03 އޮކްޓޯބަރ 2022 - 06:24

ހޮނިހިރު ދުވަހު ޕްރިމިއާ ކުރި "ބިގްބޮސް" ގެ 16 ވަނަ ސީޒަންގައި ކޮންޓެސްޓެއްގެ ގޮތުގައި ފިލްމު ޕްރޮޑިއުސަރު ޝާޖިދު ޚާން ބައިވެރިކުރުމުން ބެލުންތެރިން ރުޅިގަދަވެއްޖެ އެވެ.
ހައުސްފުލް ކަހަލަ ފިލްމުތައް ޑައިރެކްޓްކުރި ސާޖިދު ދެކެ މީހުން ރުޅި އައިސްގެން އުޅެނީ އޭނާގެ ފަރާތުން ޖިންސީ ފުރައްސާރަކުރިމަތިިވި ކަމަށް ބުނެ "މީޓޫ" މޫވްމަންޓުގައި ބައެއް އަންހެން ތަރިން ބުނެފައިވާތީ އެވެ. މީގެ ހަތަރު އަހަރުކުރިން 2018 ގައި އޭނާއަށް އަންހެން ތަރިން ކުރި އެ ތުހުމަތުތަކާ އެކު އިންޑިއަން ފިލްމު އެންޑް ޓެލެވިޒަން ޑައިރެކްޓާސް އެސޯސިއޭޝުން ވަނީ އޭނާއަށް ފިލްމު ޑައިރެކްޓްކުރުން މަނާކޮށްފަ އެވެ.
ބިގްބޮސްގެ ހައުސް ޕްރިމިއާ ކުރި ރޭގައި ޝޯގެ ހޯސްޓް، ސަލްމާން ހާނަށް ވާހަކަ ދައްކަމުން އޭނާ ވަނީ ފާއިތުވި ހަތަރު އަހަރާ ގުޅިގެން ވާހަކަ ދައްކައިފަ އެވެ.
އޭނާ ބުނީ އެ ތުހުމަތުތައް ކުރި ދަނޑިވަޅަކީ އޭނާ ހައުސްފުލް 4 ގެ މަސައްކަތްކުރަމުން ދިޔަ ދުވަސްވަރު ކަމަށާއި އޭނާގެ އަތުން އެ ފިލްމު އަތުލައި އޭނާ ކުރި ބުރަ މަސައްކަތަށް އެއްވެސް ކްރެޑިޓެއް ދީފައިނުވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި އޭނާ ހަލާކުކޮށްލީ އޭނާގެ ކާމިޔާބީ އެވެ.
އާންމުން ވަނީ ޝާޖިދު ޝޯ އިން ފެނުމުން ވަރަށް ބޮޑަށް ނުރުހިފަ އެވެ. އަދި އޭނާއަށް އެ ފުރުސަތު ލިބުނީ ނުފޫޒުގަދަ ބައެއްގެ ސަބަބުން ކަމަށް ބުނެ ޝޯ ބަލަން ވެސް ފޫހިވެފައިވާ ކަމަށް މީހުން ބުނެފައިވެ އެވެ.
ޝާޖިދަކީ އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އަދި ކޮރެގްރާފަރު ފަރާހް ޚާންގެ ކޮއްކޮއެކެވެ.
ޝާޖިދު ޝޯއަށް ގެންދިއުމުން ގިނަ ބަޔަކު އެކަމާ ޝަކުވާކުރިއިރު ބިގްބޮސްގެ 13 ވަނަ ސީޒަނުން ފެނުނު ޝެހެނާޒް ގިލް ވަނީ ސާޖިދުއަށް ސަޕޯޓުކޮށް ވާހަކަ ދައްކައިފަ އެވެ. އަދި އޭނާއަށް ތާއިދުކުރާ ކަމަށާއި ޝޯގައި އޭނާގެ ފަރާތުން މަޖާ ކަންތައްތަކެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ޝެހެނާޒް ބުނެފައިވެ އެވެ.
ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތުކުރެވޭ މީހަކަށް ޝެހެނާޒް ސަޕޯޓްކުރުމުން ގިނަ ބަޔަކު ވަނީ ޝެހެނާޒް ދެކެ ހިތްހަމަނުޖެހިގެން ވެސް ވާހަކަ ދައްކައިފަ އެވެ.
ކަލާސް ޓީވީން ދައްކާ މަޝްހޫރު ޝޯ، "ބިގްބޮސް" އަކީ ގެއެއްގެ ތެރޭގައި ބައިވަރު ތަރިންތަކެއް ބަންދުކޮށްގެން ކުރިއަށް ގެންދާ ޝޯއެކެވެ. ޝޯގައި އެކި ކަހަލަ ގޭމްތައް ކުރިއަށް ގެންގޮސް، އާންމުން މުނިފޫހިފިލުވައި ނުދެވޭ ތަރިން ޝޯ އިން ވަކިކުރަމުން ގެންދެ އެވެ.
މިފަހަރުގެ ސީޒަން ކުރިއަށް ގެންދާ ސެޓުގައި 98 ކެމެރާ ހަރުކޮށްފައިވެ އެވެ. ޝޯގައި 24 ގަޑިއިރު އެމީހުންގެ ހަރަކާތްތައް އެ ކެމެރާތަކުން ބަލަމުންދާނެ އެވެ.
މިފަހަރުގެ ޝޯގައި މަޝްހޫރު ޓީވީ ޑްރާމާ "އިމިލީ" ގައި އިމިލީގެ ރޯލު ކުޅުނު ސުމްބުލް ތައުގީއާއި މަންޔާ ސިންގް އާއި ޓީނާ ދައްތާ އާއި ޝާލިން ބަނޮތު އަދި ނިމްރިތު ކޯރު އަދި އަބްދޫ ރިޒްކް ކަހަލަ ތަރިން ފެންނާނެ އެވެ.
މިދިޔަ އަހަރު ޝޯ ކާމިޔާބުކުރީ ޓީވީ އެކްޓްރެސް ތެޖައްވީ ޕްރަކާޝް އެވެ.