ސައިބަ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރަން ބިލެއް
ސައިބަ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރަން ބިލެއް

ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރިއާޔަތްކޮށް ސައިބަ ކްރައިމާއި ގަވަމެންޓް ޑިޖިޓަލް ސާވިސްގެ ބިލެއް އެކުލަވާލައި، މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

ސައިބަ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރަން ބިލެއް
ސައިބަ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރަން ބިލެއް

"ނޭޝަނަލް ސައިބަ ސެކިއުރިޓީ އެވެއާނަސް މަންތު" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވީ އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އުފެއްދުމާ އެކު ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒީލިއަންސް އެންޑް ރިކަވަރީ ޕްލޭނަށް ރިއާޔަތްކޮށް ޑިޖިޓަލް އެކްޝަން ޕްލޭނެއް އެކުލަވާލި ކަމަށެވެ.

ސައިބަ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރަން ބިލެއް
ސައިބަ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރަން ބިލެއް

އެ ޕްލޭންގެ ބޭނުމަކީ ޑިޖިޓަލް ތަރައްގީ އަދި ރައްކާތެރި ސައިބަ ވެއްޓަކަށް ކޮންމެހެން ބޭނުންވާ މުހިންމު ބިންގާތައް އަޅައި ޑިޖިޓަލް ތަރައްގީގެ ދުވެލި، ޖަޒީރާ ރާއްޖެއަކާ ދިމާލަށް ހަލުވިކަމާ އެކު މިސްރާބު ޖެހުންކަމަށް އޭނާ ވިދާޅުވި އެވެ.

ސައިބަ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރަން ބިލެއް
ސައިބަ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރަން ބިލެއް

އެ މަސައްކަތުގެ ތެރެއިން، ސައިބާ ކްރައިމާއި ސައިބާ ސެކިއުރިޓީ އަދި ޕްރައިވެސީ އެންޑް ޑޭޓާ ޕްރޮޓެކްޝަންގެ ބިލެއް އެކުލަވާލައި، ވީހާ ވެސް އަވަހަކަށް މަޖިލީހަށް ހުށަހަޅައި، ރައްކާތެރި ސައިބަ ވެއްޓަކަށް ބޭނުންވާ ގާނޫނީ ފްރޭމްވޯކް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސައިބަ ސެކިއުރިޓީއަކީ ކޮންމެ ފަރުދަކަށް އެއިން އަސަރުކުރާ، އެތަކެއް ގެއްލުންތަކާ ހިތާމަވެރި ހާދިސާތަކުން ފަރުދުންނާއި ވިޔަފާރިތަކާ މުއައްސަސާތައް ރައްކާތެރިކުރުމަށް މިހާރުން މިހާރަށް ބޭނުންވެފައިވާ ހިދުމަތަކަށް ވާކަން މިއަދު އަޅުގަނޑުމެން ފާހަގަކުރަން،"

"މިގޮތުން ގައުމީ ސައިބަ ސެކިއުރިޓީ އޭޖެންސީއެއް ގާއިމްކުރެވި މި އެޖެންސީގެ ބެލުމުގެ ދަށުން ސައިބަ ސެކިއުރިޓީ އިންސިޑެންޓްތަކަށް ރެސްޕޮންޑް ކުރާނެ ޓީމަކާ ގައުމީ ފެންވަރެއްގައި ދުރާލާ ސައިބަ ސެކިއުރިޓީގެ އިންސިޑެންޓްތަކުން ރައްކާތެރި ކުރުމާ ސައިބަ ވެށީގެ ރައްކާތެރިކަން ބަލަހައްޓާ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރެއް ގާއިމްވާން ޖެހޭ،" ނައިބު ރައީސް ފައިސަލް ނަސީމް ޝަރަފުވެރި ކޮށްދެއްވި ރަސްމިއްޔާތުގައި ޝައުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާއްމުންގެ ޒާތީ މައުލޫމާތަކީ ޑިޖިޓަލް ވެށީގައި ވެސް ރައްކާތެރިކަން ލިބިފައިވާ އެއްޗަކަށް ހަދައި ޕްރައިވެސީ އަގުކުރާ މުޖުތަމައުއަކަށް ބަދަލުވާންޖެހޭ ކަމަށެވެ. އަދި ޕްރައިވެސީ އެންޑް ޑޭޓާ ޕްރޮޓެކްޝަންގެ ގާނޫނެއް ވުޖޫދުވެ، އެ މައުލޫމާތުގެ މައްޗަށް އޮތް ހައްގުތައް ކަށަވަރުކޮށް، އެ މައުލޫމާތު ބޭނުންކުރެވޭނެ ގޮތްތަކާއި ރައްކާކުރެވޭނެ މިންގަނޑުތަކާއި އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި މައުލޫމާތު ނައްތާލުން އަދި އެއް ފަރާތުން އަނެއް ފަރާތަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މިންގަނޑުތައް ކަށަވަރުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އަށްފަހު ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެއާ އެކު، ސައިބަ ސްޕޭސްގެ ރައްކާތެރިކަން ކަށަވަރުކުރަން ގައުމީ ފެންވަރެއްގައި އެކަށީގެންވާ މަސައްކަތްތައް ކުރަން މަޖުބޫރުވެފައިވާކަން ޝައުނާ ފާހަގަކުރެއްވި އެވެ.

ބޭރުގައި ހިނގާފައިވާ މިފަދަ ހާދިސާތަކުން މިސާލު ނަންގަވަމުން ޝައުނާ ވިދާޅުވީ ސައިބާ ސެކިއުރިޓީ އެކްސިޑެންޓުތަކަކީ މި ބޭނުންކުރާ ބައިނަލްއަގުވާމީ ޕްލެޓުފޯމްތަކާއި ސޮފްޓްވެއާ ހިދުމަތްތަކަށް އެކަނި ދިމާވާ ކަމެއް ނޫން ކަމަށެވެ.

ރާއްޖޭގައި ވެސް ފާއިތުވި ދެ އަހަރުގެ ތެރޭގައި އެފަދަ ހާދިސާތައް ހިނގާފައިވާ ކަމަށާއި އެއީ ހަމައެކަނި ޑިޖިޓަލް އިންފްރަސްޓްކްޗާ ކުންފުނިތަކާއި އޮންލައިން ހިދުމަތްދޭ ފަރާތްތަކުގެ އެކަނި މައްސަލައެއް ކަމަށް ބަލައި ނިންމާލެވޭކަށް ނެތް ކަމަށް ވިދާޅުވި އެވެ.

"...ސައިބަ ވެއްޓާއި އިޖުތިމާއީ އަދި އިގުތިސޯދީ ހިދުމަތް ދިނުމަށް ގާއިމްކުރެވިފައިވާ ކްރިޓިކަލް އިންފޮމޭޝަން އިންފްރަސްޓްރަކްޗާ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް މިއަދު ވަނީ ކޮންމެހެން ގާއިމްކުރަން ޖެހިފައި. ރައްޔިތުން، ޑިޖިޓަލް ހިދުމަތްތަކަށް ބަރޯސާވާ ވަރު އިތުރުވަމުންދާ ސްޕީޑުގައި، ޑިޖިޓަލް ހިދުމަތްތަކާ އިންޓަނެޓަކީ ވެސް ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރެވިފައިވާ، ރައްޔިތުންނަށް ފުރުސަތު އިތުރުކޮށްދޭ ތަނަކަށް ހެދޭނެގޮތް މިއަދު ބަލަންޖެހޭ،" ޝައުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ އިންސިޑެންޓްތަކަށް އިޖާބަ ދީ، ސައިބަ މައްސަލަތައް މަދުކުރަން އިސްނަގައިގެން މަސައްކަތްކޮށް ސައިބަ ވެއްޓާއި އިޖުތިމާއީ އަދި އިގުތިސޯދީ ހިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ކްރިޓިކަލް އިންފޮމޭޝަން އިންފްރަސްޓްރަކްޗާ، ރައްކާތެރިކަމާ އެކު ބެލެހެއްޓޭނެ ނިޒާމެއް ކޮންމެހެން ގާއިމްކުރަން ޖެހިފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އިންޓަނެޓާއި ޓެކްނޮލޮޖީ ރައްކާތެރިކުރުމަކީ ލަސްނުވެ ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އަދި، ރަނގަޅަށް ޕްލޭން ކޮށްގެން، އެކަމެއް ކުރަންޖެހޭ ވަގުތުގައި ނުކުރެވިއްޖެ ނަމަ ބޮޑު ހަރަދާއި ކުރިމަތިލާންޖެހޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ވަސީލަތްތައް ބޭނުންކުރުމުގައި ވަކި އުމުރެއް ނެތުމުން ކުޑަކުދިންނަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކުން ރައްކާތެރި ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެގޮތުން ގޮތް ނޭނގޭ ކަންކަމުގެ ތެރެއަށް ކުޑަކުދިން ދޫކޮށްލުމަކީ އިއާދަ ނުކުރެވޭނެ ގެއްލުންތައް ލިބިގެންދާނެ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އޭގެ ސަބަބުން ކުޑަކުދިންނަށް އިންޓަނެޓްގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ ހިތަށް ގެންނަން ވެސް ދަތި ކަންތައްތަކެއް ކަމުގައި ވިދާޅުވި އެވެ.

ސައިބަ ސޭފް މޯލްޑިވްސް ކެމްޕޭންގެ ހަރަކާތްތައް މި މަހަށް ބަހާލައިގެން ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ހަތް ޓްރެއިނިން ޕްރޮގްރާމަކާއި، ތިން ޕެނަލް ޑިސްކަޝަނަކާއި ހޭލުންތެރި ކުރުވުމުގެ 16 ސެޝަނެއް ވެސް ހިމެނެ އެވެ.