02 އޮކްޓޯބަރ 2022 - 17:09

މާލޭގައި މަހެއްހާ ދުވަހު ހިލޭ ދަތުރުކޮށްދިނަށް ފަހު، މާދަމާއިން ފެށިގެން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މާލެ ބަސް ދަތުރުތަކުގައި އަގު ނަގަން ފަށާނެކަމަށް އެމްޓީސީސީން ބުނެފި އެވެ.

އާރްޓީއެލް އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ނެގޭ ގޮތަށް ހަމަޖައްސާފައި ވާއިރު، ބަހުން ކަރުދާސް ޓިކެޓް ވިއްކަން ވެސް ވަނީ ނިންމައިފަ އެވެ.

މާލެ ސަރަހައްދުގައި މިނީ ބަހުގެ ހިދުމަތްދޭ ތިން ރޫޓުން ވެސް ނަގާނީ 7ރ. އެވެ.

ކަރުދާސް ޓިކެޓް ބަސް ތެރެއިން ގަނެވޭ ހިދުމަތް ލިބޭނީ ހަމައެކަނި އާރްޓީއެލް މާލެ ބަހުގެ ހިދުމަތުގައި އެކަންޏެވެ. ޓާމިނަލްތަކުން އެ ޓިކެޓެއް ނުގަނެވޭނެ އެވެ.
ޓިކެޓް ލިބޭނީ ބަހުގައި ހުންނަ ފޮއްޓަކަށް ފައިސާ ލުމުންނެވެ.
އެމްޓީސީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ބަސް ތެރެއިން ފައިސާ މާރުނުކުރެވޭނެ ކަމަށާއި ކަރުދާސް ޓިކެޓުގައި ދަތުރުކުރަން ބޭނުން ނަމަ ސީދާ އަދަދު ގެންނަން ޖެހޭނެ ކަމަށެވެ.
"ފައިސާ މާރުކުރަން ޖެހޭނަމަ ވަރަށް ގިނަ ވަގުތު ނަގާނެ. އެހްނެވެ، ވަގުތު ސަލާމަތް ކުރުމަށާއި، އަޅުގަނޑުމެން ގެންގުޅޭ ޝެޑިއުލަށް ބުރޫ އެރިޔަ ނުދިނުމަށް، ކޮންމެ ބޭފުޅަކުވެސް ސީދާ 7ރ. ފޮއްޓަށް ޖަމާކުރަން އެދެން،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ކަރުދާސް ޓިކެޓް މާލެ ބަސްތަކުގައި ނަގަން ނިންމީ ޓެކްނޮލޮޖީއާ ރައްޓެހި ނޫން އިސްރަށްވެހިންގެ ފަސޭހައަކަށެވެ.
ކުރިއާ ހިލާފަށް މިހާރު އާރްޓީއެލް އެޕްލިކޭޝަން މެދުވެރިކޮށް 30، 40، އަދި 60، މި އަދަދުތަކަށް "މަލްޓި ޓިކެޓް" ގަތުމުގެ ފުރުސަތު ލިބޭނެ އެވެ. އެއީ ކޮންމެ ދަތުރަކަށް ޓިކެޓް ނަގަން ނުޖެހި، ގިނަ ދަތުރުތައް ކުރާ މީހުންނަށް ފަސޭހައަކަށެވެ. މީގެ ކުރިން ކިއުއާރް ކޯޑު މެދުވެރިކޮށް ޓިކެޓް ނެގޭނީ ފަހަރަކު ދަތުރަކަށެވެ.
މި މަސް ނިމުމުގެ ކުރިން އީއެމްވީ ކާޑުން ފައިސާ ދެއްކޭގޮތް ވެސް ހަމަޖެހޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އޭރުން ވިސާ، އެމެރިކަން އެކްސްޕްރެސް އަދި މާސްޓަ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އެވެ.
އެ ކާޑުތައް ނުގެން ގުޅޭ މީހުންނަށ ހާއްސަކޮށްގެން، އާރްޓީއެލް ޕްރީޕެއިޑް ދަތުރުކާޑެއް ވެސް މިއަހަރު ތެރޭ ތައާރަފްކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ބަހުން އަގުނަގަން ފެށި ނަމަވެސް، ތިން އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުން އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ އެވެ. ޔުނީފޯމުގައި ތިބޭ ސްކޫލުތަކުގެ ދަރިވަރުން އަތުން ވެސް އަގެއް ނުނަގާނެ އެވެ.
އާޒިމް ވަނީ ވޭތުވެދިޔަ ހަތަރު ހަފްތާ ތެރޭ އާރްޓީއެލް މާލެ ބަހުގެ ހިދުމަތަށް މީހުން ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރައްވައިފަ އެވެ.
"މަގުމަތީގައި ދުއްވާ އެއްޗިސް ބަހަށް ޖާގަދީ، ގަވައިދާ ހިލާފަށް ޕާކް ކުރުން ވެސް ވަރަށް ބޮޑަށް މަދުވެއްޖެ. އަދި ބަހުގެ ހިދުމަތް ބޭނުންކުރި ކަސްޓަމަރުންގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަހުގެ ހިދުމަތަކީ މާލެ ސަރަހައްދުގައި ދިރުއުޅޭ މީހުންނަށް ވަރަށް ބޭނުންވެފައިވާ ހިދުމަތެއް ކަމަށެވެ.