މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ ހާއްސަ މެހެމާނަކީ ޑްވައިކް ޔޯކް
މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ ހާއްސަ މެހެމާނަކީ ޑްވައިކް ޔޯކް

އަލަށް ތައާރަފްކުރާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެވޯޑް ހަފުލާގެ ހާއްސަ މެހެމާނެއްގެ ގޮތުން މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ޑްވައިޓް ޔޯކް ރާއްޖެ ގެންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެފްއޭއެމް އާއި ފުޓްބޯޅަ ހަބަރު ގެނެސްދޭ ވެބްސައިޓް މޯލްޑިވްސް ފުޓްބޯލް ގުޅިގެން ބާއްވާ އެވޯޑް ހަފުލާ އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެރެ އެވެ. މޯލްޑިވްސް ފުޓްބޯލްއާ ވާހަކަދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިފަދަ ހައި ޕްރޮފައިލް ކުޅުންތެރިއަކު އެވޯޑް ނައިޓްގައި ބައިވެރިވުމަކީ މި ހަފްލާއަށް ލިބިގެންދާނެ އިތުރު ފުރިހަމަ ކަމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަޝްހޫރު މޫނުތައް އެވޯޑް ނައިޓުން ފެނިގެންދާނެ ކަމަށެވެ.

ޓްރިނާޑް އެންޑް ޓޮބޭގޯ ގައުމީ ޓީމަށް 1989-2009 އަށް 74 މެޗު ކުޅެދީފައީވާ ޔޯކް ވިދާލީ 1998-2002 އަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރެވެ. އޭނާ ވަނީ އެލެކްސް ފާގަސަންގެ އިރުޝާދުގެ ދަށުން ކުޅެ އިނގިރޭސި ޕްރިމިއާ ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. ބަޔާން މިއުނިކް އަތުން ހައިރާންކުރުވަނިވި ގޮތަކަށް 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުން ޔުނައިޓެޑް މޮޅުވިއިރު ޔޯކް ފުލްކޮށް ކުޅުނެވެ.

އެސްޓަން ވިލާ އާއި ބްލެކްބާން ރޯވާސް އާއި ބާމިންހަމް ސިޓީ އަދި ސަންޑަލެންޑަށް ވެސް ކުޅެފައިވާ ޔޯކް ވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޓްރިނާޑް އެންޑް ޓޮބޭގޯ ފުރަތަމަ ފަހަރަށް ކޮލިފައިކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ ފަހުން ވަނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކޮށްފަ އެވެ.

އަލަށް ތައާރަފްކުރާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ މާޒިޔާގެ އަސަދުﷲ އަބްދުﷲ އާއި ޓީސީ ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) އަދި ކްލަބް އީގަލްސްގެ އިމްރާން ނަޝީދެވެ. އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ މާޒިޔާގެ އަލީ ސުޒޭނާއި ޓީސީގެ މުހައްމަދު ނިޒާމް އަދި އީގަލްސްގެ އިހުސާން އަބްދުލްގަނީ (ސާންތީ) އެވެ. މީގެ އިތުރުން އެންމެ އުއްމީދީ ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.