އަޒުހާންގެ ފޯނު ފެނިއްޖެ، މަރާލި ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތް: ޕޮލިސް
އަޒުހާންގެ ފޯނު ފެނިއްޖެ، މަރާލި ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތް: ޕޮލިސް

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެ ފެނުނު މުހައްމަދު އަޒުހާން މަރާލި ކަމަށް ބެލެވޭ އެއްވެސް ހެއްކެއް އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އެ މައްސަލައިގައި ފުލުހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރި ކަމަށް ބުނެ ކިޔަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ އަޒުހާން ގެއްލިގެން އެ އާއިލާއިން ރިޕޯޓުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އެއާއެކު، އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން މާލެ އާއި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކާއި އިންޓެލިޖެންސަށް އެ މައުލޫމާތު ހިއްސާކުރި ކަމަށް ބުންޏެވެ.

އެގޮތަށް ބެލުމުން، އަޒުހާން ގެންގުޅޭ ފޯނު ނަމްބަރަށް އެންމެ ފަހުން ސިގްނަލް ލިބިފައިވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ހުންނަ ސެލް ޓަވަރަކަށް ކަމަށް ބުނެފައިވެ އެވެ.

އެކި ގޮތްގޮތުން ލިބުނު މައުލޫމާތަށް ބަލައި އަޒުހާން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް 27 އަހަރުގެ ޒުވާނާ ފެނިފައިވަނީ ސްކޭޓް ޕާކް ސަރަހައްދުގެ ގަސްތަކުގެ ތެރޭގައި ކުނިވެފައި އޮއްވަ އެވެ. އެއާއެކު، ގެއްލިގެން ހޯދާ މީހެއްގެ މައްސަލައަކުން މަރުގެ މައްސަލައަކަށް ބަދަލުކޮށް މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ.

ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކުރަން އަޒްހާންގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފަ އެވެ. އަދި ތަހުގީގުގެ ތެރެއިން އޭނާގެ ފޯނު ހޯދާފައިވާއިރު، މަރާލާފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ބުންޏެވެ.

އެ އާއިލާއިން އަޒުހާންގެ ހަބަރެއް ނުވެ، ގެއްލިގެން ހޯދަން ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 ހާއިރުން ފެށިގެންނެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިޔާ ފްލެޓް ކައިރިން ޓެކްސީއެއްގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގެސްޓް ހައުސްއަކަށް އޭނާ ދިޔަ ކަމަށެވެ.

އެ ގެސްޓް ހައުސް އާއި އެ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފުޓޭޖުތައް ނަގައި އެނަލައިޒްކޮށް، ތަހުގީގަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ނިރޮޅު މަގުގައި ހުންނަ ސްކޭޓް ޕާކް ސަރަހައްދާއި ވޯޓާ ތީމް ޕާކް ހަދަން ދޫކޮށްފައިވާ ސަރަހައްދު ފާސްކުރި ކަމަށް ބަޔާނުގައި ބުންޏެވެ.

"މި މަސައްކަތުގެ ތެރެއިން ސެޕްޓެމްބަރު 30، 2022 ވަނަ ދުވަހު ފުލުހުންނަށް ލިބުނު އިތުރު ސީސީޓީވީ ފުޓޭޖުތަކެއްގެ އެހީގައި ލިބުނު މައުލޫމާތުތަކުން ސެޕްޓެމްބަރު 18، 2022 ވަނަ ދުވަހުގެ ހެނދުނު ސްކޭޓް ޕާކާ ދިމާ އަތިރި މައްޗަށް މުހައްމަދު އަޒުހާން ފައިބާ މަންޒަރާއި އެއަށްފަހު އަތިރިމަތިން އެއްގަމަށް އަރައިގެން އައިސް ސްކޭޓް ޕާކާ ދިމާއިން ނިރޮޅުމަގަށް ނުކުންނަކަން އެނގިފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ އަޒުހާން ދެން ފެންނާނެ ކަމަށް ބެލެވުނު ތަނާ އެންމެ ކައިރިން ލިބެން ހުރި ސީސީޓީވީ ފުޓޭޖު ނަގައި ބެލިއިރު ވެސް އޭނާ ނުފެނުނު ކަމަށެވެ. އެހެންވެ، ސްކޭޓް ޕާކް ހިމެނޭ ސަރަހައްދު ބަލައި ފާސްކުރުމަށް ތަހުގީގު ޓީމުން އަނެއްކާ ވެސް ނިންމީ ކަމަށް ބުންޏެވެ.

މީގެ ހަފްތާއެއް ކުރިން އަޒްހާންގެ ދައްތަ، ފާތިމަތު އަޒްމީ އަހްމަދު "މިހާރު" އަށް ބުނީ އަޒްހާން އެންމެ ފަހުން ވާހަކަ ދެއްކީ އޭނާގެ ލޯބިވެރިޔާއާ ކަމަށެެވެ. އޭނާ ގެއްލުނު ދުވަހުގެ ހެނދުނު ވެސް އޭނާގެ ލޯބިވެރިޔާއާ މެސެޖުން ވާހަކަ ދެއްކި ކަމަށާއި އެ ދުވަހު ހެނދުނު ގެއިން ނުކުމެގެން ދިޔަ ގޮތަށް ނުފެންނަ ކަމަށް އަޒްމީ އެ ދުވަހު ކިޔައިދިނެވެ.

އަޒްހާނަށް އެއްވެސް ބަޔަކު ގެއްލުމެއް ދޭންޖެހޭ ސަބަބެއް އޮންނާނެ ކަމަކަށް އާއިލާއިން ވެސް ނުދެކެ އެވެ. އަޒްމީ ބުނީ އަޒުހާނަކީ އެންމެންނާ ވެސް ގުޅޭ މިޒާޖެއްގެ މީހެއް ކަމަށެވެ. އަދި ގެއިން ނުކުމެގެން ދިޔައިރު ވެސް އޭނާ ހުރީ ވަރަށް ހަމަޖެހިގެން ކަމަށާއި އެއްވެސް މީހަކާ ރުޅިވެރިކަމެއް ވެސް ނެތް ކަމަށް އޭރު ބުންޏެވެ.