ރަންވީރާއި ދީޕިކާ ވަކިވި ކަމުގެ އަޑު ފޮޓޯއަކުން ހުއްޓުވައިފި
ރަންވީރާއި ދީޕިކާ ވަކިވި ކަމުގެ އަޑު ފޮޓޯއަކުން ހުއްޓުވައިފި

މީގެ ހަތަރު އަހަރުކުރިން ކައިވެނިކުރި ބޮލީވުޑްގެ ޖޯޑު، ރަންވީރު ސިންގާއި ދީޕިކާ ޕަޑުކޯން، ވަކިވާން ނިންމިކަމަށް ބުނާ އަޑުތަކެއް އެރީ މިދިޔަ ހަފްތާގައި ހަމަ ކުއްލިއަކަށެވެ. އެކަމަކު ދެތިން ދުވަހެއް ފަހުން ރަންވީރު މިހާރު ވަނީ އަނބިމީހާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށް އެ އަޑުތައް ހުއްޓުވައިފަ އެވެ.

ރޭ ރަންވީރު އޭނާގެ އިންސްޓަގްރާމުގައި އާންމުކުރި ޕޯސްޓުގައި ފެންނަނީ އިސްތިހާރު ބޯޑެއްގައި ދީޕިކާގެ ފޮޓޯ ފެންނަން ހުރުމުން އެތަނުގެ ކައިރީ އޭނާ ފޮޓޯއަކަށް ހުއްޓިގެން ހުއްޓަ އެވެ. އެއީ ތަންކޮޅެއް ކުރިން ނަގާފައިވާ ފޮޓޯއެެއް ކަމަށް ވެސް ޕޯސްޓުގައިވެ އެވެ.

ގަހަނާ ބްރޭންޑެއްގެ އެމްބެސެޑަރަކަށް ދީޕިކާ ހަމަޖެއްސި ވާހަކަ އެ ބްރޭންޑުން އިއުލާންކުރުމާ އެކު ވެސް ރަންވީރު ވަނީ ދީޕިކާއަކީ އޭނާގެ "ކްއީން" ކަމަށާއި އޭނާއާ މެދު ވަރަށް ފަހުރުވެރިވާ ކަމަށް ބުނެ ކޮމެންޓް ކޮށްފަ އެވެ.

އެހެންވެ ބުރަވެވެނީ ދެ މީހުންގެ މެދުގައި ބޮޑު މައްސަލައެއް ނެތް ކަމަށެވެ. ކުރިއެކޭ އެއްގޮތަށް ސޯޝަލް މީޑިއާގައި ވަރަށް ލޯބިން އެ ދެތަރިން އުޅެމުން އަންނައިރު ބެލެވޭ ގޮތުގައި އެ ޕޯސްޓުތަކަކީ އެމީހުން ވަކިވާން ނޫޅޭކަން ސަޕޯޓަރުންނަށް އިއުލާންކުރުމުގެ ގޮތުން ޖެހި ޕޯސްޓެކެވެ.

ދީޕިކާ އާއި ރަންވީރު 2012 ގައި ރައްޓެހިވީ އެމީހުން އެކުގައި ކުޅުނު ފިލްމެއްގެ ސެޓުން ދިމާވެގެންނެވެ. އޭގެ ފަހުން 2018 ގެ ފަހުކޮޅު އެމީހުން ކައިވެނިކުރީ އިޓަލީގައި ބޭއްވި ވަރަށް ސިއްރު ހަފްލާއެއްގަ އެވެ.

އެ ދެ ތަރިން ވަކިވާން އުޅޭ ކަމުގެ އަޑުގަދަވީ މިފަހުން ފިލްމެއްގެ ޝޫޓިންގެ ތެރެއިން ދީޕިކާއަށް ނޭވާލާން އުނދަގޫވެ ހޮސްޕިޓަލަށް ގެންދަން ޖެހި ކަމަށްވެ އެވެ.