ތޫފާން އިއާންގައި ފްލޮރިޑާ އަށް ބޮޑެތި ގެއްލުންތަކެއް
ތޫފާން އިއާންގައި ފްލޮރިޑާ އަށް ބޮޑެތި ގެއްލުންތަކެއް

އުތުރު އެޓްލާންޓިކް ކަނޑުގެ ސަރަހައްދުގައި އުފެދުނު ބާރުގަދަ ތޫފާން އިއާން، އިއްޔެ އެމެރިކާގެ ފްލޮރިޑާ އަށް އަރައި އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ފަހު މަޑުމަޑުން އޭގެ ބާރު ދަށްވާން ފަށައިފި އެވެ.

އިއާން ތޫފާން އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ފްލޮރިޑާ އަށް އެރިއިރު އޭގެ ބާރުމިން ހުރީ ހަތަރުވަނަ ގިންތީގަ އެވެ. ނަމަވެސް ފްލޮރިޑާގެ އެއްގަމަށް އަރައިގެން ދިޔަ ވަރަކަށް އެ ތޫފާންގެ ބާރު ދިޔައީ ދަށްވަމުންނެވެ.

މަގުތަކާއި އިމާރާތްތަކުގައި ފެން ބޮޑުވެ، ބޮޑު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް ވެސް ވަނީ ކެނޑިފަ އެވެ. ފްލޮރިޑާ ސަރުކާރުން ބުނި ގޮތުގައި، އިއާން ތޫފާންގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ދެ މިލިއަނެއްހާ މީހުން މިހާރު ތިބީ ކަރަންޓުގެ ހިދުމަތުން މަހުރޫމްވެފަ އެވެ. ތޫފާންގައި ލިބުނު ގެއްލުންތައް މުޅިން އޮޅުންފިލާނީ، ތޫފާންގެ ކޮޅިގަނޑުގެ އަސަރު ކެނޑި، ތޫފާންގެ އަސަރު ފޯރި ސަރަހައްދުތަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބުމުންނެވެ.

އެމެރިކާގެ މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި އިއާން ތޫފާނަކީ އެމެރިކާ އަށް މިހާތަނަށް އެރި އެންމެ ބާރުގަދަ ތޫފާންތަކުގެ ތެރެއިން އެއް ތޫފާނެވެ. ފްލޮރިޑާގެ އައްސޭރިފަށު ސަރަހައްދުތަކަށް ތޫފާން އެރި އިރު، ވައިގެ ބަރުމިން ގަޑިއަކު 150 މޭލުގައި ހުއްޓެވެ.

އިއާން ތޫފާން ފްލޮރިޑާ އަށް އެރީ، އެ ގައުމުގެ ދެކުނުން ކެރީބިއަން ކަނޑު ތެރޭގައި އޮތް ކިއުބާ އަށް އަރައި އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ފަހު އެވެ. ކިއުބާ އިން ދެ މީހަކު މަރުވެ އެތައް ހާސް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެއަށް ފަހު ފްލޮރިޑާއާ ދިމާލަށް ތޫފާން ދަތުރުކުރި އިރު، ކިއުބާ އިން އެމެރިކާ އަށް ވަގަށް އެތެރެވުމަށް ކަނޑުބޯޓެއްގައި ބަޔަކު ދަތުރު ކުރަމުން ދިޔަ ކަމުގެ ރިޕޯޓެއް އެމެރިކާގެ ކޯސްޓް ގާޑް ސިފައިންނަށް ލިބުނެވެ. އެމެރިކާގެ ސަރަހައްދު ބަލަހައްޓާ އިދާރާ އިން ބުނި ގޮތުގައި އެމީހުން ދަތުރުކުރި ބޯޓު، ތޫފާންގެ ކޮޅިގަނޑުގައި ޖެހި ފެތިގެން ދިއުމުން، އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 23 މީހަކު ވަނީ ގެއްލިފަ އެވެ.

އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ކިއުބާގެ ހަތަރު މީހަކު ވަނީ ފަތާފައި، ފްލޮރިޑާގެ ދެކުނުން އޮންނަ ފްލޮރިޑާ ކީ ޖަޒީރާތަކަށް އަރައިފަ އެވެ. އަދި އެމެރިކާގެ ކޯސްޓް ގާޑުން ވަނީ ފަސް މީހަކު ކަނޑުމަތިން ސަލާމަތް ކޮށްފަ އެވެ.

ފްލޮރިޑާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް 12 ފޫޓު އުސްމިނުގައި ރާޅު އަރައި ބޮޑު ސަރަހައްދެއްގައި ފެން ބޮޑުކޮށްލި އެވެ. ގަދަ ވައިގެ ސަބަބުން އެތައް ބައިވަރު ގަސްރުކެއް މުލުން ލުހި، ބައެއް އިމާރާތްތަކުގެ ފުރާޅުތައް ވަޔާ އެއްލައިލި އެވެ. ނަމަވެސް މީހެއްގެ ފުރާނަ އަށް ގެއްލުމެއް ލިބުނު ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.