29 ސެޕްޓެމްބަރ 2022 - 10:16

ޗެލްސީން 2012 ވަނަ އަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމުގެ މުހިއްމު ހިއްސާއެއް ކަމަށްވާ ބްރެޒިލްގެ މިޑްފީލްޑަރު ރަމިރޭސް، އުމުރުން 35 އަހަރުގައި ފުޓުބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ކުރިން ބެންފީކާއަށް ވެސް ކުޅުނު ރަމިރޭސް، ކުޅުން ހުއްޓާލިކަން ރޭ އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހާމަ ކުރި އިރު، އޭނާ ކުޅުމާ ދުރުގައި ހުންނަތާ ދެ އަހަރު ވެއްޖެ އެވެ. ޗެލްސީ ދޫކޮށް 2016 އިން ފެށިގެން 2019 އަށް ޗައިނާ ލީގުގެ ޖިއަންގްސޫ ސަނިން އަށް ކުޅުމަށް ފަހު އޭނާ ވަނީ 2020 އާ ހަމައަށް ބްރެޒިލްގެ ޕަލްމެއިރާސް އަށް ކުޅެފަ އެވެ.

ޕަލްމެއިރާސް އަށް ކުޅުމަށް ފަހު، ޖަޕާނުގެ ކުލަބުތަކުން ވެސް އޭނާއަށް ޝައުގުވެރިކަން ފާޅު ކުރި ނަމަވެސް، 2020 ވަނަ އަހަރުގެ ފަހުކޮޅު ރަމިރޭސް ވަނީ ކުޅުން ހުއްޓާލަން ވިސްނައިފަ އެވެ.
ޗެލްސީގެ ސަޕޯޓަރުންގެ މެދުގައި ރަމިރޭސްގެ މަގުބޫލުކަން އެންމެ ބޮޑަށް އުފެދުނީ 2012 ވަނަ އަހަރު ބާސެލޯނާ ކޮޅަށް ޖެހި ހިތްގައިމު ގޯލާ އެކު ޗެމްޕިއަންސް ލީގު ފައިނަލަށް އެޓީމު ގެންގޮސްދިނުމުންނެވެ. ޗެލްސީއާ އެކު 2010 އިން 2016 އަށް ކުޅުނު ރަމިރޭސް ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ލީގް ކަޕާއި ޔޫރޮޕާ ލީގް ވެސް ކާމިޔާބު ކޮށްފަ އެވެ.
ޗައިނާގައި ކާމިޔާބު ނުލިބުނު ނަމަވެސް، އެނބުރި ބްރެޒިލްގައި އޭނާގެ ފަހު ސީޒަނުގައި ވަނީ ސްޓޭޓް ލީގާއި ބްރެޒިލް ކަޕް އަދި ކޮންމެބޮލް ކޮޕާ ލިބަޓަޑޯރެސް ކާމިޔާބު ކޮށްފަ އެވެ.
ރަމިރޭސް ވަނީ 2009 އިން 2014 އަށް ބްރެޒިލްގެ ގައުމީ ޓީމަށް 52 މެޗު ކުޅެދީ ހަތަރު ލަނޑު ޖަހައިފަ އެވެ. އަދި ގައުމީ ޓީމާ އެކު އޭނާ ވަނީ 2010 އަދި 2014 ގެ ފީފާ ވޯލްޑް ކަޕުގައި ކުޅެފަ އެވެ. ހަމަ އެއާ އެކު 2009 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަން ކަޕް ކާމިޔާބު ކުރުމުގެ އިތުރުން އޭނާ ވަނީ 2008 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ބްރެޒިލް އާއެކު ލޯ މެޑަލް ހޯދައިފަ އެވެ.
ރަމިރޭސް ކުޅުން ހުއްޓާލުމުގެ އެއް ދުވަސް ކުރިން، ޗެލްސީއާ އެކު 2006 އިން 2017 އަށް ކުޅުނު ނައިޖީރިއާގެ މިޑްފީލްޑަރު ޖޯން އޮބީ މިކެލް ވެސް ވަނީ އުމުރުން 35 އަހަރުގައި ކުޅުން ހުއްޓާލައިފަ އެވެ. އޭނާ ވަނީ ޗެލްސީގައި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި ކޮމިއުނިޓީ ޝީލްޑާއި ލީގް ކަޕް އެއް ފަހަރު ކާމިޔާބުކުރުމުގެ އިތުރުން، ތިން އެފްއޭ ކަޕާއި ދެ ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ.
ކުޅުން ހުއްޓާލުމުގެ ކުރިން މިކެލް ވަނީ ޗެލްސީ ދޫކޮށް، އެންމެ ފުރަތަމަ ދެ ސީޒަނުގައި ޗައިނާ ލީގުގައި ކުޅެފަ އެވެ. އެއަށް ފަހު އިނގިރޭސި ޗެމްޕިއަންޝިޕުގައި މިޑްލްސްބަރާ އަށް އެއް ސީޒަން ކުޅެ، ޖެހިގެން އައި ސީޒަނުގައި ކުޅުނީ ތުރުކީގެ ޓްރަބްޒޮންސްޕޯ އަށެވެ. އެ ޓީމާ އެކު ތުރުޕީ ކަޕް ކާމިޔާބުކޮށް އެނބުރި ޗެމްޕިއަންޝިޕުގައި ސްޓޯކް ސިޓީއަށް ކުޅެ، މިދިޔަ ސީޒަނުގައި ފެނުނީ ކުވެއިތު ސްޕޯޓްސް ކުލަބުންނެވެ. ނަމަވެސް އެޓީމުން ވަނީ ހަތަރު މަހަށް ފަހު، މިދިޔަ އަހަރުގެ ނޮވެމްބަރުގައި ކޮންތްރެކްޓު އުވާލައިފަ އެވެ.
މިކެލް ވަނީ ނައިޖީރިއާ ގައުމީ ޓީމަށް 91 މެޗު ކުޅެ، ހަ ގޯލު ޖަހައިދީފަ އެވެ. އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕުގައި ނައިޖީރިއާ ގައުމީ ޓީމަށް ކުޅުނު މިކެލް ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސް ކަޕް އެއްފަހަރު ކާމިޔާބުކޮށް، 2016 ވަނަ އަހަރު އޮލިމްޕިކްސްގައި ލޯ މެޑަލް ހޯދައިފަ އެވެ.
މިކެލް ކުޅުން ހުއްޓާލިކަން ހާމަކުރި ދުވަހު، މެންޗެސްޓާ ސިޓީ އާއެކު ދެ ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރި އިނގިރޭސި މިޑްފީލްޑަރު ފަބިއަން ޑެލްފް ވެސް ވަނީ ކުޅުން ހުއްޓާލައިފަ އެވެ.
ލީޑްސް ޔުނައިޓެޑާ އެކު ދެވަނަ ޑިވިޝަނުން ކެރިއަރު ފެށި ޑެލްފް އެންމެ ފުރަތަމަ ޕްރިމިއާ ލީގުގައި ކުޅެން ފެށީ 2009 ވަނަ އަހަރު އެސްޓަން ވިލާއަށެވެ. އޭގެ ފަހުން ސިޓީ އަށް ހަތަރު ސީޒަން ކުޅެދީ، ފާއިތުވި ތިން ސީޒަނުގައި ކުޅުނީ އެވަޓަން އަށެވެ.
އުމުރުން 32 އަހަރުގެ ޑެލްފް އަށް 2016 ގެ ޔޫރޯ މުބާރާތުން އިނގިރޭސި ސްކޮޑުން ޖާގަ ލިބުނު ނަމަވެސް ފަހު ވަގުތު އަނިޔާ ވެގެން ޓީމާ އެކު ދަތުރު ކުރެވޭ ގޮތެއް ނުވި އެވެ. ނަމަވެސް ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އޭނާ ވަނީ އިންގްލެންޑަށް ކުޅެފަ އެވެ. އޭނާ ވަނީ އިނގިރޭސި ގައުމީ ޓީމަށް 20 މެޗު ކުޅެދީފަ އެވެ.