ރިޗާ އާއި އަލީގެ ކައިވެނި އަންގާރަ ދުވަހު، ކައިވެނީގެ ކުރީގެ ހަފްލާތައް ވެސް ކުލަގަދަ
ރިޗާ އާއި އަލީގެ ކައިވެނި އަންގާރަ ދުވަހު، ކައިވެނީގެ ކުރީގެ ހަފްލާތައް ވެސް ކުލަގަދަ

ރައްޓެހިވެގެން އުޅޭތާ އެތައް އަހަރެއް ފަހުން، ބޮލީވުޑްގެ ޖޯޑު އަލީ ފަޒަލް އާއި ރިޗާ ޗައްދާ އަންނަ އަންގާރަ ދުވަހު ކައިވެނިކުރަން ތައްޔާރުވެއްޖެ އެވެ.

އެމީހުންގެ ކައިވެނީގެ ކުރީގެ ހަފްލާތައް ވަނީ ދިއްލީގައި ހުކުރު ދުވަހު ފަށައިފަ އެވެ. ކައިވެނި އޮންނާނީ އަންނަ އަންގާރަ ދުވަހު މުމްބާއީގަ އެވެ.

އެމީހުންގެ ސަންގީތާއި މެހެންދީ ހަފްލާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. އަދި ދިއްލީގައި ކައިވެނީގެ ކުރިން ބޮޑު ޕާޓީއެއް ވެސް ބާއްވާފައިވެ އެވެ. އާއިލާ އާއި އެކުވެރިންނަށް ބޭއްވި އެ ޕާޓީގައި 300 އެއްހާ މެހެމާނުން ބައިވެރިވި އެވެ.

އެ މީހުންގެ ކައިވެނީގެ ހަފްލާގެ ހަރަކާތްތައް ނިންމާލާނީ މިމަހުގެ ހަތް ވަނަ ދުވަހު، މުމްބާއީގައި ބާއްވާ ބޮޑު ޕާޓީއަކުންނެވެ. ބެލެވޭ ގޮތުގައި އެ ޕާޓީގައި ފިލްމީީ ދާއިރާގެ ގިނަ ބަޔަކު ފެންނާނެ އެވެ.

އާންމުކޮށް ބޮލީވުޑްގެ ކައިވެނިތަކުގައި މި ފަހުން ފެންނަނީ ފޯނު މަނާކުރުމުގެ ހަރުކަށި އުސޫލުތަކެއް ހަދައިގެން އުޅޭ މަންޒަރެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަލީ އާއި ރިޗާ ނިންމާފައި ވަނީ އެމީހުންގެ ކައިވެނީގައި އެންމެނަށް ވެސް ފޯނު ހިފައިގެން އުޅުމަށް ފުރުސަތު ދޭށެވެ.

އެކަމަކު އެ ފުރުސަތު ދިނަސް އެ މީހުން އެދިފައި ވަނީ ފޯނުތައް ބަހައްޓާފައި އެމީހުންގެ ކައިވެނީގެ ހަފްލާތަކުގައި ފުރިހަމައަށް ބައިވެރިވެ، އެމީހުންނާ އެކު އެވަގުތުކޮޅު ހޭދަކުރުމަށެވެ.

އަލީ އާއި ރިޗާ، އެމީހުންގެ ސަންގީތުގެ ފޮޓޯ ހަމަ އެ ދުވަހު ސަޕޯޓަރުންނަށް ވެސް ހިއްސާކުރި އެވެ. އެހެންވީމަ ބެލެވެނީ ކައިވެނިކުރާ ދުވަހު ވެސް ސަޕޯޓަރުން މާގިނައިރު އިންތިޒާރުގައި ނުބައިތިއްބާ ކައިވެނީގެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލާނެ ކަމަށެވެ.

"ފުކްރޭ" ގެ ސެޓުން އަލީ އާއި ރިޗާ ދިމާވީ 2012 ގަ އެވެ. އޭގެ ފަހުން އެމީހުން ޑޭޓްކުރަމުން އަންނައިރު 2020 ގައި އެމީހުން އުޅުނީ ކައިވެނިކުރާށެވެ. އެކަމަކު ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކާ ގުޅިގެން ޕާޓީ ނުބޭއްވޭނެތީ އެމީހުން ނިންމީ ކައިވެނި ފަސްކުރާށެވެ.

"މިރްޒަޕޫރް" އާއި "ހާމޯޝިއާ" ކަހަލަ ފިލްމުތަކުން ފެނުނު އަލީ، ރިޗާއަށް ޕްރޮޕޯސްކުރީ 2019 ގައި ރާއްޖޭގަ އެވެ. ރިޗާ ވަނީ "ލަވް ސޯނިއާ" އާއި "ސާބްޖިތު" އަދި "ޕަންގާ" ކަހަލަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ.