތާ ކިތަންމެ އިރެކެވެ. މެސެޖު ނުފޮނުވަން ބުނެފައި އޮތުމުން އެ ކަން ކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. އޭނަ ހިތަށްއެރިއެވެ. ނުފޮނުވަން ބުނީ މެސެޖެވެ. ފޮޓޯއެއް ނޫނެވެ. ވައިބާއިން ފޮޓޯއެއް ފޮނުވުން މަނައެއް ނޫނެވެ. މުޖުތަބާއަށް އެ ފޮޓޯ ފެނިދާނެކަން "އޭނައަށް" އެނގެއެވެ. ތެދަށް ބުނާ ނަމަ، އޭނަ ބޭނުންވަނީ ވެސް އެ ގޮތެވެ. ދެމަފިރިންގެ ދެމެދުގައި މައްސަލައެއް ޖެހިގެން ނޫނީ ކައިވެންޏެއް ނުރޫޅޭނެއެވެ. ކައިވެނި ނުރޫޅޭހާ ހިނދަކު ނަޒްދާއަކީ ހުސްހަށިބައި މީހަކަށް ނުވާނެއެވެ. ނަޒްދާގެ ލޯބި ހޯދަން ބޭނުމިއްޔާ ނަޒްދާ ވަރިކުރުވަން އެބަ ޖެހެއެވެ.

ކައިނިމިގެން ތަށިތައް ނަގަން ނަޒްދާ ހުއްޓައި ވައިބާއިން މެސެޖެއް އައި އަޑުއިވުނެވެ. ތަށިދޮވެ ނިންމައި، އަތްފުހެލައިގެން ނަޒްދާ ފޯނު ބަލައިލިއެވެ. ނަޒްދާއަށް އައިސްފައި އޮތީ ނަޒްދާގެ ފޮޓޯއެކެވެ. ދިވެހި ދުވަހުގައި ނަގާފައި ފޮޓޯތަކުގެ ތެރެއިން ނަޒްދާއަށް ނުލިބޭ ފޮޓޯއެކެވެ. އެ ފޮޓޯގައި ނަޒްދާއަށް ވެސް ނަޒްދާ ވަރަށް ރީއްޗެވެ. ފޮޓޯއަށް ބަލަން ނަޒްދާ ހުއްޓައި ދެން އައީ ފިރިހެނެއްގެ ފޮޓޯއެކެވެ.

ނުނިމޭ