08 ޖެނުއަރީ 2017 - 10:49

ލަންޑަން (ޖެނުއަރީ 8) - އެފްއޭ ކަޕް ތިން ވަނަ ބުރުގައި ރޭ ޕްރެސްޓަން އަތުން އާސެނަލް 2-1 އިން މޮޅުވި މެޗުގައި ކެޕްޓަންކަން ކުރި އޮލިވިއޭ ޖިރޯ އަށް މޮޅު ކެޕްޓަނަކަށް ވެވޭނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެެ.
ރޭގެ މެޗުގެ ހަތް ވަނަ މިނިޓްގައި ކަލުމް ރޮބިންސަންގެ ލަނޑުން ޕްރެސްޓަން ލީޑު ނަގާފައިވަނިކޮށް ދެ ވަނަ ހާފްގައި އާސެނަލަށް އެއްވަރުކޮށްދިނީ އާރޮން ރަމްސޭ އެވެ. ޖިރޯ އާސެނަލް މޮޅުކޮށްދިނީ މެޗު ނިމެން އެއް މިނިޓަށް ވެފައި ވަނިކޮށެވެ.
"ޖިރޯ ކެޕްޓަނެއްގެ ޒިންމާ އަދާކޮށްދީފި. މި މެޗުގައި އޭނާ އަށް ބޭންޑް ދޭން އަހަރެން ނިންމީ ފާއިތުވި ހަފްތާތަކުގައި އޭނާ ދެއްކި ހިތްވަރު ގަދަ މޮޅު ކުޅުމުގެ ސަބަބުން،" ރޭގެ މެޗަށް ފަހު ވެންގާ ބުންޏެވެ.
"ކުޅުމުގެ ފުރުސަތު ނުލިބެންޏާ އެއްވެސް ކުޅުންތެރިޔަކު ހިތްހަމައެއް ނުޖެހޭނެ. ބެންޗުގައި އިންނަން ޖެހުމުން ޖިރޯގެ ވެސް އެ ކަންބޮޑުވުންތައް ހުރި. އެކަމަކު އޭނާ ބޭނުންވީ އަމިއްލަ މަސައްކަތުން ޓީމުން ޖާގަ ހޯދަން."
ރޭގެ މެޗުގައި ޕްރެސްޓަންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ކަމަށާއި އިނގިރޭސި ދެ ވަނަ ޑިވިޝަނަކީ މިހާރު ވަރަށް ބޮޑަށް ކުރިއަރާފައިވާ ލީގެއް ކަމަށް ވެންގާ ބުންޏެވެ.
އޭނާ ބުނީ މި މަހުގެ ޓްރާންސްފާ މާކެޓްގައި އިތުރު ކުޅުންތެރިޔަކު އާސެނަލާ ގުޅުމުގެ އޮތީ ހަނި ފުރުސަތެއް ކަމަށެވެ.
"ކޮންމެ ޓްރާންސްފާ މާކެޓެއްގައި ވެސް ޓީމު ވަރުގަދަކުރަން މަސައްކަތް ކުރަން. އެކަމު މި މަހު އާސެނަލާ އިތުރު ކުޅުންތެރިޔަކު ގުޅުމުގެ އޮތީ ކުޑަ ފުރުސަތެއް" ވެންގާ ބުންޏެވެ.
އާސެނަލް ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެފްއޭ ކަޕް ދެ ފަހަރެއްގެ މަތިން ހޯދައިފަ އެވެ. ވެންގާ އަކީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އާސެނަލް 12 ފަހަރު އެފްއޭ ކަޕް ހޯދާފައިވާއިރު، އޭގެ ތެރެއިން ހަ ފަހަރު އެ ޓީމުން ތަށި އުފުލާލީ ވެންގާގެ ކޯޗުކަމުގަ އެވެ.