03 އޮކްޓޯބަރ 2022 - 10:45

ވުލްވަހެމްޓަން (އޮކްޓޫބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ވުލްވްސް އިން އެޓީމުގެ ކޯޗު، ޕޯޗުގަލްގެ ބްރޫނޯ ލާޖް މަގާމުން ވަކިކޮށްފި އެވެ.
ކޯޗު މަގާމުން ދުރުކުރި އިރު، އެ ޓީމު ވަނީ އިންޓަނޭޝަނަލް ބްރޭކަށް ފަހު އެންމެ ފަހުން އެޓީމު ކުޅުނު މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-0 އިން ބަލިވެފަ އެވެ. މި މެޗުގައި ވެސްޓް ހޭމްގެ ލަނޑުތައް ޖަހައިދިނީ ޖިއާންލޫކާ ސްކަމާކާ އާއި ޖަރޯޑް ބޯވެން އެވެ.
މި ސީޒަނުގައި، ލީގުގައި މިހާތަނަށް އަށް މެޗު ކުޅެފައި ވާއިރު، އެޓީމު މޮޅުވީ އެންމެ މެޗަކުންނެވެ. އަދި ހަތަރު މެޗުން ބަލިވެފައި ވާއިރު، ހަ ޕޮއިންޓާ އެކު އެޓީމު މިވަގުތު އޮތީ ރެލިގޭޝަނުގައި، ޓޭބަލްގެ 18 ވަނައިގަ އެވެ.
ލާޖް ވުލްވްސް އާ ހަވާލުވީ މިދިޔަ ސީޒަނުގަ އެވެ. މިދިޔަ ސީޒަނުގައި ލީގުގެ ފަހު ހަތް މެޗުން ވެސް މޮޅެއް ނުހޯދުނު ނަމަވެސް އެޓީމު ވަނީ ލީގުގެ 10 ވަނައިގައި ނިންމައިފަ އެވެ.
މިއާ އެކު، ލާޖް ގެ އިރުޝާދުގެ ދަށުން ލީގުގައި އެންމެ ފަހުން ވުލްވްސް ކުޅުނު 15 މެޗުން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ މެޗުގައި ސައުތެމްޓަން އަތުން ހޯދި މޮޅެވެ.
ސައުތެމްޓަން ވަނީ މި ހަފްތާ އެވަޓަން އަތުން 2-1 އިން ބަލިވެފަ އެވެ. އަދި ނިއުކާސަލް އިން ފުލަމް ބަލިކުރީ 4-1 އިންނެވެ. ބޯންމައުތާއި ބްރެންޓްފޯޑް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވިއިރު، ރޭ ލީޑްސް އާއި އެސްޓަން ވިލާ ކުޅުނު މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ލީގުގައި ލާޖްގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ތިން ގޯލު ޖެހިފައިވާ ވުލްވްސް އިން ވަނީ ޕޯޗުގަލް ގައުމީ ޓީމަށް ކުޅޭ ގޮންކާލޯ ގުއެޑޭޒް އާއި މެތިއުސް ނޫނޭޒް ގެނެސްފަ އެވެ. ނޫނޭޒް ގެނައީ ކްލަބުގެ ރެކޯޑް ފީއެއް ކަމަށްވާ 45 މިލިއަން ޔޫރޯ އަށެވެ.
ޖަރުމަން ބުންޑެސްލިގާ އިން އެޓީމަށް ގެނައި ފޯވާޑް ސާސާ ކަލަޑްޒިކަށް ސީޒަންގެ ވަރަށް ކުރީކޮޅު ސީރިއަސް އަނިޔާއެއް ވެގެން ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައި ވާއިރު، ފޯވާޑް ރައުލް ހިމިނޭޒް އަށް ވެސް ވަނީ ސީޒަން ނުފެށެނީސް ގިނަ އަނިޔާތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެންމެ ފަހުން ވުލްވްސް އިން ވަނީ ނުވަ މަސްދުވަހު ކުޅުމާ ދުރުގައި ހުރި، ކުރިން ޗެލްސީ އަށް ކުޅުނު ފޯވާޑް ޑިއޭގޯ ކޮސްޓާ ވެސް ގެނެސްފަ އެވެ. ވެސްޓް ހޭމް މެޗުގައި ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކޮސްޓާ ވަނީ ފުރަތަމަ ފަހަރަށް ވުލްވްސްގެ ޖޯޒީގައި ކުޅެން އަރައިފަ އެވެ.
ސައުތެމްޓަން ވަނީ މި ހަފްތާ އެވަޓަން އަތުން 2-1 އިން ބަލިވެފަ އެވެ. އަދި ނިއުކާސަލް އިން ފުލަމް ބަލިކުރީ 4-1 އިންނެވެ. ބޯންމައުތާއި ބްރެންޓްފޯޑް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވިއިރު، ރޭ ލީޑްސް އާއި އެސްޓަން ވިލާ ކުޅުނު މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ލާޖް އަކީ މި ސީޒަނުގައި ޕްރިމިއާ ލީގުން ވަޒީފާ ގެއްލުނު ތިންވަނަ ކޯޗެވެ. އެންމެ ފުރަތަމަ ބޯންމައުތުގެ ސްކޮޓް ޕާކާ މަގާމުން ވަކިކުރި އިރު، ޗެލްސީ އިން ވަނީ ތޯމަސް ޓުޗެލް މަގާމުން ދުރުކޮށްފަ އެވެ. ޗެލްސީ އިން ޓުޗެލް ދުރުކޮށް އެ މަގާމަށް ގެނައީ ބްރައިޓަންގެ ކޯޗުކަމުގައި ހުރި ގްރަހަމް ޕޮޓާ އެވެ.
އަންނަ ހޮނިހިރު ދުވަހު ވުލްވްސް އިން ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެޓީމުން އާ ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދާއިރު، އެންމެ ބޮޑަށް ބެލެވެނީ އެ މަގާމަށް ގެންނާނީ މި ސީޒަނުގައި ގްރީސްގެ އޮލިމްޕިއާކޯސްގެ ކޯޗުކަމުން ވަކިކުރި ޕޯޗުގަލްގެ ޕެޑްރޯ މާޓިންސް އެވެ.
މި ސީޒަނުގައި ސްޕެއިންގެ ލަ ލީގާ ގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ސެވިއްޔާގެ ކޯޗު، ކުރިން ރެއާލް މެޑްރިޑާއި ސްޕެއިން އަށް ވެސް ކޯޗު ކޮށްދިން ޖޫލެން ލޮޕެޓެގީ ނުވަތަ ސެލްޓިކްގެ ކޯޗު އެންޖީ ޕޮސްޓެކޮގްލޫ ވެސް ވުލްވްސްގެ މަގާމާ ހަވާލު ވެދާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރެެ އެވެ.