11 ޖެނުއަރީ 2017 - 06:25

އެމެރިކާގެ ކެލިފޯނިއާގައި ޕާސަނަލް ޓްރެއިނާއެއްގެ ގޮތުގައި މަސައްކަތްކުރި އަދި ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކުރި ރޭޗަލް ފާރޫކްގެ ވާހަކަ ދުުނިޔޭގެ ސަމާލުކަމަށް އައީ 2015 ވަނަ އަހަރު އެވެ. އޭނާގެ ރީތި ހަށިގަނޑު ހިކި އަނަރޫފަވެ މަރުގެ ތުންފަތްމައްޗަށް ދިޔަ އެވެ. އެހީ ހޯދަން ފެށި ކެމްޕޭނާ އެކު އެނޮރެކްސިއާ ނާވޯސާއަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ.

އެނޮރެކްސިއާ އަކީ ކެއިންބުއިން ހަމައިން ނެއްޓޭ މައްސަލައެކެވެ. ނަފްސާނީ ކަންކަމާއި ތިމާ އުޅޭ މާހައުލާއި އިޖުތިމާއީ އެކި ސަބަބުތަކާ ހުރެ މީހަކަށް އެނޮރެކްސިއާ ޖެހިދާނެ އެވެ. ހަށިގަނޑާއި ސިކުނޑީގެ މައްސަލައެކެވެ. ރަނގަޅު އެއްޗެއް ނުކެވެ އެވެ. ކައި އެއްޗެއްގެ ފައިދާ ހަށިގަނޑަކަށް ނުކުރެ އެވެ. ނަތީޖާ އަކަށް ވަނީ ހަށިގަނޑު ހިކި އަނަރޫފަވެ ސިއްހީ އެކި މައްސަލަތަކަށް ހުށަހެޅުމެވެ. ފުރާނައަށް ވެސް ނުރައްކާ ވުމެވެ.

ކާހިތްނުވުމަށް މެދުވެރިވާ މެޑިކަލް މައްސަލައެއްގެ ސަބަބުން ނުވަތަ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އާދަޔާ ހިލާފަށް ވަރުގަދައަށް ކުރާ މަސައްކަތްތަކެއްގެ ސަބަބުން ވެސް އެނޮރެކްސިއާއާ ކުރިމަތި ވެދާނެ އެވެ.

އިސްކޮޅުގައި 5 ފޫޓު 7 އިންޗި ހުރި ރޭޗަލް އެނޮރެކްސިއާގެ ޝިކާއަކަށްވި އިރު ބަރުދަނުގައި 56 ކިލޯގްރާމް ހުއްޓެވެ. އެކަމަކު ބަލީގެ ސަބަބުން ބަރުދަން 18 ކިލޯގްރާމަށް ދަށްވި އެވެ. މިއީ ފަސް އަހަރުގެ ކުއްޖެއްގެ ބަރުދަނެވެ. އެކަމަކު މި ވޭނުން ސަލާމަތްވެ އެނބުރި އައި ގޮތަކީ ރަނގަޅު ފިލާވަޅެކެވެ. ނަމޫނާއެކެވެ.
ފަރުވާ ހޯދަން ކުރި މަސައްކަތުގައި އެންމެ ބޮޑު ހުރަހަކަށްވީ ފައިސާ އެވެ. އެހެންވެ ރޭޗަލް އާއި އޭނާގެ ފިރިމީހާ ރެޑް އެޑްމޮންޑްސަން ނިންމީ ދުނިޔޭގެ އެހީއަށް އެދޭށެވެ. ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުމާ އެކު ފައިސާ ހޯދަން އިންޓަނެޓްގެ ފޯރަމްތަކުގައި ފެށި މަސައްކަތުން އެތައް ހާސް ޑޮލަރެއް ލިބުނެވެ.
ގިނަ މީހުންނަށް ހީވެފައި އޮންނަނީ ކާން ފެށުމުން އެނޮރެކްސިއާ އިން ސަލާމަތްވާނޭ ކަމަށެވެ. ނުވަތަ މިއީ ނުކައި ހުރުމުން ޖެހޭ މައްސަލައެއް ކަމަށެވެ. އެކަމަކު މިއީ އެހާ އާދައިގެ ބައްޔެއް ނޫނެވެ. މި ބަލިޖެހިފައވާ މީހުން މާގިނަ ކެލޮރީޒް ހުންނަ އެއްޗެއް ކެޔަސް ފުރާނައަށް ނުރައްކާވާވަރުގެ ސައިޑް އިފެކްޓްސް ކުރިމަތި ވެދާނެ އެވެ އަދި ހާޓް އެޓޭކް ޖެހުމަކީ ވެސް ވަރަށް ގާތުގައިވާ ކަމެކެވެ.
ރެޗަލްގެ އިންޓަވިއުތަކުގައި ބުނެފައިވާ ގޮތުގައި އެނޮރެކްސިއާ އިން ސަލާމަތް ވެވޭނީ ސިކުނޑިއަށް ވެސް ފަރުވާ ދެވިގެންކަން ގަބޫލުކުރަން ޑޮކްޓަރުންނަށް ވެސް އުނދަގޫވެ އެވެ. ބަލިން ސަލާމަތް ވެވޭނީ އަމިއްލަ އަށް ކުރާ މަސައްކަތުން ކަމަށް ޑޮކްޓަރުން ބުނެ ރޭޗަލް އަށް އެކަށީގެންވާ ގޮތެއްގައި އެހީތެރިކަން ނުލިބި އިތުރަށް ނިކަމެތިވި އެވެ. ހިނގާބިނގާވެ ނޫޅެވޭ ވަރުވި އެވެ.
އެންމެފަހުން ރޭޗަލް އަށް އެހީތެރިވީ އޭނާގެ ފިރިމީހާ އެވެ. ވަޒީފާ ދޫކޮށްލައި ހުރިހާ ވަގުތެއް ރޭޗަލްއަށް ހުސްކުރި އެވެ. ރޭޗަލް ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯތަކާއި މެސެޖުތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެހީ އާއި ހިތްވަރު ލިބުނެވެ.
ފިރިމީހާގެ އެހީތެރިކަމާ އެކު ރޭޗަލް ޕޯޗްގީޒްގައި ހޯދި ފަރުވާއިން އޭނާގެ ބައްޔަށް ޝިފާ ލިބެން ފެށި އެވެ. ރޭޗަލް ބުނި ގޮތުގައި އޭނާ އަށް ކާމިޔާބު ލިބުނީ "ބޮޑު އާއިލާއެއް"ގެ ސަބަބުންނެވެ. އެއީ މުޅި ދުނިޔެ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ "ބޮޑު" އާއިލާއެއް އެބައޮތެވެ. އެއީ މުޅި ދުނިޔެ އެވެ.