01 އޮކްޓޯބަރ 2022 - 13:04

މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ޓޫރިޒަމް ފުޅާކޮށް، ދެމެހެއްޓެނިވި އަދި އަތްފޯރާ އަގެއްގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުކުރެވޭނެ ފަދަ ބޭނުންތެރި ހިދުމަތްތަކެއް ގާއިމުކުރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
އަދާރަން ސިލެކްޓް ހުދުރަންފުށީގައި ބޭއްވި ސައުތު އޭޝިއަން ޓްރެވަލް އެެވޯޑްސް (ސަޓާ) 2022 ގައި ފައިސަލް ވިދާޅުވީ މީގެ 50 އަހަރުކުރިން ރާއްޖޭގައި ޓޫރިޒަމް ތައާރަފުކުރެވިގެންދިޔައީ ޒުވާން ބަޔަކު ކުރި ބުރަ އަދި އިހުލާސްތެރި މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ.
ޓޫރިޒަމްގައި ރާއްޖެއަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް މަންޒިލަށް މިހާރުވެފައިވާ ކަމަށާއި އެ ކާމިޔާބުގެ އަސްލު ހަގީގަތަކީ ރާއްޖޭގެ މެހެމާންދާރީ އަދާކުރުމުގެ ސިފަ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިންގެ އެންމެ ހާއްސަ އެއް ކަމަކީ ގާތް ރަހުމަތްތެރިކަމާއި ދީލަތިކަމާ އެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރާތްކުރާ ކޮންމެ ޓޫރިސްޓަކަށް ވެސް އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމުގެ ވިސްނުން ގެންގުޅުމެވެ.
އެ ރަސްމިއްޔާތުގައި ފައިސަލް ވަނީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ކުރިމަތިވި ގޮންޖެހުންތަކަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އަޅަން ޖެހުނު ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް ރިސޯޓުތަކާއި ގެސްޓްހައުސްތައް ވަގުތީ ގޮތުން ބަންދުކުރަން ޖެހުމުން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރި އެވެ. އަދި އަލުން ބޯޑަރުތައް ހުޅުވާލައި ޓޫރިސްޓުންނަށް ރާއްޖެއަށް އާދެވެން މެދުވެރިވީ ރައީސްގެ އިސްނެންގެވުމާއި ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތް ގުޅިގެން ކުރި މަސައްކަތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ "ސަޓާ 2022" އެވޯޑު ފަތުރުވެރިކަމުގެ ދާއިރާ އާއި ހޮސްޕިޓަލިޓީ ދާއިރާގައި ފާހަގަކޮށްލެވޭ ފަސް ފަންނުވެރިންނަށް ހަވާލުކޮށްދެއްވައިފަ އެވެ.