08 ޖެނުއަރީ 2017 - 12:11

ވިޔަފާރީގެ ފައިދާ އިން ޓެކްސް ނަގާއިރު އަހަރު ނިމުމުގެ ކުރިން، ޓެކްސް ފައިސާގެ ބައެއް ދައުލަތަށް ދައްކަން ޖެހޭ ގޮތަށް (އިންޓެރިމް ޕޭމަންޓް ނެގޭ ގޮތަށް) އޮތް އޮތުން އުވާލަން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު ބުނާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ޖުލައި 31 ގެ ކުރިން ފުރަތަމަ އިންޓެރިމް ޕޭމަންޓް މީރާ އަށް ދައްކަން ޖެހޭނެ އެވެ. އަދި ދެ ވަނަ އިންޓެރިމް ޕޭމަންޓް ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ 31 ގެ ކުރިން ދައްކަން ޖެހޭނެ ކަމަށް އެ ގާނޫނުގެ 23 ވަނަ މާއްދާގައިވެ އެވެ.
ވިޔަފާރީގެ ފައިދާ އިން ކުރިއާލައި، ޓެކްސް ނެގޭ ގޮތަށް އޮތް އެ މާއްދާ ބާތިލްކުރަން މީގެ ދުވަސްކޮޅެއް ކުރިން ކޯޓަށް ހުށަހެޅީ އަމިއްލަ މީހެކެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅި އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ގޮތެއް ނިންމިކަން އަދި ސާފެއް ނުވެ އެވެ.
ވިޔަފާރީގެ ފައިދާއިން އިންޓެރިމް ޕޭމަންޓް ދައްކަން ޖެހޭ ގޮތަށް ގާނޫނު އައީ އެންމެ ފުރަތަމަ ރާއްޖޭގައި ޓެކްސް ނަގަން ފެށިއިރު 2011 ގަ އެވެ. އެކަމަކު އާންމު ޓެކްސްތައް ކަމަށްވާ ޖީއެސްޓީ އާއި ޓީޖީއެސްޓީ ފަދަ ޓެކްސްތަކުން އިންޓެރިމް ޕޭމަންޓް ދައްކާކަށް މިހާތަނަށް ނުޖެހެ އެވެ.