ދަތުރުވެރިންގެ މާރުކޭޓްގައި ބޭރު މުދާ ހޯލްސޭލްކޮށް! އެކަމަކު ހުއްޓުވާނެ މީހަކު ނެތް
ދަތުރުވެރިންގެ މާރުކޭޓްގައި ބޭރު މުދާ ހޯލްސޭލްކޮށް! އެކަމަކު ހުއްޓުވާނެ މީހަކު ނެތް

ދަތުރުވެރިންގެ މާރުކޭޓަކީ ރާއްޖޭގައި އުފައްދާ ބާވަތްތައް ވިއްކަން ދޫކޮށްފައިވާ ތަނަކަށް ވިޔަސް އެތަނުގެ ބައެއް ގޮޅިތަކުން ބޭރުގެ މުދާ ވެސް ހޯލްސޭލްކޮށް ވިއްކަމުން ދާތީ ބާޒާރުމަތީ ފިހަރާތަކުގެ މީހުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ދަތުރުވެރިންގެ މާރުކޭޓްގައި ބޭރު މުދާ ހޯލްސޭލްކޮށް! އެކަމަކު ހުއްޓުވާނެ މީހަކު ނެތް
ދަތުރުވެރިންގެ މާރުކޭޓްގައި ބޭރު މުދާ ހޯލްސޭލްކޮށް! އެކަމަކު ހުއްޓުވާނެ މީހަކު ނެތް

މިއީ، ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި، ކުރިންސުރެ ވެސް އޮތް އެކަމަކު ހައްލެއް ނުހޯދުނު މައްސަލައެކެވެ.

ރާއްޖެ އެތެރެކޮށް މޭވާ އާއި ތަރުކާރީ ވިއްކާ ފިހާރައަކުން ވާހަކަދެއްކި މީހަކު ބުނީ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި ހޯސޭލްކޮށް މުދާ ވިއްކުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. އެއީ ވަރަށް ކުޑަ ކުއްޔަކަށް ދީ އަދި ހަމައެކަނި ރާއްޖޭގެ އުފެއްދުންތައް ވިއްކަން ޚާއްސަކޮށްފައިވާ ތަނެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ލޯކަލް މާރުކޭޓަކީ އެއްގޮތަކަށް ބާޒާރުމަތީގެ ފިހާރަތަކާ ވާދަކުރަން ޖެހޭ ތަންތަނެއް ނޫން. އެކަމަކު މިހާރު އެ ދަނީ އެ މީހުން ވެސް އެކި ތަންތަނުން މޭވާ އާއި ތަރުކާރީ ގެނެސް ހޯސޭލްކުރަމުން،" ވިޔަފާރިވެރިޔަކު ބުންޏެވެ.

"އޭގެ ސަބަބުން ބޮޑު ކުލީގައި ފިހާރަތައް ހިންގާ މީހުންނަށް ވަރަށް ބޮޑަށް ގެއްލުންވޭ."

އޭނާ ބުނި ގޮތުގައި ބޭރުން މުދާ އެތެރެކޮށް ދަތުރުވެރިންގެ މާރުކޭޓްގައި، ބާޒާރުމަތީގެ ފިހާރަތަކަށް ވުރެ މާ އަގުހެޔޮކޮށް ވިއްކޭނެ އެވެ. އެހެންކަމުން އާންމު ވިޔަފާރި އަށް ގެއްލުންވާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު އެތަނުގެ ބައެއް ގޮޅިތަކުން ރިސޯޓްތަކަށް ވެސް ހޯސޭލް ކުރޭ. އަޅުގަނޑުމެންނަށް އެ މީހުން ވިއްކާ އަގުގައި ނުވިއްކޭތީ ވިޔަފާރިއަށް އޭގެ ނޭދެވޭ އަސަރުކުރޭ،" އޭނާ ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި އިމްޕޯޓް މުދާ ވިއްކުން މަނާ ވިޔަަސް، ބައެއް ގޮޅިތަކުގައި ގިނައީ ރާއްޖޭގައި ނުހައްދާ ބާވަތްތަކާއި އައިޓަމްތަކެވެ. އެކަމަކު އެތަންތަން ބަލައި، ފިޔަވަޅު އަޅާ އިދާރާއެއް ނެތެވެ.

މާރުކޭޓުގެ ގޮޅިއެއްގައި ހުރި މީހަކު ބުނީ އެތަނުން ރިސޯޓްތަކަށާއި އެކި ރަށްރަށަށް ގިނަ އަދަދަކަށް މޭވާ ސަޕްލައިކޮށްދޭ ކަމަށެވެ. އަދި ގިނައިން ހޯސޭލްކުރަނީ ބޭރުން އެތެރެކޮށްގެން ވިއްކާ ތަކެތި ކަމަށް ވެސް އޭނާ ބުންޏެވެ.

"މިތަނަށް ލިސްޓް ދިނުމުން ތަކެތި އެ މީހަކު ބުނި ދޯންޏަކަށް ގެންގޮސް އަރުވައިދޭނަން. މިތަނުން ގާތްގަނޑަކަށް ދިހަ ވަރަކަށް ބާވަތުގެ މޭވާ ހޯސޭލްކޮށް ވިއްކަން،" އެ މީހާ ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިއަކުން ސަރުކާރަށް ދަައްކަން ޖެހެނީ މަހަކު 2،000ރ ގެ ކުއްޔެކެވެ. އެއާ ޚިލާފަށް ބާޒާރުމަތީގެ ފިހާރަތަކުގެ ކުލި މިހާރު އުޅެނީ މަހަކު ލައްކައަކަށް ވުރެ މަތީގަ އެވެ.