ހާނިޔާ ވޭ: ނިމެނީ ސިދާތު ރަކުލްއަށް ޕްރޮޕޯޒް ކޮށްގެން
ހާނިޔާ ވޭ: ނިމެނީ ސިދާތު ރަކުލްއަށް ޕްރޮޕޯޒް ކޮށްގެން

ބޮލީވުޑްގެ ކުރިއަށް އޮތް ފިލްމު، "ތޭންކް ގޯޑް" ގެ "ހާނިޔާ ވޭ" ލަވަ ނެރެފި އެވެ.

އަންނަ މަހުގެ 25 ގައި ރިލީޒްކުރާ ގޮތަށް އޮތް އެ ފިލްމުގެ ދެވަނަ ލަވައަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޖުބިން ނޯޓިޔާލް ކިޔާފައިވާ ލަވައެކެވެ. ސިދާތާއި ރަކުލް އުޅޭ އެ ލަވަ ފެށެނީ ސިދާތު ކަމަކާ ހިތްހަމަނުޖެހިފައި ހުރުމުން އޭނާ ހަމަޖައްސަން ރަކުލް ކުރާ މަސައްކަތުންނެވެ. އަދި ލަވަ ނިމޭއިރު ސިދާތު، ރަކުލްއަށް ޕްރޮޕޯސްކުރާ މަންޒަރު ފެނެ އެވެ.

އެ ފިލްމުން އެންމެ ފުރަތަމަ ނެރުނީ "މަނިކޭ" ލަވަ އެެވެ. އެއީ ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ، ޔޮހާނީ ދިލޯކާ ޑި ސިލްވާ ކިޔާފައިވާ ސިންހަޅަ ލަވައެއް ކަމަށްވާ، "މަނިކޭ މަގޭ ހިތޭ" ގެ ހިންދީ ވާޝަނެވެ. އެ ލަވައިގައި ފެނުނީ ސިދާތާއި މަޝްހޫރު ބެލީ ޑާންސާ، ނޯރާ އެވެ.

"ތޭންކް ގޯޑް" އަކީ ކޮމެޑީ ފިލްމެކެެވެ. ފިލްމުގެ ލީޑު ރޯލުގައި އަޖޭ ދޭވްގަން ވެސް ފެންނާނެ އެވެ.

ފިލްމުގެ ޓްރެއިލާ ކުރިން އާންމުކޮށްފައިވާއިރު އޭގައި ފެންނަ ގޮތުގައި ރަކުލްއަކީ ޕޮލިސް އޮފިސަރެކެވެ. އަދި އާންމު މީހެއްގެ ރޯލުން ސިދާތު ފެންނައިރު އޭނާ ފެންނަނީ އޭނާގެ އަންހެނުން ހިމެނޭ ގޮތަށް އެންމެން ދެކެވެސް ވަރަށް ޖެލަސްވާ މީހެއްގެ ގޮތުގަ އެވެ.