ގުރުއާނާ ބެހޭ މަރުކަޒުގައި ޕާކިސްތާނަށް އެހީވާން ފަންޑު ފޮއްޓެއް
ގުރުއާނާ ބެހޭ މަރުކަޒުގައި ޕާކިސްތާނަށް އެހީވާން ފަންޑު ފޮއްޓެއް

ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް، ގުރުއާނާ ބެހޭ މަރުކަޒުގައި ފަންޑު ފޮއްޓެއް ހުޅުވައިފި އެވެ.

އެ ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ ހެނދުނު 8:00 އިން ފެށިގެން މި ރޭ 9:00 ވަންދެން، ގުރުއާނާ ބެހޭ މަރުކަޒު ހިންގާ ކިންގް ސަލްމާންގެ ގޯތި ތެރޭގައި ފަންޑު ފޮށި ހުޅުވާފައި ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން، ފައިސާ ފޮނުވުމަށް ހާއްސަ އެކައުންޓެއް ވަނީ ހުޅުވައިފަ އެވެ.

އޮފިޝަލް ވިދާޅުވީ އެ ގައުމަށް ފައިސާ ފޮނުވަން ނިންމާފައިވަނީ، "ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން" މެދުވެރިކޮށް ކަމަށެވެ.

ފަންޑު ފޮއްޓާއި އެކައުންޓު މެދުވެރިކޮށް ފޮނުވާ ފައިސާ މި ހަފުތާގެ ތެރޭގައި ހަވާލުކުރާނެ އެވެ.

އެ އެސޯސިއޭޝަނުން ވަނީ އިއްޔެ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 12:00 ވަންދެން ޓެލެތޯނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. ޓެލެތޯނު ނިމުނުއިރު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، އެ ގައުމުގެ ތިން ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ފެން ބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް މެދުވެރިގެން 1،500 އެއްހާ މީހުން މިހާތަނަށް މަރުވެ، އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.