ޔޫކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިޔާއާ އެއްކޮށްލައިފި
ޔޫކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިޔާއާ އެއްކޮށްލައިފި

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި ހިފާފައިވާ ޔޫކްރޭންގެ ހަތަރު ސަރަހައްދެއް، ރަޝިޔާގެ ބައެއް ކަމުގައި އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން ކަނޑައަޅުއްވައިފި އެވެ.

ޔޫކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިޔާއާ އެއްކޮށްލައިފި
ޔޫކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިޔާއާ އެއްކޮށްލައިފި

ހުސްވި އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ރަޝިޔާއާ އެއްކޮށްލި ހަތަރު ސަރަހައްދަކީ، ޔޫކްރޭންގެ ދެކުނުގައި އޮންނަ ދެ ސަރަހައްދެއް ކަމަށްވާ ޒަޕަރޯޖިޔާ އާއި ޚެރްސޯންގެ އިތުރުން، އިރުމަތީ ދެ ސަރަހައްދެއް ކަމަށްވާ ލުހާންސްކް އާއި ޑޮނެޓްސްކް އެވެ. އެ ހަތަރު ސަރަހައްދު ރަޝިޔާއާ އެއްކޮށްލީ، އެ ސަރަހައްދުތައް ޔޫކްރޭނުން ވަކިވުމާ ބެހޭ ގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް މިދިޔަ މަހުގެ 23-27 ގައި ނެގި ވޯޓުގައި އެކަމަށް އަޣުލަބިއްޔަތު ލިބުމުންނެވެ.

ޔޫކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިޔާއާ އެއްކޮށްލައިފި
ޔޫކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިޔާއާ އެއްކޮށްލައިފި

ރައީސް ޕުޓިން ސޮއިކުރެއްވި ރިއާސީ ގަރާރަކުން އެ ހަތަރު ސަރަހައްދު ރަޝިޔާއާ އެއްކޮށްލި އިރު، ޔޫކްރޭނާއި ހުޅަނގުގެ ގައުމުތަކުންނާއި އދ. މަޖިލީހުން ވަނީ ރަޝިޔާގެ އެ އަމަލު ކުށްވެރިކޮށްފަ އެވެ. އެ ހަތަރު ސަރަހައްދު ރަޝިޔާއާ އެއްކޮށްލުމާ ގުޅިގެން، ރަޝިޔާ އިން މިހާރު ދެކެނީ އެ ސަރަހައްދުތަކަށް ޔޫކްރޭނުން ދޭ ކޮންމެ ހަމަލާއަކީ، ސީދާ ރަޝިޔާގެ ސަރަހައްދަށް ދޭ ހަމަލާއެއް ކަމަށެވެ.

ޔޫކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިޔާއާ އެއްކޮށްލައިފި
ޔޫކްރޭންގެ ހަތަރު ސަރަހައްދެއް ރަޝިޔާއާ އެއްކޮށްލައިފި

އެ ހަތަރު ސަރަހައްދުގެ ވެރިންނާއެކު މިދިޔަ ހުކުރު ދުވަހު ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޕުޓިން ވިދާޅުވީ ރަޝިޔާގެ އިމުގެ ތެރޭގައި މިހާރު އިތުރު ހަތަރު ސަރަހައްދެއް ހިމެނިއްޖެ ކަމަށެވެ. އަދި އެ ހަތަރު ސަރަހައްދުގައި ދިރިއުޅޭ މީހުންނަކީ، ރަޝިޔާގެ ދާއިމީ ރައްޔިތުން ކަމަށެވެ.

"މިއީ އެތައް މިލިއަން ބަޔަކު އެދިއެދި ތިބި ކަމެއް. އަހަރެމެންނަށް ލިބިފައިވި ހުރިހާ ބާރަކާއި ހުރިހާ ގޮތްގޮތުން ވެސް އަހަރެމެންގެ ބިން އަހަރެމެންގެ ދިފާއުކުރާނަން. އަދާވާތްތެރިކަން ހުއްޓާލައި މަޝްވަރާގެ މޭޒު ދޮށަށް ވަގުތުން އައުމަށް، ކިޔޭވް (ޔޫކްރޭންގެ ވެރިރަށް) އަށް ގޮވާލަން،" ރައީސް ޕުޓިން ވިދާޅުވި އެވެ.

މުޅި ޔޫކްރޭންގެ ބިމުގެ ގާތްގަނޑަކަށް 15 ޕަސެންޓް ހިއްސާކުރާ އެ ހަތަރު ސަރަހައްދުގައި، އާންމުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގީ، އެ ސަރަހައްދުތަކަށް ރަޝިޔާ އިން ކަނޑައަޅާފައި ތިބި ވެރިންގެ ބެލުމުގެ ދަށުންނެވެ. ވެރިންގެ ގޮތުގައި ރަޝިޔާ އިން ކަނޑައެޅީ، ޔޫކްރޭން ސަރުކާރާ އިދިކޮޅު ހަރަކާތްތައް ހިންގުމުގައި އެ ސަރަހައްދުތަކުގައި އިސްވެ އުޅޭ މީހުންނެވެ.

ލުހާންސްކް ޖުމްހޫރިއްޔާގައި ނެގި ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 98.4 ޕަސެންޓް މީހުން ތާއީދުކުރީ ރަޝިޔާއާ ގުޅުމަށެވެ. ޒަޕަރޯޖިޔާގައި އެ ނިސްބަތް ހުރީ 93 ޕަސެންޓްގަ އެވެ. ޚެރްސޯން ސަރަހައްދު ރަޝިޔާއާ ގުޅެން ތާއީދުކުރި މީހުންގެ ނިސްބަތަކީ 87 ޕަސެންޓެވެ. ޑޮނެޓްސްކް ޖުމްހޫރިއްޔާ ރަޝިޔާއާ ގުޅުމަށް އެ ޖުމްހޫރިއްޔާގެ 99.2 ޕަސެންޓް މީހުން ތާއީދުކުރި އެވެ.

ރަޝިޔާގެ ރައީސް ސޮއި ކުރެއްވި ރިއާސީ ގަރާރަކުން އެ ހަތަރު ސަރަހައްދު ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅީ، އެ ހަތަރު ސަރަހައްދުގެ ވެރިން މޮސްކޯ އަށް ވަޑައިގެން، އެ ސަރަހައްދުތަކުގެ އާންމުން ބޭނުންވި ގޮތް، ރަސްމީކޮށް ރަޝިޔާ ސަރުކާރަށް ހުށަހެޅުމާ ގުޅިގެންނެވެ. އެ ބޭފުޅުން ރައީސް ޕުޓިންއާ އެކު ބޭއްވެވި ބައްދަލުވުމުގައި، އެ ހަތަރު ސަރަހައްދު ރަޝިޔާއާ ގުޅުވައިލަދީ، ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅަދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.