މެރިޓައިމް ދާއިރާއާ ގުޅޭ 14 ގަވާއިދެއް ހަދަނީ
މެރިޓައިމް ދާއިރާއާ ގުޅޭ 14 ގަވާއިދެއް ހަދަނީ

ރާއްޖޭގެ މެރިޓައިމް ދާއިރާއާ ގުޅޭ ކަންކަން ހަރުދަނާކުރުމަށް މުހިންމު 14 ގަވާއިދެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އިއްޔެ ފާހަގަކުރި މި އަހަރުގެ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާ ބެހޭ ދުވަހުގެ މުނާސަބަތުގައި އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތަށް ދެމެހެއްޓެނިވި ތަރައްގީ އާއި ކުރިއެރުން ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ވަރަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

މެރިޓައިމް ދާއިރާގެ ގާނޫނުތަކާއި ގަވައިދުތައް ހަދައި އެ ދާއިރާ ހަރުދަނާ ކުރުމަށް މުހިންމު 14 ގަވާއިދެއް ހަދައި، މިހާރު އޮތީ ނިންމުމުގެ މަރުހަލާގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

"މި ގަވާއިދުތަކުގެ ތެރޭގައި ކަނޑުދަތުރުފަތުރުގެ ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމުގެ ގަވާއިދާއި އެ ފަރާތްތަކުގެ ތައުލީމާއި ތަމްރީނާއި ސަނަދާ ގުޅޭގޮތުން އެކުލަވާލާފައިވާ މުއާހަދާގެ ދަށުން ލާޒިމުވާ ގަވާއިދުތައް ހިމެނިގެންދާނެ އެވެ،" އެ ބަޔާނުގައިވެ އެވެ.

މެރިޓައިމް ދާއިރާ ކުރިއެރުވުމުގެ މަސައްކަތުގެ ދަށުން ކެޕްޓަނުންނާއި އިންޖިނިއަރުން ތަމްރީނުކުރުމަށް ފަށާފައިވާ ޕްރޮގްރާމުގައި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 30 އޮފިސަރުން ތަމްރީނުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ. އަދި 2020 ވަނަ އަހަރު މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ނަމުގައި ރާއްޖޭގެ އަމިއްލަ ޝިފިން ލައިނެއް ތައާރަފުކޮށް، އެ ޝިފިން ލައިންގެ މަސައްކަތްތައް ހަރުދަނާ ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އެ ޝިފިން ލައިންގެ ސަބަބުން ރާއްޖެ އަށް މުދާ ގެނައުމަށާއި ރާއްޖެ އިން މުދާ އެކްސްޕޯޓު ކުރުމަށް އަދި އެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ވެސް ލިބެން ފަށާފައިވާ ކަމަށް ބަޔާނުގައި ވެ އެވެ. މި އަހަރު، ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތް ހަރުދަނާކުރުމަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލައި، އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަންގެ އެހީގައި ކަންކަން ހަރުދަނާކުރަން ވެސް ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޖަމިއްޔާގެ މެމްބަރު ގައުމަކަށް ރާއްޖެވުމާ އެކު، ކަނޑުދަތުރުފަތުރާ ބެހޭ ދުވަސް ރާއްޖޭގައި ވެސް އަންނަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 29 ގައި ފާހަގަކުރަމުންނެވެ.