02 އޮކްޓޯބަރ 2022 - 06:38

ބުދަ ދުވަހާ ގުޅޭ
ނަޒްދާ އިސްކޫލުން ނުކުތް އިރު، ކޮތަޅެއް ހިފައިގެން ހުރި މީހަކު، ނަޒްދާގެ ގައިގައި މަޑުމަޑުން ޖެހިލާފައި ދިޔަކަމެއް ނަޒްދާ ނުދެނަހުއްޓެވެ. ނަޒްދާ ގައިން ދުވި މީރު ސެންޓުވަހުން އެ ފަހަރު ވެސް މީހެއްގެ އެސްފިޔަތަކަށް ލޮޑުކަން ގެނުވިއެވެ. އުފަލުން ގޮސް ޝުކުރުއަދާނުކޮށް އެ މީހާއަކަށް ފަރެއްނުޖެއްސުނެވެ. ފޯނު ނެގިއެވެ. މެސެޖެއް ލިޔެލިއެވެ.
"ތީ ދެވަނައެއް ނުވާ ހަނދެކެވެ. ހިތުން ނުފިލާ ހުވަނދެކެވެ. ސިއްރު ނޭނގޭ ކަނޑެކެވެ. ހިތަށް އަނިޔާކުރާ ތަދެކެވެ."
ނަޒްދާ ސައިކަލަށް އެރި ވަގުތު، މެސެޖު އައި އަޑުއިވުނެވެ. ހިތް ބުންޏެވެ. އެއީ އޭނަގެ މެސެޖެކެވެ. ފޯނު ނެގުމުގެ ކުރިން ނަޒްދާ ވަށައިގެން ހޯދައިލިއެވެ. ފޯނާ ކުޅެމުން ސައިކަލެއްގައި އައި މީހަކު ނަޒްދާ ފަހަނައަޅައި ދިޔައެވެ. އެއީ ޕާޓޭއެއްހެން ހުރި ޒުވާނެކެވެ. ތަންކޮޅެއް ދުރުގައި، ދުވާރު މަތީގައި މީހަކު ހުއްޓިގެން ހުއްޓެވެ. އޭނަ ހުރީ ނަޒްދާއަށް ބަލާށެވެ. އެ މީހާ އަތުގައި ފޯނެއް އޮތެވެ. ނަޒްދާގެ ފުރަގަހުގައި، ސައިކަލެއް މަތީގައި ނުގޮތަކަށް އިށީނދެލައިގެން މީހަކު އިނެވެ. ދެބައި އުމުރުގެ މީހެކެވެ. އޭނަ ނިކަން ހިނިއައިސްފައި އިނދެގެން ފޯނާކުޅެއެވެ. ޝައްކުކޮށްފައި ނުކުރާނެ މީހެއް ނަޒްދާއަކަށް ނޭނގުނެވެ. ނަޒްދާ މެސެޖު ބަލައިލިއެވެ. ހިތަށް ހީވީ މާތަކެއް އޮހިގަތްހެންނެވެ. އުފާވެރިކަން ފޮރުވަން އުޅުނު ނަމަވެސް، ތުންފަތް އެ ކަން ނާކާމިޔާބުކޮށްލިއެވެ. ދެވަނަ ސިކުންތުގައި ސިކުނޑި އިންޒާރުދިނެވެ. މުޖުތަބާއަށް ތި މެސެޖު ފެނިއްޖެއްޔާ ވާނެ ގޮތް އެނގޭ ހެއްޔެވެ؟ ނަޒްދާ އަވަސްއަވަހަށް އެ މެސެޖު ފުހެލިއެވެ. އެކަމަކު ލަފުޒުތައް ހިތުގައި ކަނޑައިނެގިއެވެ.
"ތީ ދެވަނައެއް ނުވާ ހަނދެކެވެ. ހިތުން ނުފިލާ ހުވަނދެކެވެ. ސިއްރު ނޭނގޭ ކަނޑެކެވެ. ހިތަށް އަނިޔާކުރާ ތަދެކެވެ." ނަޒްދާގެ ކަންފަތްދޮށުގައި، ވައިއަޑުން މީހަކު ބުނެލި ކަހަލައެވެ.
ނަޒްދާ ސައިކަލަށް އަރައި ދުއްވައިލި އިރު، އަޒާނަށް ދޭން ހަދިޔާ ގަތް މީހާ ހަދިޔާ ހިފައިގެން އިސްކޫލަށް ވަދެ ނިމިއްޖެއެވެ. އަޒާންގެ ކިލާސް އޭނައަށް އެނގެއެވެ. އެހެނަސް އޭނަ މިސްރާބުޖެހީ އޮފީހަށެވެ.
"އައްސަލާމު އަލައިކުން!" އިހުތިރާމާ އެކުގައި އޭނަ ސަލާން ގޮވައިލިއެވެ.
"ވައަލައިކުމް ސަލާމް!" އެ ވަގުތު އޮފީހުގައި ހުރެވުނު ހެޑުމާސްޓަރު ސަލާން ބަލައިގަތެވެ.
ހަދިޔާ ހިފައިގެން ހުރި މީހާ ކޮތަޅު ދިއްކޮށްލިއެވެ. އަޒާންގެ ފުރިހަމަ ނަމާއި، އިންޑެކްސްއާއި ކިލާސް ބުންޏެވެ.
"މި ލަންޗްބޮކްސް އަޒާނަށް ރައްދުކޮށްދެއްވާ!" އޭނާ އެދުނެވެ. "މި ގަނެދޭ މަތިން މިއަދު ސްކޫލަށް އައީ. އަޅުގަނޑު ބުނެފަ އޮންނާނީ، ސްކޫލް ނިމުމުގެ ކުރިން ދޭނަމޭ! ކުޑަކުއްޖަކަށް ވިޔަސް ދޮގުހަދާކަށް ނުވާނެ ނޫންތޯ؟ ފަހަރެއްގަ މީޓިންއެއްގަ ތާށިވެދާނެތީ ހިފައިގެން މިއައީ."
"ލައްބަ!" ހެޑްމާސްޓަރު ބުންޏެވެ. "ތީ އަޅުގަނޑު ވެސް ބުނާ ވާހަކަ. ކުޑަކުއްޖަކަށް ވިޔަސް ދޮގުހަދައިގެން ނުވާނެ. ތީ އަޒާންގެ ކާކުތޯ؟"
"ބައްޕަ!" އޭނަ ބުންޏެވެ.
ނަޒްދާ ދިޔައީ ޑިއުޓީއަށެވެ. އޮފީހަށް ވަދެ ޖެކެޓު ނެގިއެވެ. އެއީ ޕެޓުރޯލުއަޅާ ތަނެކެވެ. ނަޒްދާގެ ވަޒީފާއަކީ ޕެޓުރޯލު އަޅައިދިނުމެވެ. އެހައި ޝައުގުވެރި މަސައްކަތެއް ނޫނެވެ. އެހެނަސް، އެ ވަގުތަށް އެހެން ގޮތެއް ނެތީއެވެ.
"ހާދަހާ ނުފެންނަ މޫޑެއްގަ؟" ލާނެތް ރާގެއްގައި ހަނާ ބުނެލިއެވެ. "މުޖޫ ބްރޭކްފަސްޓަކަށް ގެންދިޔައީތަ؟"
ހަނާއަކީ ވެސް އެ ވަޒީފާއަދާކުރާ ކުއްޖެކެވެ. ނަޒްދާއާއި ހަނާގެ ގުޅުން ބޮޑުވާ ސަބަބަކީ ހަނާގެ ކިބައިގައި ހުންނަ ސިއްރު ހިފޭއްޓުމުގެ ސިފައެވެ.
"ހުހް!" ނަޒްދާއަށް ބުނެވުނެވެ. "އޭނަ އެބަ އުޅޭތަ މޮޔަވެގެން؟ އެކްސް ގޮވައިގެން އޭނަ ގޮއްސާނެ."
"އަދިވެސް އެ ކަން އޮވޭ؟" ހައިރާންވެފައި ހަނާ އެހިއެވެ.
"އަހަރެންގެ މޫޑު ރަނގަޅިއްޔާ ކޮންމެހެން ވެސް މޫޑު އޯފްކޮށްލަން ޖެހޭތަ؟" ސަމާސާ ރާގެއްގައި ނަޒްދާ ބުންޏެވެ. "މިހާރު މެރީކުރާ ދުވަސް ފައިނަލްވީ؟"
"ކޮންތާކު؟" ޗޮކެއްކަނޑާލާފައި ހަނާ ބުންޏެވެ. "އޭނަ ޖޮބެއް ނުހޯދަނީހެން އަހަންނެއް ނީންނާނަން."
އަޒާން ގޮވައިގެން ނަޒްދާ އައި އިރު މުޖުތަބާ ގޭގައި އުޅެއެވެ. މެންދުރު ކާގަޑިއަށް މުޖުތަބާ ގެއަށް އަންނާނީ ވަރަށް މަދުންނެވެ. އެ ދުވަހަކީ މުޖުތަބާ ވިދިވިދިގެން ގެއަށް އައި ދެވަނަ ދުވަހެވެ. ނަޒްދާއަށް ފެނުނު އިރު އޮތީ ސޯފާގައި އޮށޯވެލައިގެންނެވެ. އެއީ ވެސް މުޖުތަބާ ވަރަށް ނުކުރާ ކަމެކެވެ.
"ބަލިވީތަ؟" ނަޒްދާ އަހައިލިއެވެ.
"އާނ! ހޭބަލި!" ފޫހިވެފައި މުޖުތަބާ ބުންޏެވެ. "މި އުޅޭ ނީޒާ ގުޅާ ވަރުން ބޯހަލާކު. ހަމަ ގުޅަނީ ހަމަ ގުޅަނީ! ކިހިނެއް ހެދިއްޔާތަ މި ކަމުން ސަލާމަތްވާނީ؟ އެއް ނަންބަރު ބްލޮކްކުރާ އިރަށް އަނެއް ނަންބަރުން އެބަ ގުޅާ!"
ނަޒްދާ ބުނަން އޮތް އެތި ބޮޑުކަމުން އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް، ކުޑަ އެއްޗެއް ބުނެލާ ހިތުން ކެތެއްނުކުރެވުނެވެ.
"އެކްސް ގޮވައިގެން ކޮފީއަށް ދިޔުން ހުއްޓާލެވޭނެ؟" ނަޒްދާ ކޮށްލީ އެންމެ ސުވާލެކެވެ.
ޖަވާބުދޭކަށް މުޖުތަބާއަށް ފަސޭހައެއް ނުވިއެވެ. ނީޒާގެ ކައިވެންޏަކީ ހަފުތާއަކަށް ފަހު ރޫޅުނު ކައިވެންޏެކެވެ. ކައިވެނި ރޫޅާލަން ޖެހުނީ މުޖުތަބާއަށް ކުރެވުނު ކުށްހީއެއްގެ ސަބަބުންނެވެ. އެ ކަން އެނގުނީ މާ ފަހުންނެވެ. ވީމާ، ކުށަށް މާފުއެދިފައި އެކުވެރިކަން ބާއްވަން މުޖުތަބާ އެދުނެވެ. ނީޒާ އުޅެނީ އޭގެ ނާޖާއިޒު ފައިދާނަގާށެވެ. މުޖުތަބާ ޖަޒުބާތުގައި ޖައްސައިގެން ހަމުދަރުދީހޯދާށެވެ. ކޮފީއަށް ގެނުވައި، ބޭނުންވާ އެއްޗެހި ވެސް ގަނުވައެވެ. ނީޒާއަކީ ރީތި ކުއްޖެކެވެ. ދިގު އިސްތަށިގަނޑެއްގެ ވެރިޔެކެވެ. ނީޒާ ދެކެ މުޖުތަބާއަށް ލޯބިވެވުނީ ވެސް އެ އިސްތަށިގަނޑަކާ ހެދިއެވެ. ނީޒާގެ ކަމަކީ އިސްތަށިގަނޑުން މަޅިއެއް ހަދައިގެން މުޖުތަބާގެ ކަރަށް އެ މަޅި މެހޭތޯ މަސައްކަތްކުރުމެވެ.
"ތެންކިޔޫ ޑެޑީ!" ކޮޓަރިއަށް ވަން އަޒާން ދުވެފައި އައިސް ބުންޏެވެ.
މުޖުތަބާއާއި ނަޒްދާ ވެސް އަޒާނަށް ބަލައިލިއެވެ. ޝުކުރުއަދާކުރީ ކޮން ކަމެއްކަން ނޭނގިގެންނެވެ.
"ކީއްވެ ބައްޕައަށް ތެންކިޔޫ ބުނަން ޖެހުނީ؟" ނަޒްދާ އެހިއެވެ.
އަޒާން ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އަޔަންމޭން ޖަހައިފައިވާ ލަންޗުބޮކްސް ހިފައިގެން އައިސް ނަޒްދާއަށް ދައްކައިލިއެވެ. ނަޒްދާ ބަލައިލީ މުޖުތަބާއަށެވެ. މުޖުތަބާ ނަޒްދާއަށެވެ. ކޮންމެ މީހަކަށް ވެސް ހީވީ އަނެކަކަށް ނާންގާ އަޒާންއަށް އޭތި ގަނެދިނީކަމަށެވެ.
"އެއީ ކޮން އިރަކު ހިނގި ކަމެއް؟" ނަޒްދާ އެހިއެވެ.
"އަހަންނެއްނު ތިހެން އަހަންވީ،" މުޖުތަބާ ތެދުވަމުން ބުންޏެވެ. "މީ ކިހާ ވަރަކަށް ދޭ އެއްޗެއް؟ ކޮން ތާކުން ލާރި ހޯދީ؟"
ނަޒްދާ ފުރަތަމަ ކުރި ކަމަކީ އަޒާން ކޮޓަރިއަށް ފޮނުވައިލުމެވެ. ދެން އޮތީ ދެމަފިރިންގެ އަރައިރުންވުމެވެ. ވީ ގޮތް އޮޅުންފިލުމުގެ ބަދަލުގައި ހައްތަހާ އޮޅުންއެރީއެވެ. މުޖުތަބާ ހީކުރީ ނަޒްދާ އޭތި ގަނެދީފައި މުޖުތަބާ ދިން އެއްޗެކޭ ބުނީ ކަމަށެވެ. ނަޒްދާ ހީކުރީ ނަޒްދާއަށް ނާންގާ މުޖުތަބާ އޭތި ގަނެދިނީކަމަށެވެ. އެންމެ ކުރިން ކުރަންވީ ކަންތައް ނަޒްދާއަށް ކުރެވުނީ، ހިތްފުރެންދެން ދެ މީހުން އަރާރުންވުމަށް ފަހުގައެވެ. ނަޒްދާ ގޮސް އަޒާންގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.
"ކިހިނެއް ދަރިފުޅަށް ތި ލަންޗްބޮކްސް ލިބުނީ؟" ނަޒްދާ އެހިއެވެ.
ނަޒްދާގެ ފަހަތުގައި މުޖުތަބާ ވިއްދައިފައި ހުއްޓެވެ. ވީ ގޮތް އޮޅުންފިލުވަން މުޖުތަބާ މާ ބޭނުމެވެ.
"މިސް ދިނީ،" އަޒާން ކުޑަކޮށް ހައިރާންވެފައި ބުންޏެވެ. "މިސް ބުނީ ބައްޕަޔޯ ދިނީ."
"އަހަނ! ކީކޭ ދެން ބުނާނީ؟" މުޖުތަބާއަށް ބުނެވުނެވެ. "ވަރެއްގެ މިސްއެއްތާ!"
އަނެއްކާ ވެސް އޮޅުންއެރިއެވެ. މުޖުތަބާ ބޭނުންވީ ވަގުތުން ޓީޗަރަށް ގުޅާށެވެ. ނަޒްދާ ވެސް ހުރީ ހަމަ އެ ކަމަށް ބޭނުންވެފައެވެ. އެ ވަގުތަކު ޓީޗަރަކަށް ނުގުޅުނެވެ. ޓީޗަރު ފަހުން ގުޅިއެވެ. އޭނަ ބުނި ގޮތުގައި އެއީ ހެޑްމާސްޓަރު ގެނައި އެއްޗެކެވެ. އަނެއްކާ ހެޑްމާސްޓަރަށް ގުޅަންޖެހުނެވެ. އޭނަ ބުނި ގޮތުގައި އެއީ އަޒާންގެ ބައްޕަ ދިން އެއްޗެކެވެ. އަޒާންގެ ހުރިހާ މައުލޫމާތެއް ވެސް އޭނަ ކިޔައިދިނެވެ. އެންމެ ފަހުން މުޖުތަބާއަށް ޖެހުނީ ވީޑިޔޯކޯލެއް ކުރާށެވެ.
"މީ އަޒާންގެ ބައްޕަ، މުޖުތަބާ!" ރުޅިއައިސްފައި މުޖުތަބާ ބުންޏެވެ. "ފެނިއްޖެތޯ؟ މީގަ އޮތީ ދެ ގޮތް. އަޅުގަނޑު ހެސްކިޔާފަ ހަނދާންނެތެނީ. އެހެން ނޫނީ އަޅުގަނޑުގެ ޑަބަލްއެއް އުޅެނީ. ހެޑްމާސްޓަރު ގޮތެއް ނިންމަވާ!"
"ތީ ތޯ އަޒާންގެ ބައްޕަ؟" ހެޑްމާސްޓަރަށް ބުނެވުނީ އެހެންނެވެ.
"ލައްބަ!" ކުރިޔަށް ވުރެ ހިތްހަމަނުޖެހިފައި މުޖުތަބާ ބުންޏެވެ. "ހެޑްމާސްޓަރަށް ވުރެ ބޮޑަށް އަޅުގަނޑަށް ދެއްތޯ އަޒާންގެ ބައްޕަ އެނގޭނީ."
އިރުކޮޅެއް ތެރޭގައި ވީނުވީ ގޮތް އެނގުނެވެ. އެކަމަކު މައްސަލަ ހައްލެއް ނުވިއެވެ. މުޖުތަބާގެ ޝަކުވާ ވަރަށް ސާފެވެ. ތަނަކުން މީހަކު ގެންނަހާ އެއްޗެއް ދަރިވަރަށް ދެވިގެން ނުވާނެއެވެ. ހެޑްމާސްޓަރު އެ ކަމަށް އެއްބަސްވިއެވެ. ތަކުރާރުކޮށް މާފަށްއެދުނެވެ. އެހެނަސް އެ މީހަކީ ކާކު ހެއްޔެވެ؟ އޭނަގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ އެ ދެ ސުވާލަކަށް އެކަކަށް ވެސް ޖަވާބެެއް ނުދެވުނެވެ. މުޖުތަބާ ބޭނުންވީ ލަންޗްބޮކްސް އެއްލައިލާށެވެ. އަޒާން އެއްބަހެއް ނުވިއެވެ. ދޭތެރެ މެދުގެ ހައްލެއް ނަޒްދާ ބުނެދިނެވެ. ލަންޗްބޮކްސް އެއްލައިނުލުމެވެ. ގެއިން ބޭރަށް ވެސް ނުނެރުމެވެ. މައްސަލަ ހައްލުވީ ރޭގަނޑު ނުވައެއްޖަހަން އުޅެނިކޮށެވެ.
"ދަރިފުޅަށް ހަދިޔާ ކަމުދިޔަ؟" ނުވައެއްޖެހި ތަނާ ނަޒްދާއަށް މެސެޖެއް އައެވެ.
ނަޒްދާގެ ހިތް ހީވީ މޭފަޅާފައި ނުކުތްހެންނެވެ. ވަގުތުން މެސެޖު ފުހެލިއެވެ. އެ ނަންބަރުން ނަޒްދާއަށް ނުގުޅޭނެ ގޮތް ހެދިއެވެ. މުޖުތަބާ ގާތުގައި އެ ވާހަކަ ބުނަން ހިނގައިގަތެވެ. ހުއްޓުނެވެ. އަނެއްކާ ހިނގައިގަތެވެ. ހުއްޓުނެވެ. ހިތަށްއެރިއެވެ. މުޖުތަބާއަކަށް ނުވިސްނޭނެއެވެ. ބުއްދިއަށް ވުރެ ކުރިޔަށް އޭނަ އިސްކުރާނީ ރުޅިއެވެ. ދަރިފުޅު އިސްކޫލަށް ގެންދިޔުން މަނާ ވެސް ކޮށްފާނެއެވެ. ހުރިހައި ދެރައެއް ލިބޭނީ ނަޒްދާއަށެވެ. އެކަމަކު އެ މީހަކަށް އަޒާންގެ ހުރިހާ މައުލޫމާތެއް އެނގެންޏާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ.
"ނަންބަރު ބުލޮކްކުރީތަ؟" ހެނދުނު އެހެން ނަންބަރަކުން މެސެޖެއް އައިސްފައި އޮތެވެ. "އެހެން ނަހަދާ! ރިޕްލައިކުރޭ! ހަމަ އެންމެ ފަހަރަކު ބުނަން ޖެހޭނީ. ހުއްޓާލާނަން. ނަޒްދާއަށް ދެރައެއްދީ، ބިރުގަންނަވާ، އުނދަގޫކުރާކަށް އަހަރެން ބޭނުމެއް ނޫން. އަޅެ އެންމެ ފަހަރަކު ވެސް ބުނެބަލަ މެސެޖު ނުކުރާށޭ!"
"މެސެޖު ނުކުރޭ!" ނަޒްދާ ފުރަތަމަ ފަހަރަށް ޖަވާބު ފޮނުވިއެވެ.
ނުނިމޭ