ޝާހިދާއި ކްރިތީގެ ލޯބީގެ ފިލްމު ނޮވެމްބަރުގައި ފަށަނީ
ޝާހިދާއި ކްރިތީގެ ލޯބީގެ ފިލްމު ނޮވެމްބަރުގައި ފަށަނީ

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ ކުރިއަށް އޮތް ލޯބީގެ ފިލްމުގެ ޝޫޓިންތައް އަންނަ ނޮވެމްބަރު މަހު ފަށާ ގޮތަށް ހަަމަޖެހިއްޖެ އެވެ.

ޝާހިދާއި ކްރިތީ އެކުގައި ފެންނަ ފުރަތަމަ ފިލްމަކީ ވަރަށް ތަފާތު ލޯބީގެ ފިލްމެއް ކަމަށްވެ އެވެ.

ޝާހިދު ކަޕޫރާއި ކްރިތީ ލީޑު ރޯލު ކުޅޭ އެ ފިިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެެވެ. ފިލްމުގައި ޝާހިދު ފެންނަނީ ރޮބޮޓް އެކްސްޕާޓެއްގެ ގޮތުގަ އެވެ. އަދި ކްރިތީ ރޮބޮޓެއްގެ ރޯލުން ފެންނައިރު އަމިތު ޖޯޝީ ޑައިރެކްޓްކުރާ އެ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ކުރީކޮޅު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ފެށޭ މަހުގެ ތެރޭގައި ލީޑު ދެ ތަރިން ރޯލަށް ތައްޔާރުވުމަށް ވޯކްޝޮޕް ފަށާނެ ކަމަށްވެ އެވެ.

އިންޑިއާ އާއި ޔޫރަޕްގައި ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ.

މިމީގެ ތަރި ކްރިތީގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ވަރުން ދާވަންއާ އެކު އޭނާ ކުޅޭ ފިލްމެއް ހިމެނެ އެވެ.

އެންމެ ފަހުން "ޖޯޒީ" އިން ފެނުނު ޝާހިދުގެ ވެސް ފިލްމީ ގިނަ މަސައްކަތްތަކެއް އެބަ ހުއްޓެވެ.