އަލަމްގީރްގެ 40 ދައުވާގެ ހުކުމް ކުރުން މާދަމާ
އަލަމްގީރްގެ 40 ދައުވާގެ ހުކުމް ކުރުން މާދަމާ

ދިވެހި ފިރިހެނުންތަކަކާ އެކު އެއް ޖިންސުން ގުޅުން ހިންގައި އެ މަންޒަރު ރިކޯޑު ކުރި ކަމަށް އިއުތިރާފުވެފައިވާ، ބަންގްލަދޭޝް އަށް އުފަން އެމްޑީ އަމަލްގީރްގެ މައްޗަށް އުފުލާފައިވާ އޮރިޔާންކާޑު ހެދުމުގެ 40 ދައުވާ އަށް ހުކުމް ކުރުމުގެ އަޑުއެހުން މާދަމާ ބާއްވަން ތާވަލުކޮށްފި އެވެ.

އަލަމްގީރްގެ މައްޗަށް، އޮރިޔާންކާޑު ހެދުމުގެ 40 ދައުވާ އުފުލީ، އޭނާ މާލޭގެ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގެ ތެރޭގައި ފިރިހެނުންނާ ބައްދަލުކޮށް، އެއް ޖިންސުން ގުޅުން ހިންގި މަންޒަރު ސިއްރުން ރެކޯޑުކޮށްފައިވާތީ އެވެ. މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ ހުރިހާ ދައުވާތަކަށް އިއުތިރާފުވެފަ އެވެ.

ކްރިމިނަލް ކޯޓުގެ ތަރުޖަމާނު މުހައްމަދު އަމާން ވިދާޅުވީ، މިއަދު އެ 40 ދައުވާގެ އަޑުއެހުމުގައި އޮތީ އަލަމްގީރް އާއި ދައުލަތުގެ ފަރާތުން އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުން ކަމަށެވެ. އަދި އަދަބާ ބެހޭގޮތުން ވާހަކަދެއްކުމަށް ފަހު، މާދަމާ ހުކުމް ކުރުމަށް ތާވަލުކޮށް މިއަދުގެ އަޑުއެހުން ނިންމާލީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކުއުޓާ އަދި ތަރުޖަމާނު އަހުމަދު ޝަފީއު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ދައުވާއަކަށް އޭނާ އަށް އަންނާނީ 27 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ދެ އަހަރާއި 11 މަހާއި 15 ދުވަހުގެ ހުކުމެކެވެ.

އަލަމްގީރްގެ މައްޗަށް މީގެ ކުރިން އެއް ޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއެއް ވެސް ވަނީ އުފުލައިފަ އެވެ. އެއީ އޭނާ، ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާާން ރަފީއުއާއެކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ ތިން ދައުވާ އެވެ.

އެ ތިން ދައުވާ އަށް އަލަމްގީރް އިއުތިރާފުވުމުން، އޭނާގެ މައްޗަށް ކުށް ސާބިތުވެ އޭނާ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ ހުކުމްކޮށްފަ އެވެ.

އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން ރަފީއު އެއް އަހަރަށް ޖަލަށް އަދި ނާޒިމް ތިން މަހަށް ގޭބަންދު ކުރަން މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެއީ އެ މީހުން އިއުތިރާފުވުމުންނެވެ. ނަޝީދުގެ މައްސަލަ އަދިވެސް ކޯޓުގައި ކުރިއަށް އެބަ ދެ އެވެ.

އަލަމްގީރްއާ އެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ބޭނުންކޮށްގެން އޭނާއާ އެކު ޖިިންސީ ގުޅުން ހިންގި މީހުން ބްލެކްމެއިލް ކުރި މައްސަލަ ވެސް ފުލުހުން ބަލަމުންދާއިރު އެކަމާ ގުޅިގެން މިހާރު ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ބ. ދަރަވަންދޫ، ހަމްދޫން އަބްދުﷲ އަކީ، ބްލެކްމެއިލް ކުރުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.