28 ސެޕްޓެމްބަރ 2022 - 12:16

ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ބިންތަކުގައި ދިރިއުޅޭ އާންމުންގެ ވަރަށް ގިނަ މީހުން ބޭނުންވަނީ، އެ ބިންތައް ރަޝިޔާގެ ބައެއް ގޮތުގައި ކަނޑައަޅައި، ރަޝިޔާގެ ވެރިކަމުގެ ދަށުގައި އޮންނަން ކަމަށް، އެ ސަރަހައްދުތަކުގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައިފި އެވެ.
ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅުމާ މެދު އާންމުން ދެކޭ ގޮތެއް ބެލުމަށް، މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ވޯޓު ނެގީ، ޔޫކްރޭންގެ ދެކުނުގައި އޮންނަ ދެ ސަރަހައްދެއް ކަމަށްވާ ޒަޕަރޯޖިޔާ އާއި ޚެރްސޯންގަ އެވެ. އޭގެ އިތުރުން އިރުމަތީ ދެ ސަރަހައްދެއް ކަމަށްވާ ލުހާންސްކް އާއި ޑޮނެޓްސްގައި ވެސް ފެންނަ ނުފެންނަ ވޯޓު ނެގި އެވެ.
މި ހަތަރު ސަރަހައްދުގައި ވޯޓު ނެގުމުގެ ކަންތައް ކުރިއަށް ގެންދިޔައީ، އެ ސަރަހައްދުތަކުގެ ވެރިންގެ ގޮތުގައި ރަޝިޔާ އިން ކަނޑައަޅާފައި ތިބި ޔޫކްރޭންގެ ރައްޔިތުންގެ ބެލުމުގެ ދަށުންނެވެ. މުޅި ޔޫކްރޭންގެ ބިމުގެ ގާތްގަނޑަކަށް 15 ޕަސެންޓް ހިއްސާކުރާ އެ ހަތަރު ސަރަހައްދުގައި ނެގި ވޯޓަކީ، އެ ސަރަހައްދުތަކުގެ ރައްޔިތުން ބޭނުންވެގެން ނެގި ވޯޓެއް ނޫން ކަމަށާއި، އެއީ ރަޝިޔާ އިން ދުރާލައި ރާވައިގެން ކުޅުނު ކުޅިގަނޑެއް ކަމަށް ވިލާތުގެ ގައުމުތަކުން ތުހުމަތުކުރެ އެވެ.
ލުހާންސްކް ޖުމްހޫރިއްޔާ އަށް ރަޝިޔާ އިން ކަނޑައަޅާފައި ތިބި ވެރިން ވިދާޅުވާ ގޮތުގައި ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 98.4 ޕަސެންޓް މީހުން ބޭނުންވަނީ ރަޝިޔާއާ ގުޅުމަށެވެ. ޒަޕަރީޖިޔާގައި އެ ނިސްބަތް ހުރީ 93 ޕަސެންޓްގައި ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ވިދާޅުވެ އެވެ.
ޚެރްސޯން ސަރަހައްދުގެ ވޯޓުގެ ކަންތައް ބަލަހައްޓާ ކޮމިޓީގެ ވެރިޔާ ވިދާޅުވި ގޮތުގައި އެ ސަރަހައްދުން، ރަޝިޔާއާ ގުޅެން ތާއީދުކުރި މީހުންގެ ނިސްބަތަކީ 87 ޕަސެންޓެވެ. އޭގެ އިތުރުން ޑޮނެޓްސްކް ޖުމްހޫރިއްޔާގައި ހުންނަވާ އިސް އޮފިޝަލް ވިދާޅުވި ގޮތުގައި، ރަޝިޔާއާ ގުޅުމަށް އެ ޖުމްހޫރިއްޔާގެ 99.2 ޕަސެންޓް މީހުން ތާއީދުކުރެ އެވެ.
އެ ހަތަރު ސަރަހައްދުގެ އޮފިޝަލުން ވެސް ވިދާޅުވީ މިދިޔަ ފަސް ދުވަހު ނެގި ވޯޓުތައް މިހާރު ގުނައި ނިމިފައިވާ ކަމަށެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އެ ހަތަރު ސަރަހައްދުގައި ވޯޓު ނެގުމުގެ ކަންތައް ބައެއް ދުވަސްތަކުގައި ކުރިއަށް ދިޔައީ، ވޯޓު ނެގުމާ ހަވާލުވެ ތިބި މީހުން، ވޯޓު ފޮށި ހިފައިގެން ގެއިން ގެއަށް ހިނގައިގެންނެވެ.
ރަޝިޔާ ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން އެ ސަރަހައްދުތަކުގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާތައް ސާފުވުމާ ގުޅިގެން، އެ ސަރަހައްދުގެ ރައްޔިތުން އެދޭ ގޮތް، އެ ސަރަހައްދުތަކުގެ ރައްޔިތުންގެ ފަރާތުން، ރަޝިޔާ ސަރުކާރަށް ރަސްމީކޮށް ހުށަހަޅާނެ އެވެ. ރަޝިޔާ ސަރުކާރުން އެ މައްސަލަ ދެން ފޮނުވާނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށެވެ.
ބެލެވޭ ގޮތުގައި، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި، ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގައި އެކަމާ ބެހޭ ގޮތުން ބަހުސްކޮށް، ވަކި ގޮތެއް ނިންމުމަށްޓަކައި ވޯޓެއް ނަގާނެ އެވެ. ޔޫކްރޭންގެ ދެކުނުގައި އޮންނަ ޒަޕަރޯޖިޔާ އާއި ޚެރްސޯންގެ އިތުރުން އިރުމަތީގެ ލުހާންސްކް އާއި ޑޮނެޓްސްކް، ރަޝިޔާގެ ބައެއްގެ ގޮތުގައި، ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމަށް ފަހު، އެއިން ސަރަހައްދަކަށް ބަޔަކު ދޭ ކޮންމެ ހަމަލާއަކީ ވެސް، ރަޝިޔާއަށް ދޭ ހަމަލާއެއްގެ ގޮތުގައި ރަޝިޔާ ސަރުކާރުން ބަލާނެ އެވެ.