03 އޮކްޓޯބަރ 2022 - 11:12

ކުރިއަށް އޮތް ތަނުގައި ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އަރުވައިފި އެވެ.
ސިއްހީ މަރުކަޒުތަކަށް އައްޔަންކޮށްފައިވާ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާގައި އަދިވެސް އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެކަމަކު، އެ ދާއިރާއަށް މިހާރު ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މުޅި ރާއްޖޭގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ސިއްހީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަންނަ އަހަރު ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.
މިހާރު އެކި މަރުހަލާތަކުގައި ހުރި ސިއްހީ ދާއިރާގެ ބައެއް މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ބައިވެރިންނާ ހިއްސާކުރުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ވަނީ އަރުވައިފަ އެވެ.
އެ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރަށްރަށުގެ ސިއްހީ ހިދުމަތްތައް ރަނގަޅުކޮށް، ފެންވަރު މަތިކުރަން މީގެ ކުރީ ސަރުކާރަކުން ނުދޭހާ ސަމާލުކަން މި ސަރުކާރުން ދެމުން އަންނަ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ސިއްހީ މަރުކަޒުތަކުގެ އިސްވެރިން ވަނީ މި ދައުރުގައި ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވައިފަ އެވެ.
މީގެ އިތުރުން ހެލްތް ސެންޓަރުތަކުގެ ލެވަލް އަޕްގްރޭޑްކުރުމާއި މުވައްޒަފުން މަދުވުމާއި މޮބައިލް ލެބޯޓްރީގެ ހިދުމަތާއި ބޭސް ލިބުމުގައި ދިމާވާ ދަތިތައް އަދި ޕަބްލިކް ހެލްތް ޔުނިޓްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަން ބޭނުންވާ ބައެއް ކަންކަމާއި ދިމާވާ ދަތިތައް މި ބައްދަލުވުމުގެ ބައިވެރިން ވަނީ ހިއްސާކުރައްވައިފަ އެވެ.
ސިއްހީ ދާއިރާއަށް ހެޔޮ ބަދަލު ގެނެސްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއިރު، މި ސަރުކާރުން އަންނަނީ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ މަސައްކަތްކުރަމުންނެވެ.