04 އޮކްޓޯބަރ 2022 - 11:01

ޔުނައިޓެޑް ވިކްޓަރީން މުސާރަ ނުދީގެން، ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފެށި ބިދޭސީ ދެ ކުޅުންތެރިންގެ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވުމުން އެ ކުޅުންތެރިން ހަޅުތާލު ހުއްޓާލައިފި އެވެ.
އެ ކްލަބްގެ ޑިފެންޑަރު ސާބިއާގެ މިލޯސް ކޮވަސިޗް އާއި މިޑްފީލްޑަރު ބެލަރޫސްގެ އީވާން ވެރަސް ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެކަމަކު ހަމަ އެދުވަހު މެންފުރުފަހު ބައްސާމް އެ ދެ ކުޅުންތެރިންނާ ބައްދަލު ކުރި ކަމަށް މިލޯސް ބުންޏެވެ.
"މި ވާހަކަ [ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގެ ހަބަރު] މީޑިއާ އަށް ދިޔަތާ ގާތްގަނޑަކަށް 15 މިނެޓް ފަހުން އެމީހުން [އެފްއޭއެމުން] އަހަރެމެންނަށް ގުޅި. އެ މީހުން އަހަރެމެންނަށް ދައުވަތު ދިނީ ބައްސާމް އާއެކު ބައްދަލު ވުމަކަށް،" މިލޯސް ބުންޏެވެ.
މިލޯސް ބުނި ގޮތުގައި ގާތްގަނޑަކަށް ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ ބައްދަލުވުމުގައި، ބުދަ ދުވަހު ހުރިހާ ކަމެއް ހަމަޖައްސާނެ ކަމަށް ބައްސާް ވައުދުވެ ވަޑައިގަތް ކަމަށެވެ.
"އެންމެ ލަސްވެގެން ބުދަ ދުވަހު [މާދަމާ] އަހަރެމެންގެ މުސާރަ ހަމަޖައްސައި ދީ މުއްދަތު ހަމަވެފައިވާ ވިސާ އަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ވެސް އަދި ޓިކެޓް ވެސް ނަގައިދީ މި ހަފުތާގައި އަހަރެމެން ފުރުވާލާނެ ކަމަށް ބައްސާމް ވައުދުވި،" މިލޯސް ބުންޏެވެ.
އޭނާ ބުނީ މިދިޔަ މަހު ވެސް ބައްސާމް އަށް މެސެޖުކޮށް އޭނާގެ ކަންބޮޑުވުން ހިއްސާ ކުރި ކަމަށެވެ. އަދި އާދިއްތަ ދުވަހު ބައްސާމް އާއެކު ބޭއްވި ބައްދަލުވުމުގައި ވެސް އެކަން ފާހަގަ ކޮށްފައިވާނެ ކަމަށް ތިން ވަނަ ފަހަރަށް ރާއްޖޭގައި ކުޅުނު މިލޯސް ބުންޏެވެ.
"ބައްސާމް ދިން ޔަގީން ކަމާއެކު އޭގެ ފަހުން އަހަރެމެން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ހުއްޓާލިން،" މިލޯސް ބުންޏެވެ.
"އެކަމަކު ބުދަ ދުވަހު ވެސް އެކަންކަން ހައްލުކޮށް ނުދީފިނަމަ އަނެއްކާ ވެސް އަހަރެން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފަށާނަން. އަހަރެން ބައްސާމް ކައިރީގައި ވެސް ބުނިން މުސާރަ އާއި ވިސާ ފީ އާއި ޓިކެޓް އަހަންނަށް ނުފެންނަނީސް އެ ވާހަކަ ގަބޫލު ނުކުރާނެ ކަމަށް. ސަބަބަކީ މިދިޔަ ދެ މަސްތެރޭ ވެސް އެފްއޭއެމުން އެއްވެސް ކަމެއްކޮށްފައި ނުވާތީ."
މިދިޔަ އާދިއްތަ ދުވަހު، ޔުނައިޓެޑް ވިކްޓަރީގެ ސީނިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، މި ހަފުތާގައި އެ ދެ ކުޅުންތެރިންގެ ކަންކަން ހައްލުކޮށް ދޭނެ ކަމުގެ ޔަގީންކަން ކްލަބުން ވެސް ދީފައި ވާނެ ކަމަށެވެ.
"ފައިނޭންސްގެ މައްސަލަ އަޅުގަނޑުމެންނަށް ވެސް ވަނީ ކުރިމަތި ވެފައި. އެކަމަކު އެ ދެ ކުޅުންތެރިންނަށް ވެސް މިހާރު އަންގާފައި ވާނެ މި ހަފުތާގައި ހުރިހާ ކަންތައްތަކެއް ހައްލުކޮށް ދިނުމަށް ފަހު ފުރުވައިލާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. "މި ހަފުތާގައި އެ ކުޅުންތެރިންނަށް މުސާރަ ދެވޭނެ."