04 އޮކްޓޯބަރ 2022 - 11:08

އެމްޓީސީސީ ދިވެހި ސާފް ލީގުގެ މި އަހަރުގެ ހަތަރު ވަނަ އިވެންޓް "ގާމާދޫކޮޅު 2022" ކ. ހިންމަފުށީގައި މިއަދު ފަށައިފި އެވެ.
ރާއްޖޭގެ ގައުމީ ޗެމްޕިއަންކަން (ރަންނަމާރި ޗެލެންޖް) ހަތް ފަހަރު ހޯދާފައިވާ ހުސެއިން އަރީފް (އިބޫ) ވެސް ވަނީ 2019 ގެ ރަންނަމާރި ޗެލެންޖް އަށް ފަހު ފުރަތަމަ ފަހަރަށް މުބާރާތެއްގައި ވާދަ ކޮށްފަ އެވެ. އެ އަހަރުގެ ރަންނަމާރި ޗެލެންޖް މުބާރާތް ކާމިޔާބު ކުރީ ވެސް އޭނާ އެވެ.
މި މުބާރާތުގެ ކުރިން އިބޫ ވަނީ ސްރީ ލަންކާގެ ހިއްކަޑުވާގައި މިއަހަރުގެ ޖެނުއަރީ މަހު ބޭއްވި ރެޑްބުލް ރައިޑް މައި ވޭވް ސާފިން މުބާރާތުގައި ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ނަމަވެސް އެންމެ ފަހުން ގައުމީ ޗެމްޕިއަންކަން ހޯދުމަށް ފަހު މިއީ މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބާއްވާ މުބާރާތެއްގައި އިބޫ ވާދަކުރާ ފުރަތަމަ މުބާރާތެވެ.
ޖުމްލަ 48 ރާޅާއެޅުންތެރިންނާ އެކު ކުރިއަށްދާ ފިރިހެން އޯޕަންސް ފުރަތަމަ ބުރުގެ ފުރަތަމަ ހީޓުގައި އިބޫ ވާދަކުރަން ޖެހުނީ ނާޖިހް ރަޝީދު، ލުގުމާން މުހައްމަދު އަދި މި އަހަރުގެ އެންމެ ފަހުން ބޭއްވި ދެ މުބާރާތް ވެސް ކާމިޔާބުކޮށް، މިވަގުތު ގައުމީ ރޭންކިންގެ އެއްވަނައިގައި އޮތް އަހުމަދު އާގިލް (އަންމަޑޭ) އާ އެވެ.
އަންމަޑޭ މި ހީޓް ކާމިޔާބުކުރީ 0.5 ޕޮއިންޓުގެ ތަފާތަކުން އިބޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަންމަޑޭގެ ފުރަތަމަ ދެ ރާޅަށް އޭނާ ވަނީ 5.83 އަދި 7.67 ޕޮއިންޓް ހޯދައި، 13.50 ގެ ސްކޯ އެއް ހޯދައިފަ އެވެ. އިބޫގެ ފުރަތަމަ ރާޅުގައި 6.83 ޕޮއިންޓް ސްކޯ ކުރި އިރު، ދެން އެންމެ ރަނގަޅު ސްކޯ އަކަށް ވީ ފަސް ވަނަ ރާޅުގައި ހޯދި 6.17 ޕޮއިންޓެވެ. މިއާ އެކު އިބޫގެ ޖުމްލަ އަކަށް ވީ 13 ޕޮއިންޓެވެ.
"ކުރީގެ ފީލިންގްސްތައް އައި ކަހަލަ. މުބާރާތެއްގައި ނާޅާތާ ތިން ވަރަކަށް އަހަރު ވަނީ، އަދިވެސް ކޮމްޕެޓިޓިވް ފީލިންގް އައި،" ގިނަ ދުވަސްތަކަކަށް ފަހު ވާދަކުރި ފުރަތަމަ ހީޓަށް ފަހު އިބޫ ބުންޏެވެ.
"އަންމަޑޭގެ ރާޅާއެޅުން ވެސް ވަރަށް ރަނގަޅު، ރާޅު ވެސް ކުދި، އެކަމަކު ރަނގަޅު ރާޅު ހޯދައިގެން ރަގަޅު ސްކޯ ހޯދި އަންމަޑޭ. އަންމަޑޭގެ ޕޮޓެންޝިއަލް އެބަހުރި ޓައިޓަލް ހޯދަން، އުންމީދުކުރަން އަންމަޑޭ ޗެމްޕިއަންކަން ވެސް ހޯދާނެ ކަމަށް."
އިބޫ ޗެމްޕިއަންކަން ހޯދަން އުންމީދު ކުރަންތޯ އެހުމުން އޭނާ ބުނީ، "މަސައްކަތް ކުރާނަން" ކަމަށާއި އެއްޗެއް ބުނަން އެނގޭނީ މުބާރާތުގައި ކުރިއަށް ދެވޭ ވަރަކުން ކަމަށެވެ.
މި ހީޓުން އެއްވަނަ ހޯދި އަންމަޑޭ ބުނީ އަބަދުވެސް އިބޫއާ އެކު އެއް ހީޓެއްގައި ވާދަކުރަން ބޭނުންވާ ކަމަށެވެ. އަދި ކޮންމެ މުބާރާތެއްގައި ވެސް އޭނާގެ ޓާގެޓާކީ ފައިނަލްގެ ޖާގަ ހޯދުން ކަމަށް ވެސް އަންމަޑޭ ބުންޏެވެ.
"އަބަދުވެސް ބޭނުންވާ އެއް ހީޓު މިއީ، އިބޫއާ އެއްކޮށް އަޅާލުން. އޭނައާ އެއްކޮށް ޖެހުނީމަ އަސްލު ނޭނގޭ ވާގޮތެއް ބުނާކަށް، މާ ގަދައަށް ރާޅާ އެޅޭ އަސްލު،" ހުރާކޮޅު އަދި މުލީކޮޅުގައި ޗެމްޕިއަންކަން ހޯދި އަންމަޑޭ ބުންޏެވެ.
"ހުރިހާ މުބާރާތެއްގައި ވެސް ޓާގެޓަކީ ފައިނަލް، އެއީ ލާސްޓް ސްޓޮޕް، ފައިނަލަށް ދިޔައީމަ ރިލެކްސް ވާނެ."
ހީޓްގެ އެއް ވަނަ އަދި ދެވަނަ ހޯދި އަންމަޑޭ އާއި އިބޫ އަށް ތިންވަނަ ބުރުން ސީދާ ޖާގައެއް ލިބިފައި ވެއެވެ. ތިން ވަނަ އަދި ހަތަރު ވަނައަށް ދިޔަ ނާޖިހް އާއި ލުގުމާން، ތިން ވަނަ ބުރުން ޖާގަ ހޯދަން ޖެހޭނީ ދެ ވަނަ ބުރުގައި (ރެޕޯ ރައުންޑް) ގައި ވާދަ ކުރާށެވެ.
ނާޖިހް އަށް މި ހީޓުގައި 4.80 ޕޮއިންޓްގެ ސްކޯއެއް ހެދުނު އިރު، ލުގުމާން ހީޓަށް ހާޒިރެއް ނުވެ އެވެ.
މި މުބާރާތުގެ ފިރިހެން ޖޫނިއާ ޑިވިޝަނުގައި 17 އެތުލީޓެއް ވާދަކުރާނެ އެވެ. އަދި ފެބްރުއަރީ މަހު އޮތް މިއަހަރުގެ ސާފް ލީގުގެ ފުރަތަމަ އިވެންޓަށް ފަހު ފުރަތަމަ ފަހަރަށް، އަންހެން ޑިވިޝަން ވެސް ގާމާދޫކޮޅުގައި އޮންނާނެ އެވެ. އަންހެން އޯޕަންސް ގައި ހަތަރު އެތުލީޓުން ވާދަކުރެ އެވެ.
މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހިންމަފުށީގައި މި އިވެންޓް ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، ސާފް ލީގުގައި މި އަހަރު ދެން ބާކީ އޮތީ ނޮވެމްބަރު މަހު މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ގައުމީ މުބާރާތް (ރަންނަމާރި ޗެލެންޖް) އެވެ.
އެމްއެސްއޭ އިން ވަނީ މި މަހުގެ ފަހުކޮޅު؛ އޮކްޓޫބަރު 26 އިން 29 އަށް، 18 އަހަރާއި 16 އަހަރާއި އަދި 14 އަހަރުން ދަށުގެ ޖޫނިއާ އަންހެން އަދި ފިރިހެން ސާފަރުންނަށް ހާއްސަކޮށްގެން މުޅިން އަލަށް ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ބާއްވަން ތައްޔާރު ވަމުންނެވެ.