01 އޮކްޓޯބަރ 2022 - 15:03

އެޕަލް ކުންފުނީގެ އެންމެ ފަހުގެ އައިފޯން 14 ޕްރިއޯޑަރަށް ވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން އިންސްޓަގްރާމު ޕޭޖެއް މެދުވެރިކޮށް ބައެއްގެ އަތުން ފައިސާ ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
"އީކޮމާސް އިލެކްޓްރޯނިކްސް މޯލްޑިވްސް" ގެ ނަމުގައި އިންސްޓަގްރާމުގައި ޕޭޖެއް ހަދައިގެން އައިފޯން 14 ގެ އެކި މޮޑެލްތައް ޕްރިއޯޑަރަށް ނަގައި މީހުންގެ އަތުން ފައިސާ ހޯދި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ވެސް ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި މިއަދު އެ މައްސަލަ ރިޕޯޓްކޮށްފައިވާތީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެ ޕޭޖުގައިވާ ގޮތުން އެންމެ ލަސްވެގެން 30 ދުވަހުގެ ތެރޭގައި އެތަނުން އޯޑަރު ކުރާ ތަކެތި ލިބޭނެ އެވެ. އަދި އެ ޕޭޖުން ވިއްކަމުންދާ ތަކެއްޗަކީ ހުސް އޮރިޖިނަލް ތަކެތި ކަމަށް ލިޔެފައިވެ އެވެ.
އެ ޕޭޖު، 8،115 މީހުން ފޮލޯކުރަމުން އަންނައިރު މި ޕޭޖަކީ އައިފޯން 14 ނެރުނު ފަހުން ހަދާފައިވާ ޕޭޖެއް ކަމަށްވެ އެވެ. އެ ޕޭޖުން ކިހާ އޯޑަރެއް ނެގި ކަމެއް ސާފެއް ނުވެ އެވެ. އެހެންވެ ކިހާ ބަޔަކު ފައިސާ ދެއްކި ކަމެއް ސާފެއް ނޫނެވެ.
އެ ޕޭޖުން ޑައުންޕޭމަންޓް ނެގި މީހުންނަށް ރިޕްލައި ނުކޮށްގެން ޝަކުވާ ބޮޑުވިއިރު މިހާރު ވަނީ އެ މީހުންގެ ޕޭޖާއި ވައިބާ ނަމްބަރު ވެސް ޑިއެކްޓިވޭޓްކޮށްފަ އެވެ.