02 އޮކްޓޯބަރ 2022 - 15:26

އައްޑޫ ބަހުރުވައިން ހުކުރު ޚުތުބާ ކިޔުމުން ސ. މީދޫގެ ޚަތީބު މުހައްމަދު ރަޝީދު، ޚުތުބާ އަށް އުނިއިތުރު ގެނެސްގެން ކިޔާފައިވާ ކަމަށް ނިންމައި އިމާމުވެ ހުކުރު، އީދު އަދި ކޭތަނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަގުތީގޮތުން ހިފަހައްޓައިފި އެވެ.
އެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ އެ ޚަތީބު ސަސްޕެންޑްކޮށް، އޭނާ އިމާމުވެ ހުކުރު ނަމާދުކުރުން ވަގުތީގޮތުން މަނާކޮށްފަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން އެ ޚަތީބަށް މިދިޔަ ބުދަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ މިދިޔަ މަހު 2 ގައި މީދޫގެ މަސްޖިދު އިބްރާހިމް މަޖުދުއްދީނުގައި އޭނާ އިމާމުވެ ހުކުރު ނަމާދުކުރެއްވީ ރާއްޖޭގައި އިމާމުވެ، ހުކުރު ނަމާދާއި އީދު ނަމާދާއި އަދި ކޭތަނަމާދުކުރުމުގެ ހުއްދަ ދިނުމުގެ އުސޫލާ ހިލާފަށް ކަމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
މޭޔަރު އަލީ ނިޒާރު ސޮއިކުރައްވައި ފޮނުއްވި އެ ސިޓީގައި ބުނެފައިވަނީ އޭނާ އެ އުސޫލާ ހިލާފުވެފައި ވާތީ، އިސްލާމިކް މިނިސްޓްރީގެ އެންގުމުގެ މަތިން، އޭނާ އަށް ދޫކޮށްފައިވާ އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދާއި އަދި ކޭތަނަމާދު ކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި މިނިސްޓްރީން އޭނާ އަށް ނަސޭހަތްތެރިވާނެ ކަމަށް ވެސް ސިޓީގައިވެ އެވެ.
މުހައްމަދު ރަޝީދު އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ، އޭނާ އަށް ދީފައިވާ ހުއްދަ ބާތިލުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ޚަތީބު ހުކުރު ހުތުބާ ކިޔާފައި ވަނީ ގުރުއާނާއި ހަދީސްތަކާއި އަދި އޭގެ މާނަ އަށް ބަދަލެއް ނުގެނެސް، ހުތުބާގައި ދެން ހުރި ބައިތައް އައްޑޫ ބަހުރުވައަށް ބަދަލުކޮށްގެންނެވެ.