09 ޖެނުއަރީ 2017 - 12:45

ރާއްޖޭގައި ހިރިގަލުން ހަދާފައި ހުރި މަޝްހޫރު ހަ މިސްކިތެއް، ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމަނަން ކުރަން ޖެހޭ މުހިންމު ބައެއްގެ ގޮތުގައި އާ ދިރާސާއެއް ހެދުމުގެ މަސައްކަތް ހެރިޓޭޖް ޑިޕާޓްމަންޓުން އިއްޔެ ފަށައިފި އެވެ.

އެ ދިރާސާ ހަދަނީ ދުނިޔޭގެ ތަރިކައިގެ ޖަމިއްޔާ ކަމަށްވާ ޔުނެސްކޯގެ އިތުރުން ވޯލްޑް މޮނިއުމަންޓްސް ފަންޑުގެ ތަޖުރިބާކާރުންނާއި ދިވެހި ތަޖުރިބާކާރުން ހިމެނޭ ޓީމު، މިހާރު ޔުނެސްކޯގެ ވަގުތީ ލިސްޓުގައި ހިމެނޭ ހަ މިސްކިތަށް ޒިޔާރަތްކޮށްނެވެ.

ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް ލެވޭތޯ ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ، މާލޭ ހުކުރު މިސްކިތާއި އީދު މިސްކިތާއި ހއ. އިހަވަންދޫ އާސާރީ މިސްކިތާއި ރ. މީދޫ ބާ މިސްކިތާއި އދ. ފެންފުށީ އާސަރީ މިސްކިތް އަދި ލ. އިސްދޫ އާސާރީ މިސްކިތެވެ. މި މިސްކިތްތައް މިހާރު ހިމެނެނީ ވަގުތީ ލިސްޓުގަ އެވެ.
ހެރިޓޭޖް ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ވޯކްޝޮޕެއްގެ ގޮތުގައި ހަ ދުވަހަށް ކުރިއަށް ގެންދާ ދިރާސާގައި ބަލާނެ އެއް ކަމަކީ ހިރިގަލުން ނުވަތަ ގަލުން ހަދާފައި ހުރި އެހެން އިމާރާތްތަކާއި އެ މިސްކިތްތަކާ ހުރި ތަފާތެވެ.
ރާއްޖޭގެ ހުކުރު މިސްކިތާއި އީދު މިސްކިތުގެ އިތުރުން ބައެއް ރަށްރަށުގައި ހުރި ހިރިގަލުގެ މިސްކިތްތައް ބެލެވެނީ ވަރަށް ހުނަރުވެރި އަދި އުފެއްދުންތެރި، ގަދީމީ މަސައްކަތްތަކެއްގެ ގޮތުގަ އެވެ. އެއީ ދިވެހި ކާބަފައިން ދުނިޔެ އަށް ދައްކައިދިން އާދަޔާޚިލާފު ހުނަރުތަކެއް ކަމަށް ވެސް، ބައެއް މީހުން ބުނެ އެވެ.
ތަޖުރިބާކާރުންގެ ވޯކްޝޮޕް ފެށުމުގެ ގޮތުން އިއްޔެ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ރާއްޖޭގެ ތަރިކަ ހިމާޔަތްކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ތަރިކަ ނެތް ނަމަ ރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ މުހިއްމު ކަންތައްތައް ނޭނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވި ގޮތުގައި އާސާރީ ތަންތަނާއި ސަގާފީ ކަންތައްތަކުގެ މައުލޫމާތު އެނގުން މުހިއްމު ނަމަވެސް އެފަދަ ތަންތަނަށް ދޭން ޖެހޭ ސަމާލުކަން ނުދެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް އަޒްރާ ވިދާޅުވީ ރާއްޖޭގެ ހިރިގަލުގެ މިސްކިތްތަކަކީ ނަމޫނާ މަސައްކަތްތަކެއް ކަމަށެވެ. އެ މިސްކިތްތަކުން ދިވެހިންގެ އަތްތެރިކަމާއި ކުޅަދާނަކަން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.