ސާނަވީ ތައުލީމު ކުރިއަރުވަން ވޯލްޑް ބޭންކުން 9 މިލިއަން ޑޮލަރުގެ އެހީއެއް
ސާނަވީ ތައުލީމު ކުރިއަރުވަން ވޯލްޑް ބޭންކުން 9 މިލިއަން ޑޮލަރުގެ އެހީއެއް

ރާއްޖޭގެ ސާނަވީ ތައުލީމުގެ ނިޒާމާއި ސްކޫލުތައް އަދި އުނގަންނައިދިނުމުގެ ނަތީޖާގެ ފެންވަރު ރަނގަޅުކުރުމަށް ވޯލްޑް ބޭންކްގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން 9 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ފާސްކޮށްފި އެވެ.

ވޯލްޑް ބޭންކުން ބުނީ ރާއްޖެއިން ޅަފަތުގެ ތައުލީމާއި އަސާސީ ތައުލީމާއި ފަށާ ތައުލީމް އެންމެންނަށް ފޯރުކޮށްދީފައި ވިޔަސް މަތީ ސާނަވީ ތައުލީމް ހާސިލުކުރާ މިންވަރާއި އެ ލެވެލްގައި ދެ ޖިންސުގެ ދެމެދު އޮތް ފަރަގު ބޮޑުވުމަކީ ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށެވެ.

ރާއްޖޭގައި އުނގެނުމުގެ ނަތީޖާ މެދު މިންވަރެއްގައި ހުރިއިރު އަތޮޅުތަކުގެ މެދުގައި އަދި އަތޮޅު ރަށްތަކުގެ މެދުގައި ވެސް ތަފާތުތަކެއް އެބަ ހުރި ކަމަށާއި ގްރޭޑް 4 އަދި ގްރޭޑް 7 ގެ ދަރިވަރުން އިނގިރޭސި ބަހާއި ހިސާބު އަދި ދިވެހި މާއްދާއިން ހޯދާ ނަތީޖާ ހުރީ އެވްރެޖްކޮށް 50-60 ޕަސެންޓްގައި ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ވޯލްޑް ބޭންކުން މި ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު ޒާވޮސް ވިދާޅުވި ގޮތުގައި ކޮވިޑާ ގުޅިގެން އަސާސީ ތައުލީމާއި ސާނަވީ ތައުލީމް ފޯރުކޮށްދޭ ސްކޫލްތައް ދިގު މުއްދަތަކަށް ބަންދުކުރަން ޖެހުމާ ގުޅިގެން ރާއްޖޭގެ އާންމު ތައުލީމީ ނިޒާމަށް ވެސް ވަރަށް ބޮޑަށް އަސަރުކުރި އެވެ.

އެހެންވެ، "މޯލްޑިވްސް އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ނަމުގައި ރާއްޖޭގައި މި ފަށާ ބިޔަ މަޝްރޫއުއާ އެކު އިނގިރޭސި ބަހާއި ހިސާބު އަދި ސައިންސް އާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމުތަކާއި އިގްތިސޯދީ ކުރިއެރުމަށް ކޮންމެހެން މުހިއްމު މާއްދާތަކުން ސާނަވީ ތައުލީމްގެ ފެންވަރު މަތިކުރުމަށް ސަރުކާރަށް އެހީތެރިވާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެެވެ.

އެ މާއްދާތަކުން ރަނގަޅު ނަތީޖާތަކެއް ހޯދިއްޖެ ނަމަ، އިތުރު ދަރިވަރުންނަށް ސާނަވީ ތައުލީމް ހޯދުމަށް މަގުފަހިވާނެ ކަމަށާއި ހަކަތަ އިގްތިސޯދުކުރުމާއި ކުނި މަދުކުރުން ފަދަ ތިމާވެއްޓާ ރައްޓެހި ކަންކަން ތަންފީޒުކުރުމަށް ސްކޫލުތަކަށް ބާރު އެޅޭނެ ކަމަށް ވެސް ބުނެ އެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި އަތޮޅު ސްކޫލުތަކަށް އައިސީޓީ އާލާތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ އެކު އުނގެނުމަށް ގޮންޖެހުން ކުރިމަތިވާ ދަރިވަރުންނަށް ހާއްސަކޮށް ޓީޗަރުން ހަރުދަނާކުރެވޭނެ އެވެ.

ވޯލްޑް ބޭންކްގެ ލީޑް އިކޮނޮމިސްޓް އަދި ޓާސްކް ޓީމް ލީޑަރު ހަރްޝާ އަތުރުޕާން ވިދާޅުވީ ރާއްޖޭގެ ސަރުކާރުން ދަނީ ތައުލީމީ މުގައްރަރު އިސްލާހުކުރުމަށް ވަށާޖެހޭ ސިޔާސަތުތަކެއް ތަންފީޒުކޮށް ރަށްތަކަށް ހަމަހަމަކަމާ އެކު އުނގެނުމުގެ ނަތީޖާ ރަނގަޅުކުރުމަށް އިސްކަން ދެމުން ކަަމަށެވެ.

މި މަޝްރޫއުއަށް 10 މިލިއަން ޑޮލަރު ހަަރަދުކުރަން ހަމަޖެހިފައިވެ އެވެ. އެއީ ތަަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 4.5 މިލިއަން ޑޮލަރުގެ ލޯނާއި 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި ދިވެހި ސަރުކާރުން ހަރަދުކުރަން ނިންމާފައިވާ 1 މިލިއަން ޑޮލަރެވެ.