04 އޮކްޓޯބަރ 2022 - 20:40

ޔޫއޭއީގެ އެންމެ އަގުހެޔޮ އެއާލައިން، ވިޒް އެއާގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި އެވެ.

އެ އެއާލައިންގެ ފުރަތަމަ ފްލައިޓް މިއަދު ހަވީރު 4:50 ހާއިރު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފަ އެވެ.

އެ ފްލައިޓްގައި ވިޒްއެއާގެ ބައެއް އިސްވެރިން ވަނީ ރާއްޖެ އަށް ވަޑައިގެންފަ އެވެ. އެ ބޭފުޅުންނާއި، އެ ފްލައިޓުގައި ރާއްޖެ އައި ފަސިންޖަރުންނަށް ވީއައިއޭއިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ކޮންމެ ހަފްތާއަކު އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ވިޒް އެއާއިން ރާއްޖެ އަށް ދަތުރު ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ދަތުރުތަކުގެ އަގުތައް ފެށެނީ ކޮޅަކަށް 97 ޑޮލަރު (1495ރ.) އިންނެވެ.
ވިޒްއެއާގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ކިއަން ބޭއްވި ހަރަކާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބް ޝުޖާއު ވެސް ބައިވެރިވެވަޑައިގަތެވެ.
މީޑިއާތަކާ ވާހަކަ ދައްކަވަމުން މައުސޫމް ވިދާޅުވީ ދުނިޔޭގައި ތެލުގެ އަގު އުފުލިފައިވާ މި ދުވަސްވަރު، ވިޒް އެއާގެ ދަތުރުތައް ފެށުމަކީ ރަނގަޅު ފާލެއް ކަމަށެވެ.
"ވިޒް އެއާއިން ހަފްތާއަކު ހަތަރު ދަތުރު ރާއްޖެއަށް ކުރޭ އެބަ. އެހެންވީމަ 650 ސީޓު އެ ލިބުނީ. އެއީ ވަރަށް ރަނގަޅު ފެށުމެއް،" މައުސޫމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، ވިޒް އެއާގެ ދަތުރުތަކާ އެކު، އެއާލައިންތައް އަގުބޮޑުވުމުން ރާއްޖެ އަށް އޮންނަ ޑިމާންޑަށް ދިމާވެފައިވާ ގޮންޖެހުންތައް ކުޑަކުރެވޭނެ އެވެ.
ވިޒްއެއާގެ އަބޫދާބީ މެނޭޖިން ޑިރެކްޓަރު މައިކަލް ބާލުއިސް ވިދާޅުވިގޮތުގައި، ރާއްޖެއަކީ އަބޫދާބީން އިރުމައްޗަށް އެ އެއާލައިން މިހާރު ދަތުރުކުރާ އެންމެ ދުރު މަންޒިލް ކަމަށެވެ. އަދި ކުރިމަގުގައި ރާއްޖެއާ އަބޫދާބީއާ ދެމެދު ދަތުރުތައް އިތުރުކުރަން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިޒް އެއާގެ ޓިކެޓް އެ އެއާލައިންގެ އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށް ނެގޭނެ އެވެ. ޓިކެޓް ބުކްކުރާއިރު، ވިޒް އެއާއިން ތައާރަފުކުރި "ވިޒް ފްލެކްސް" ބޭނުންކުރުމުން، އެންމެ ލަސްވެގެން ފުރުމުގެ ތިން ގަޑިއިރު ކުރިން ދަތުރު ކެންސަލް ކުރިއަސް ފުލް ރިފަންޑު ވިޒް އެކައުންޓަށް ލިބެ އެވެ.
ދިވެހިންގެ މެދުގައި މަގްބޫލް އަބޫދާބީ އަށް ސީދާ ދަތުރުތައް މީގެ ކުރިން ބާއްވަމުން އައީ އިއްތިހާދު އެއާވޭސް އިން އެކަންޏެވެ.