02 އޮކްޓޯބަރ 2022 - 06:38

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ، ރިތިކް ރޯޝަނާއި ސައިފް އަލީ ޚާން ލީޑު ރޯލު ކުޅެފައިވާ ފިލްމު، "ވިކްރަމް ވެދާ" އަށް ހީކުރިވަރުގެ ތަރުހީބެއް ބޮކްސްއޮފީހުގައި ނުލިބުނެވެ.
މިއަހަރު އެންމެ ބޮޑުކޮށް ޕްރިމިއާ ކުރި އަދި އެންމެ ވަރުގަދަވާނެ ކަމަށް ލަފާކުރެވުނު އެއް ފިލްމުކަމުގައިވާ "ވިކްރަމް ވެދާ" ރިލީޒްކުރީ ހުކުރު ދުވަހު އެވެ. އެކަމަކު ފިލްމު އެޅުވި ދުވަހު 10.58 ކްރޯޑް ރުޕީސް ލިބުނުއިރު ދެވަނަ ދުވަހު ލިބުނީ 13.75 ކްރޯޑް ރުޕީސް އެވެ.
ފިލްމަށް ދެ ދުވަހުން 24 ކްރޯޑް ރުޕީސް ލިބިފައިވާއިރު ކުރިން ބެލެވިފައި އޮތީ އެ ފިލްމަށް ފުރަތަމަ ހަފްތާ ބަންދުގައި 40 ކްރޯޑް ރުޕީސް ލިބޭނެ ކަމަށެވެ. އެކަަމަކު އާދިއްތަ ދުވަހަކީ ބަންދު ދުވަހަކަށް ވާތީ ތަރުހީބު އިތުރުވެއްޖެ ނަމަ، ކުރިއަށް އޮތް ދުވަސްތަކުގައި ހިފަހައްޓާލުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ފިލްމު ޓްރޭޑް އެލަނިސްޓުން ބުނެ އެވެ.
ފިލްމަށް ކުރިން އަންދާޒާކުރި ވަރުގެ ތަރުހީބެއް ނުލިބުނަސް ކްރިޓިކުންނާއި ފިލްމުގެ ބެލި މީހުން ވަނީ ޕޮޒިޓިވް ރިވިއުއެއްދީފަ އެވެ.
އެ ފިލްމަކީ 2017 ގައި ރިލީޒްކުރި ތަމަޅަ ބްލޮކްބާސްޓާ "ވިކްރަމް ވެދާ" ގެ ހިންދީ ރިމޭކެކެވެ. ހިންދީ ފިލްމަށް ވެސް އޮރިޖިނަލް ފިލްމުގެ ނަންދީފައިވާއިރު އެ ފިލްމުގައި ރިތިކަކީ ގޭންގް ލީޑަރެކެވެ. އަދި ސައިފް ފެންނަނީ ޕޮލިހެއްގެ ރޯލުންނެެވެ.