03 އޮކްޓޯބަރ 2022 - 11:37

ތައިލެންޑްގައި ބޭއްވި އޭޓީއެފް ޓެނިސް މުބާރާތުގެ ޑަބަލްސް ބައިގައި ވާދަކޮށް ރާއްޖޭގެ އުއްމީދީ ތަރީ އާރާ އާސަލް އާޒިމު ޗެމްޕިއަންކަން ހޯދައިފި އެވެ.
ބެންކޮކްގައި ހުންނަ ކޯ ޓެނިސް އެކަޑަމީން ތަމްރީން ހަދަމުން އަންނަ އާރާ އާއި އޭނާގެ ޑަބަލްސް ޕެއާ ވަނީ ޑަބަލްސް ބައިގެ 14 އަހަރާއި އަދި 14 އަހަރުން ދަށުގެ ސީ ޓޫ ސިކްސްގެ ކެޓަގަރީގައި ވާދަކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.
އެ ކެޓަގަރީގެ ސިންގަލްސް ބައިގައި ވާދަކޮށް އާރާ ބްރޯންޒް މެޑަލް ހޯދި އެވެ.
އޭޓީޓީއެފް ޖޫނިއާ ރޭންކިންގެ 14 އަހަރުން ދަށުގެ ރޭންކިންގެ 17 ވަނައިގައި އޮތް އާރާ ވަނީ މިދިޔަ މަހު ފަހު ކޮޅު އޮތް މުބާރާތުގެ ސީޓޫ ފައިވް ކެޓަގަރީގައި ވާދަކޮށް ސިންގަލްސް ބައިން ބްރޯންޒް މެޑަލް އަދި ޑަބަލްސް ބައިން ފައިނަލުގައި ވާދަކޮށް ރިހި މެޑަލް ހޯދި އެވެ.
އޭޓީއެފްގެ ރިކޮގޮނިޝަން ލިބިފައިވާ މުބާރާތުގައި 16 ގައުމެއްގެ ކުޅުންތެރިން މުބާރާތުގެ އެކި ކެޓަގަރީތަކުގައި ވާދަކުރި އެވެ.
ޖޫނިއާ ލެވަލްގައި ސްރީ ލަންކާގައި ކުޅުނު ހަތަރު މުބާރާތެއްގެ ޗެމްޕިއަންކަން ވެސް ހޯދި ގައުމީ ޓީމު ސެލެކްޝަން މުބާރާތުގައި އާރާ ފުރަތަމަ ފަހަރަށް ވާދަކޮށް އޭނާ އަށް ވުރެ އުމުރުން ދޮށީ ކުޅުންތެރިންނާ ދެކޮޅަށް ކުޅެ އެ ކުޅުންތެރިން ބަލި ކުރި އެވެ. ސެލެކްޝަން މުބާރާތުގައި 2020 ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށް މުބާރާތުގެ އެއް ވަނަ ހޯދި އެވެ. އޭރު އުމުރުން 12 އަހަރުގެ އާރާ އާ ދެކޮޅަށް ކުޅުނު ބައެއް ކުޅުންތެރިންނަކީ 30 އަހަރުން މަތީގެ ކުޅުންތެރިންނެވެ.
ޓެނިސް ކުޅެން ފެށުމުގެ ކުރިން އާރާ ވަނީ ޓޭބަލް ޓެނިސް، ބާސްކެޓްބޯޅަ، ސްވިމިން އަދި އެތުލެޓިކްސްގައި ވެސް ބައިވެރިވެފަ އެވެ. ކުރިން "މިހާރު" އަށް ދިން އިންޓވިއުގައި އާރާ ބުނި ގޮތުގައި ޓެނިސް ކުޅެން ޝައުގުވެރިވީ ޓީވީން ކުޅޭ މަންޒަރު ފެނިގެންނެވެ. އޭގެ ކުރިން އޭނާ އެންމެ ވަރުގަދަ އަށް ކުޅުނީ ބާސްކެޓްބޯޅަ އެވެ. އަދި ހޭންޑްބޯޅަ މުބާރާތުގައި ވެސް މޮޅަށް ކުޅުނެވެ.
ޓެނިހުގައި ފާހަގަ ކުރެވޭ ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް މިހާރު އެބަތިއްބެވެ. ހާއްސްކޮށް ހުނަރުވެރި އަންހެން ކުޅުންތެރިން ހޯދާ ކުރިއެރުން ވަނީ ފާހަގަ ވެފަ އެވެ. ޖޫން މަހު ބޭއްވި މޭރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕްގައި އާރާ އާއެކު ފައިނަލުގައި ކުޅުނު ނަބާ ނިޝާން ތަމްރީން ހަދަމުން އަންނަނީ އިންޑިއާގެ ބެންގަލޫރުގަ އެވެ. ނަބާ ވެސް ވަނީ އިންޑިއާގެ ދެ މުބާރާތެއްގައި ކާމިޔާބު ހޯދާފަ އެވެ.