02 އޮކްޓޯބަރ 2022 - 18:45

ހުޅުމާލޭގައި އުޅޭ ބައެއް މީހުން ބުނާގޮތުގައި ހުޅުމާލޭގެ ސަހަރާ ހިސާބުން ކުނިވަސްތަކެއް ދުވާތާ ދުވަސްކޮޅެއް ވަނީ ވެފައި.

ހުޅުމާލޭގެ ސަހަރާގެ ބިއްދޮށުން އޮންނަ ބޯ ގަސްތަކުގެ ތެރެ ފުލުހުން މިއަދު ހެނދުނުން ފެށިގެން ސާޗުކުރަން ފެށީ މޭނާ ކެފޭ ސަރަހައްދުގައި ހުންނަ ކެމެރާއަކުން އަޒްހާން ފެނުމާ ގުޅިގެން ކަމަށް އެނގިފައިވޭ. އެ ކެމެރާ ފިޔަވައި އިތުރު ކެމެރާއަކުން އޭނާ ނުފެންނާތީ ވަކި ސަރަަހައްދެއް ސާޗު ކުރަން ފެށީ ކަމަށް ވޭ.

އަޒްހާންގެ ފޯނު އަދި ނުފެންނަ ކަމަށް ފުލުހުން ބުނި.
އަޒްހާންގެ މަރާ އަދި އެއްވެސް ބަޔަކާ ގުޅުން ހުރި ކަމެއް އަދި ނޭނގޭ. އެ ކަމާ ގުޅުވައިގެން އެއްޗެއް ބުނަން އެނގޭނީ ހޯމިސައިޑް އިންވެސްޓިގޭޝަނަށް ފަހު ކަމަށް ފުުލުހުން ބުނި.
އަޒްހާންގެ ހަށިގަނޑު ހޯދުމަށް ހެނދުނުން ފެށިގެން އައީ ގަސްތައް ހިމެނޭ ސަރަހައްދު ބަލަމުން. ފުލުހުން ބުނީ ގަސްތަކުގެ ތެރެ ބެލީ ސީސީޓީވީ ފުޓޭޖުގެ އަލީގައި ލިބުނު މައުލޫމާތަށް ބުރަވެ ކަމަށް.
ފުލުހުން މިހާރު ބާއްވާ މީޑިއާ ބްރީފިންގައި ބުނީ، އަޒްހާންގެ ހަށިގަނޑު ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް. ސީން އަދި ޕްރޮސެސް ނުކުރެވޭ ކަމަށާއި މާދަމާ ސީން ޕްރޮސްކޮށް އިތުރު މައުލޫމާތު ދެވޭނެ ކަމަށް ފުލުހުން ބުނޭ.
ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
ފުލުހުން ބުނީ އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު ހަވީރު 5:45 ހާއިރު ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނީ ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކް ސަރަހައްދުގައި މިރޭ 7:45 ގައި މީޑިއާއާ ބައްދަލުކޮށް އިތުރު މައުލޫމާތު ދޭނެ ކަމަށެވެ.
އަޒްހާންގެ ހަށިގަނޑު ހުޅުމާލޭ ސަހަރާ ބިއްދޮށުން އޮންނަ ބޯ ގަސްތަކުގެ ތެރެއިން ފެނުނު އިރު، އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ. އޭނާ އޮތީ އުއްޑުން ކަހަލަ ގޮތަކަށެވެ.
އޭނާ އެންމެ ފަހުން ސީސީޓީވީ ކެމެރާއަކުން ފެނިފައި ވަނީ އެތަނާ ކައިރީގައި އޮންނަ ރެޑްބުލް ދަނޑު ސަރަހައްދަށް ޓެކްސީއެއްގައި ގޮސް ފައިބަނިކޮށެވެ.
އަޒްހާން ގެއްލިގެން ރިޕޯޓްކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ރޭ 7:00 ހާއިރު އެވެ. އެއާ އެކު ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.
ސީސީޓީވީ ފުޓޭޖުތައް ބެލުމުން، ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓްހައުސް އަކުން ކާރެއްގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރަށް އެރުމަށް ފަހު ފަތިހު 4:53 ހާއިރު ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން ގެސްޓު ހައުސްއަށް އަނބުރާ ދިޔަކަން އެނގުނެވެ.
އަޒްހާންއާ ބެހޭ ގޮތުން ފުލުހުން އެންމެ ފަހުން ނެރުނު ބަޔާނުގައި ބުނީ އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ރެޑްބުލް ޓާފް ކައިރިން ކަމަށެވެ. އެއީ ހުޅުމާލޭން ބްރިޖަށް އަރަން ދާއިރު އޮންނަ ސްކޭޓް ޕާކު ކައިރީގައި އޮންނަ ދަނޑެވެ.
އަޒްހާނަކީ އޭނާގެ މަންމަ އާއި ބައްޕަގެ ދެ ދަރިންގެ ތެރެއިން ފިރިހެން ކުއްޖާ އެވެ. އޭނާގެ ދޮއްޓަށް ހުންނަނީ ދައްތަ، ފާތުމަތު އަޒްމީ އަހްމަދެވެ.
އަޒްހާންގެ ދައްތަ، އަޒްމީ މިދިޔަ ހަފްތާގައި "މިހާރު"އަށް ބުނީ އަޒްހާންއަކީ އެންމެންނާ ވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ މީހެއް ކަމަށެވެ. އަދި އޭނާ ގެއިން ނުކުމެގެން ދިޔައިރު އެއްވެސް މީހަކާ ރުޅިވެރިކަމެއް ވެސް ނެތް ކަމަށް އަޒްމީ ބުންޏެވެ.
އަޒްހާންއަށް ބަޔަކު ގެއްލުމެއް ދޭން ޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށް ވެސް އެ ދުވަހު ދައްތަ ވަނީ ބުނެފަ އެވެ.