08 ޖޫން 2016 - 13:28

ނަސަންދުރަ ޕެލަސް ހޮޓެލް ހުރި ތަން އިތުރު ބިމަކާ އެކު 50 އަހަރަށް ކުއްޔަށް ދޭން ހެދި އެއްބަސްވުމާ މެދު އަލުން ގޮތެއް ނިންމަން އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ލަފާދީފައި އޮތަސް އެތަން އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އޮޑިޓަ ޖެނެރަލް ދިން ލަފާގައި ބުނެފައި ވަނީ ސަރުކާރަށް އެއްވެސް ލާރިއެއް ނުދައްކާ އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނެންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިންއިރު، ސީއެސްއާރާ ގުޅޭ އެއްވެސް ތަފުސީލެއް ހިމަނާފައިނުވާތީ އެއްބަސްވުމާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. އޮޑިޓަ ޖެނެރަލްގެ ލަފަޔާ މެދު ސަރުކާރުން ގޮތެއް ނުނިންމައި، އެތަނުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކީއްވެގެން ކަމެއް ސަރުކާރަކުން އަދި ނުބުނެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރުގެ ފަހު ދުވަސްކޮޅު ނަސަންދުރަ ބަންދުކުރީ އެ ސަރަހައްދުގައި ޕާކަކާއި ޓޫރިސްޓުންނަށް ބޭނުންކުރެވޭނެ ރަނގަޅު ފެންވަރުގެ ފާހާނާތަކެއް ހަދާށެވެ. އެކަމަކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ނަސަންދުރަ އަލުން ހިންގަން ނިންމައި، އެތަން ގެލެކްސީ އެންޓަޕްރައިސަސް އަށް ދިނީ އަށް އަހަރަށެވެ.
ގެލެކްސީ އެންޓަޕްރައިސަސް އަކީ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން ބޭފުޅެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ ހިއްސާ އޮތް ކުންފުންޏެކެވެ. އެކަމަކު ފަހުން ނަސަންދުރަ ހިންގުމުގެ ހުރިހާ ކަމެއް ވަނީ އެހެން ކުންފުންޏަކަށް ބަދަލުކޮށްފަ އެވެ. އެ ކުންފުނީގެ ނަމެއް އޮޑިޓް ރިޕޯޓްގައި ހިމަނާފައެއް ނުވެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެއީ މަނިކުގެ ހިއްސާ އޮވެގެން އަލުން އުފެއްދި އެންޕީއެޗު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑެވެ. އެންޕީއެޗަކީ ނަސަންދުރަ ޕެލެސް ހޮޓެލްގެ ނަން ކުރުކޮށް ކިޔާފައި އޮތް ގޮތެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އޮޑިޓަ ޖެނެރަލް ތައްޔާރުކުރެއްވި ޚާއްސަ އޮޑިިޓްގައި ބުނެފައިވާ ގޮތުގައި ކުރިން އޮތް ނަސަންދުރައިގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ޖެނުއަރީ 27، 2015 ގައި ބާތިލްކޮށް، ހަމަ އެ ދުވަހު ނަސަންދުރައިގެ ބިމާއި އެތަނާ ޖެހިގެން ކުރިން އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިން ވެސް އެމްއެމްޕީއާރުސީ އަށް ދިނުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން ސޮއިކުރި އެވެ.
ދެން އޭގެ ފަހުން އެ ދެ ބިން ކުއްޔަަށް ދިނީ، އޮޑިޓް ރިޕޯޓްގައި ނަން ޖަހާފައި ނުވި ނަމަވެސް، އެންޕީއެޗު އިންވެސްޓްމަންޓާ ކަމަށް ބެލެވެ އެވެ. އަދި ސްރީ ލަންކާގެ އޮންލައިން ނޫހެއްގައި ޖެހި ޚަބަރަކުން އެނގޭ ގޮތުން ނަސަންދުރަ ހުރި ބިމުގައި 150 ކޮޓަރީގެ ހަތަރު ތަރީގެ ހޮޓަލަކާއި 100 އެޕާޓްމަންޓް ތަރައްގީކުރަން ލަންކާގެ ބްރައުންސް ހޮޓެލްސް އެންޑް ރިސޯޓްސްއާ އެކު އެންޕީއެޗު އިންވެސްޓްމަންޓުން ސޮއިކުރި އެވެ. އެންޕީއެޗުގެ އިތުރުން މި އިންވެސްޓްމަންޓްގައި، މަނިކުގެ ހިއްސާ އޮންނަ އެހެން ކުންފުންޏެއް ކަމަށްވާ އަލްފާ ކިނަމް ހޯލްޑިންގް ވެސް ބައިވެރިވެ އެވެ.
އޮޑިޓް ރިޕޯޓްގައި އެ ބިމާ މެދު ގޮތެއް ނިންމަން އެދިފައި ވިޔަސް ސަރުކާރުން އެޅީ ކޮން ފިޔަވަޅެއް ކަމެއް ނޭނގެ އެވެ. ދައުލަތުގެ އެހާ ބޮޑު ބިމެއް ދީފައި އޮތް ގޮތާ މެދު އޮޑިޓަ ޖެނެރަލް ސުވާލު އުފައްދަވާފައިވާ އިރު އެކަމާ މެދު ޓޫރިޒަމް މިނިސްޓްރީން އަދި އެއްވެސް މައުލޫމާތެއް މީޑިއާއަކަށް ނުދެ އެވެ.
ނަސަންދުރަ ހުރި ބިން ތަރައްގީކުރުމުގެ މަސައްކަތް ބްރައުން ހޮޓެލްސް އެންޑް ރިސޯޓްސްގެ ފަރާތުން ހަވާލުކޮށްފައި ވަނީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޗައިނާގެ ކުންފުންޏަކާ އެވެ. އެއީ މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އަޅާ ސީސީސީސީ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް އެ މަސައްކަތްކުރަނީ ޗައިނާގެ އެހެން ކުންފުންޏަކުން ކަމަށްވެ އެވެ.
މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން އެންޕީއެޗު ވެސް އަދި އަލްފާ ކިނަމްގެ ފަރާތުން ވެސް އެއްވެސް މައުލޫމާތެއް ނުދެ އެވެ.