02 އޮކްޓޯބަރ 2022 - 11:45

މީގެ ނުވަ އަހަރު ކުރިން މާލޭގައި މީހަކު މަރާލި މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ "ކުޑަކުއްޖެއްގެ" މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ޑިސެމްބަރު، 2013 ގައި މއ. އައިޝާ ހުސައިން ވަހީދަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު މަރުގެ ހުކުމް އިއްވީ އުމުރުން 17 އަހަރުގައި އެކަމުގައި ބައިވެރިވި މީހެއްގެ މައްޗަށެވެ. އޭނާގެ މަރުގެ ހުކުމް 2019 ވަނަ އަހަރު ހައިކޯޓުން ވެސް އޮތީ ދަމަހައްޓައިފަ އެވެ.
އޭނާއަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
މަރުގެ ހުކުމް ހައިކޯޓުން ދެމެހެއްޓި މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހެޅީ ހައި ކޯޓުން މައްސަލަ ނިންމިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
މަރުގެ އަދަބެއް ތަންފީޒު ކުރެވެން އޮންނަނީ ސުޕްރީމް ކޯޓުން މައްސަލަ ނިމިގެންނެވެ. އެކަމަކު 2019 ވަނަ އަހަރު ފަހުކޮޅު އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރާ އެއްވެސް ކުށަކަށް މަރުގެ އަދަބެއް ނުދެވޭނެ އެވެ.