ކޫއްޑޫގައި އިމާރާތުން ވެއްޓުނު ބިދޭސީ މީހާ ނިޔާވެއްޖެ
ކޫއްޑޫގައި އިމާރާތުން ވެއްޓުނު ބިދޭސީ މީހާ ނިޔާވެއްޖެ

ގއ. ކޫއްޑޫގައި ހުންނަ މިފްކޯގެ އިމާރާތެއްގެ ޓިނު ބަދަލުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ވެއްޓި ހާލު ސީރިއަސްވި ބިދޭސީ މީހާ އިއްޔެ ނިޔާވެއްޖެ އެވެ.

އެ ހާދިސާ ހިނގުމާއެކު މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އޭނާ ވަނީ އެ އަތޮޅު ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ނަމަވެސް ބޮލަށް ލިބިފައި ހުރި ސީރިއަސް ޒަހަމްތަކާއެކު އިތުރު ފަރުވާ ދިނުމަށް ހަމަ އެ ރޭ ވަނީ މާލެ ފޮނުވާލައިފަ އެވެ. އޭރުއްސުރެ 41 އަހަރުގެ އެ ބިދޭސީ މީހާއަށް އައިޖީއެމްއެޗްގައި ދިޔައީ ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިމާރާތުން ވެއްޓި ހާލު ސީރިއަސްވި މީހާއަށް ފަރުވާ ދެމުންދަނިކޮށް ނިޔާވީ އިއްޔެ އިރުއޮއްސި 6:00 ޖަހާކަށްހާއިރު ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

މަސައްކަތުގައި އުޅެނިކޮށް މީގެ ކުރިން ވެސް އެތައް ބިދޭސީންނަކަށް ބޮޑެތި އަނިޔާތައް ވެ، އޭގެ ތެރެއިން ބައެއް މީހުން ނިޔާވެފައިވެ އެވެ.