29 ސެޕްޓެމްބަރ 2022 - 23:42

އިންޑިއާ އައުޓް ހަރަކާތް މަޑުޖައްސާލާފައި އޮތުމަށް ފަހު އިންޑިއާ އާއި ސަރުކާރާ ގުޅުވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަނެއްކާވެސް މިރޭ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން ކުރިން ފެށި އިންޑިއާ އައުޓް ހަރަކާތް މަޑުޖައްސާލާފައިވާކަމަށް ޔާމީން ކުރިން ވިދާޅުވި އެވެ.
އެކަމަކު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފެށުމަށް ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގައި އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށާއި އިންޑިއާއިން ރާއްޖޭގެ އަމިއްލަ ކަންކަމާ ބެހެމުންދާ ކަމަށް ވިދާޅުވެ، ގިނަ ފާޑު ކިޔުންތަކެއް ޔާމީން އަމާޒު ކުރެއްވި އެވެ.
ގައުމީ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި، ޔާމީން ވިދާޅުވީ ގައުމިއްޔަތާއި ބޮޑުތަކުރުފާނުގެ ވާހަކަ ދައްކަވާއިރު ރާއްޖޭގެ އަމިއްލަ ކަންކަމަށް ބޭރުގެ ނުފޫޒުތަކަށް ޖާގަ ދެއްވަނީ ކިހާ ވަރަކަށްތޯ ސުވާލު އުފެދޭ ކަމަށެވެ.
"މިއަދު އަޅުގަނޑުމެން މި ތިބީ ނާށިގަނޑު ހިފައިގެން އިންޑިއާ މީހުން ކައިރީގައި. އެ މީހުން ކައިރިއަށް ސަލާން ޖަހަން މި ދަނީ. އެ މީހުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކުރަނީ. އެ މީހުން ނޫނެކޭ ބުނާ ދިމާލަކަށް އަޅުގަނޑުމެން ބަލާލުމުގެ ހުއްދައެއް ނެތް. ދާޚިލީ ސިޔާސަތުގައި އެ މީހުން ބުނާގޮތަކަށް ނޫނީ ކަމެއް ނުކުރެވޭ،" ޔާމީން ވިދާޅުވި އެވެ.
"އެހެންވީމަ މިއީ މި ބޭފުޅުން ދައްކަވާކަށް އެންމެ ފައްކާ ވާހަކައެއް ނޫން." ޔާމީން ވިދާޅުވި އެވެ.
އިންޑިއާ އައުޓް ހުއްޓުވަން ރައީސް ނެރުއްވި ގަރާރަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވީ ގަރާރު ނެރެގެން ހަރަކާތްތައް ހުއްޓުވިޔަސް ހިތުގައި ހިނގާ ޝުއޫރުތައް ނުހުއްޓުވޭނެ ކަމަށެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށާއި އެކަމަކު އެކަމާ ކަންބޮޑުވަނީ ޕީޕީއެމުން އެކަނި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދައުލަތުގެ އިސްވެރިންނަށް ވުރެ އިންޑިއާ ސަފީރު ބާރުގަދަ ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިތާނގައި ރައީސުލް ޖުމްހޫރިއްޔާ އާއި ސިފައިންގެ ވެރިޔާއަށް ވުރެ މާ ބާރުގަދަ އިންޑިއާގެ ސަފާރާގައި ހުންނަވާ ސަފީރު. އަދި އޭނާގެ އަތްދަށުން މަސައްކަތްކުރާ މީހާ ވެސް މާ ބާރުގަދަ. އެބުނި ގޮތަށް ކަންކަން ކުރަންޖެހޭ. މިއީ ލޯމަތިން ފެންނަން ހުރި ކަންކަން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އިސްލާމްދީނާއި ގައުމިއްޔަތުގެ ވާހަކަ ސަރުކާރު ކޯލިޝަނާއި އެހެން ޕާޓީތަކުގެ ލީޑަރުން ކިތަންމެ ވަރަކަށް ދެއްކެވިޔަސް، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ވާހަކައެއް ނުދެއްކޭނެ އެވެ.
"މި ވާހަކަ ބުނާކަށް ނުކުރެނު މިވީ ހަތަރު އަހަރުގެ ތެރޭގައި. އެކަމެއް ނުވި އެ ބޭފުޅުންނަކަށް." އެހެން ޕާޓީތަކަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވި އެވެ.
ޗައިނާއެކު ކުރީގެ ސަރުކާރުގައި ގުޅުންތައް ބަދަހި ކުރުމުން އޭރު އެކަމާ ފާޑު ކިޔަމުންދިޔަ މީހުން ކޮބައިތޯ ވެސް ޔާމީން ސުވާލު ކުރެއްވި އެވެ. އަދި އިންޑިއާއަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ އެމަނިކުފާނާއި ސަރުކާރާ ދެމެދު އޮތް އިންތިޚާބެއް ނޫން ކަމަށާއި އެ އިންތިޚާބަކީ ރާއްޖޭގައި އިސްލާމްދީނާއި ދިވެހިން ސަގާފަތާއި މިނިވަންކަން އޮތުމާއި ނެތުމުގެ މައްޗަށް ނެގޭ ވޯޓެއް ކަމަށެވެ.
"މިކަންކަން އޮންނާނެތޯ ނޯންނާނެތޯ ކަނޑައަޅާ ވޯޓެއް 2023 ގެ ވޯޓަކީ. އެއްގޮތަކަށް ވެސް ޕީޕީއެމުން، ޕީއެންސީން މީހަކު ދެއްކީމަ އެ މީހާ ހޮވަން ދޭ ވޯޓަކަށް ނަހައްދަވާ. މިއީ ދިވެހިވަންތަ ސިފަތަކަކާއި އިސްލާމީ ހިދާޔަތުގައި ރާއްޖެ ތިބުމާއި އިސްތިގްލާލާއި މިނިވަންކަމާއި ދައުލަތް ހިންގުމުގެ ސިޔާދަތީ ބާރު ދައުލަތަށް އޮތުމުގެ ފުރިހަމަކަން ކަށަވަރުކޮށްދޭ ވޯޓަކަށް ހައްދަވާ ދެއްވާ." ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމުނުއިރު އޮތީ އަހަރަކަށް ހަތަރު ބިލިއަން ރުފިޔާގެ ދަރަނި ކަމަށާއި އެކަމަކު މި ސަރުކާރުގައި އަހަރަކަށް 10 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މިހާރު ސަރުކާރުން ކުރަމުންދާ ކަމަކީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި މަޝްރޫއުތައް ނިމުމުން އެތަންތަން ހުޅުވުމެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް އެގޮތަށް ކަންކަން ކުރާ ބައެއް ކަމަށް ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަންގައި ތިއްބެވީ ރައްޔިތުންނާ ދެކޮޅު ބައެއް ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުން ޔާމީން ދެއްކެވީ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ޕާކިން ޖޫރިމަނާ ހޯދަމުން ދިއުމާއި މަސްކަނޑުތަކަށް ދިވެހިންގެ ކޮންޓްރޯލް ގެއްލިގެން ދިއުމެވެ. އަދި މި މައްސަލަތައް މަޖިލީހަށް ޕީޕީއެމްގެ ފަރާތުން ހުށަހެޅިޔަސް، ބަހުސް ކުރުމުގެ ފުރުސަތު ވެސް ނުދީ މައްސަލަ ބޭރުކޮށްލީ ކަމަށް ޔާމީން ވިދާޅުވި އެވެ.